މޯލްޑިވްސް 2.0ގެ ތަސައްވުރަށް ވާސިލުވާން 8 ލަނޑުދަނޑިއެއް

ރައީސް މުއިއްޒު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި: މޯލްޑިވްސް 2.0ގެ ތަސައްވުރަށް ވާސިލުވާން 8 ލަނޑުދަނޑިއެއް ކަނޑައަޅައިފި -- ފޮޓޯ/ ރައީސް އޮފީސް

"މޯލްޑިވްސް 2.0" ނުވަތަ ޑިޖިޓަލައިޒް ގައުމަކަށް ރާއްޖެ ހެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ދަށުން ކަނޑައެޅާފައިވާ އަށް ލަނޑުދަނޑިއެއް އެމަނިކުފާނު މިއަދު ހާމަކުރައްވައިފިއެވެ.

"މޯލްޑިވްސް 2.0" އަކީ ޑިޖިޓަލް ޓްރާންސްފޮމޭޝަނަކަށް ރާއްޖެ ގެންދިޔުމުގައި ރައީސުލްޖުމްހޫރިއްޔާގެ ގައުމީ ތަސައްވުރެވެ. އެއީ ސަރުކާރުން ޚިދުމަތްކުރާ ގޮތާއި، އިގްތިސޯދު ކުރިއަރަމުންދާ ގޮތާއި، އާންމު ޚިދުމަތާއި، ޒަރޫރީ މައުލޫމާތު ކޮންމެ ދިވެއްސަކަށް، ކޮންމެ ރަށަކަށް ފޯރުވާގޮތް އަލުން ބައްޓަންކުރުމުގެ ތަސައްވުރެކެވެ.

'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު މިއަދު ވިދާޅުވީ "މޯލްޑިވްސް 2.0"އަކީ މުސްތަގުބަލަށް އެމަނިކުފާނުގެ ވިސްނުން ކަމަށެވެ. އަދި އެއީ ކޮންމެ ރައްޔިތަކަށް، ކޮންމެ ރަށަކަށް، އަދި އަންނަން އޮތް ކޮންމެ ޖީލަކަށް ވެސް 'ޑިޖިޓަލް ފަސްޓް މޯލްޑިވްސް'އެއް ބިނާކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

ޑިޖިޓަލައިޒް ރާއްޖެއަކަށް މިސްރާބު ޖެހުމަށްޓަކައި އެ ތަސައްވުރުގެ ދަށުން ވަނީ އަށް ލަނޑުދަނޑިއެއް ކަނޑައަޅައިފައެވެ.

ރައީސް ވިދާޅުވީ މި އަށް ލަނޑުދަނޑި ބައްޓަންކުރަނީ، ވެރިކަން ކުރާ ގޮތާއި، ހައްގުތައް ހިމާޔަތްކޮށް، ދެފުށް ފެންނަ ގޮތުގެ އިތުރުން ދައުލަތުގެ މުއައްސަސާތަކަށް ކުރާ އިތުބާރު އަލުން އާރާސްތުކުރަން ކަމަށެވެ.

އެ އަށް ލަނޑުދަނޑިއަކީ:

  • ޑިޖިޓަލް އައިޑެންޓިޓީ އެންޑް ޓްރަސްޓެޑް ޓްރާންސެކްޝަން - ތިމާގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރި ގައުމީ އައިޑީ ސިސްޓަމެއް ގާއިމުކޮށް، ޚިދުމަތްތަކާއި ޑޭޓާ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުން.
  • އޯޕަން ޑޭޓާ ޝެއަރިން އެންޑް ގަވަނަންސް - ސްމާޓް، ހަލުވި އަދި ގުޅިފައިވާ ޑިޖިޓަލް ސިސްޓަމްތަކެއް ގާއިމުކުރުން.
  • ސައިބާ ސެކިއުރިޓީ ފޯ ނޭޝަނަލް ރެޒިލިއަންސް - ގައުމީ ނިޒާމު ހިމާޔަތްކުރާ ވަރުގަދަ ސައިބާ ޑިފެންސް ސިސްޓަމެއް ގާއިމުކުރުން.
  • ޒަމާނީ ގާނޫނީ އޮނިގަނޑަކަށް ޑިޖިޓަލް ޓްރަސްޓް އަދި ގަވަނަންސް - ތިމާގެ ހައްގުތައް ހިމާޔަތްކޮށް، ޑިޖިޓަލް ޚިދުމަތަށް އިތުބާރު އުފައްދައިދޭ ޒަމާނީ ގާނޫނުތައް އުފެއްދުން.
  • ސެކިއުއާ އެންޑް ސޮވެރިން ޑިޖިޓަލް އިންފްރާސްޓްރަކްޗާ - މައުލޫމާތާއި ޑިޖިޓަލް މިނިވަންކަން ހިމާޔަތްކުރާ ނެޝަނަލް ކްލައުޑާއި، ޑޭޓާ ސެންޓަރުތަކާއި، އަރުޝީފުތައް ރައްކާތެރިކުރުން.
  • ސިޓިޒަން ސެންޓްރިކް އީ-ގަވަމަންޓް ސާވިސަސް - އާންމު ޚިދުމަތްތަކަކީ އަވަސް، ފަސޭހަ އަދި ދެފުށް ފެންނަ ޚިދުމަތަކަށް ހެދުން.
  • ސެކްޓޯރަލް ޑިޖިޓަލް ޓްރާންސްފޯމޭޝަން - ސިއްހީ ޚިދުމަތާއި، ތައުލީމާއި، އަދުލުއިންސާފާއި، ރައްޔިތުންގެ މަޖިލީސް ޒަމާނީކޮށް، މިހާރަށްވުރެ ހަރުދަނާ، އެންމެން ޝާމިލުވާ ގޮތަށް އާންމު ޚިދުމަތްތައް ފޯރުކޮށްދިނުން.
  • އައިސީޓީ އިކޯސިސްޓަމް ޑިވެލޮޕްމަންޓް އެންޑް އިނޮވޭޝަން - މުސްތަގުބަލުގައި އިގްތިސޯދު ކުރިއަށް ގެންދިއުމަށްޓަކައި ދިވެހި ހުނަރުވެރިންނާއި ޑިޖިޓަލް އިންޑަސްޓްރީތައް ބާރުވެރިކުރުވުން.

ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖެ ޑިޖިޓަލައިޒް ގައުމެއްގެ ގޮތުގައި ކުރިއެރުވުމަށް ރައީސް މުއިއްޒު ވަރަށް ބޮޑަށް ވަކާލާތުކުރައްވައެވެ. އެގޮތުން ބައިނަލްއަގްވާމީ އެކިއެކި ފޯރަމްތަކުގައި ވެސް ރައީސް ވަނީ އެ މައުޟޫއުއަށް ތަގުރީރުކުރައްވައިފައެވެ. މިއަހަރު އެސްޓޯނިއާއަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅަކީ ވެސް އެކަންކަމަށް މަގުފަހިކުރުމުގެ ގޮތުން ކުރެއްވި މުހިންމު ދަތުރުފުޅެއް ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

އިއްޔެ ފާހަގަކުރި ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު ބޭއްވި 14 ގަޑިއިރަށްވުރެ ދިގު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ކޮރަޕްޝަން ނައްތާލަން ފަސޭހަކުރުމަށް ދައުލަތުގެ ހުރިހާ އިދާރާއެއްގައި ޑިޖިޓަލައިޒޭޝަންގެ ނިޒާމެއް ގާއިމުކުރައްވާނެ ކަމަށެވެ.

comment ކޮމެންޓް