މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "އިސްތިރީ 2"ގެ ކާމިޔާބީއަށްފަހު އެ ފިލްމުގެ ބަތަލާ ޝްރައްދާ ކަޕޫރު މިހާތަނަށް އެންމެ ބޮޑު އަގުގައި ކުޅެދޭ ފިލްމަށް ސޮއިކޮށްފިއެވެ.
ބޮލީވުޑްގެ ރިޕޯޓުތައް ބުނާގޮތުން ޝްރައްދާ ސޮއިކޮށްފައި ވަނީ ޕްރޮޑިއުސަރު އެކްތާ ކަޕޫރު އުފައްދާ އަނިލް ބާވޭ ޑައިރެކްޓްކުރާ ތުރިލާއަކަށެވެ.
މި ފިލްމަށް ޝްރައްދާ ސޮއިކޮށްފައި ވަނީ 17 ކްރޯޑު ރުޕީސް (2.01 މިލިއަން ޑޮލަރު)އަށެވެ. މީގެއިތުރުން ޝްރައްދާ މި ފިލްމަށް ސޮއިކޮށްފައި ވަނީ ފިލްމުގެ ފައިދާގެ ގޮތުގައި ލިބޭ ބައެއްގެ ހިއްސާ ވެސް ބަތަލާއަށް ލިބޭގޮތަށް ހާއްސަ އެއްބަސްވުމެއްގެ ދަށުންނެވެ.
މި އަހަރުގެ ޖުލައި މަހުގެތެރޭ މި ފިލްމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނައިރު މިހާތަނަށް އެންމެ ބޮޑު އަގުގައި ފިލްމެއް ކުޅެދީފައި ވަނީ އިންޑިއާގެ ބަތަލާ ދީޕިކާ ޕަދުކޯންއެވެ. ޝްރައްދާ ސޮއިކޮށްފައިވާ ފިލްމާ ގުޅޭގޮތުން ފިލްމުގެ ޕްރޮޑަކްޝަން ހައުސްއާ ހަވާލާދީ މީޑިއާތަކުން ބުނެފައި ވަނީ، މިއީ މިހާތަނަށް ޝްރައްދާގެ ކެރިއަރުގައި ވެސް އެންމެ ގިނަ އާމްދަނީ ބަތަލާއަށް ލިބޭނެ ފިލްމު ކަމަށެވެ.

ބޮލީވުޑް ބަތަލާ ޝްރައްދާ ކަޕޫރު, ފިލްމު ޕްރޮޑިއުސަރު އެކްތާ ކަޕޫރު އަދި ޑައިރެކްޓަރު އަނިލް ބާވޭ--ފޮޓޯ/ބޮލީވުޑްހަންގާމާ
ހަމައެއާއެކު 17 ކްރޯޑު ރުޕީސްގެ ފީއާ އެކު ޝްރައްދާ ވެފައި ވަނީ މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ފިލްމަކުން ލިބޭނެ ބަތަލާއަށް ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
މި ފިލްމުގެ ފައިދާގެ ގޮތުގައި ލިބޭ އާމްދަނީއާ އެކު ޝްރައްދާގެ ނަން ހިންދީ ސިނަމާގެ ތާރީޚުގައި ލިޔެވިގެންދާނީ މިވަގުތު ބޮލީވުޑްގެ އެންމެ ބޮޑު އާމްދަނީއެއް ލިބޭ ބަތަލާއިން ކަމަށްވާ އާލިއާ ބަޓް، ދީޕިކާ ޕަދުކޯން އަދި ކިއާރާ އަދުވާނީއަށް ވުރެ ދެގުނަ އާމްދަނީ ފިލްމަކުން ހޯދި ބަތަލާގެ ގޮތުގައި ކަމަށް ބޮލީވުޑްހަންގާމާގައިވާ ރިޕޯޓެއްގައި ވަނީ ބުނެފައެވެ.
ފިލްމު "އިސްތިރީ 2"ގެ ކާމިޔާބީއަށްފަހު ބަތަލާ އެ ފިލްމުގެ ތިން ވަނަ ބައިން ވެސް ފެންނާނެ ކަމަށް މެޑްޑޮކް ފިލްމްސްއިން ވަނީ ކަށަވަރުކޮށްދީފައެވެ.