މުބާރާތުގެ ދެވަނަ ރަނަރަޕް އެވޯޑާއެކު 'ޓޫ އޮފް އަސް' ތާރީޚުން ޖާގަ ހޯދައިފި

"ޓޫ އޮފް އަސް" ބޭންޑުގެ މެމްބަރުން ފިނާލޭގައި: ދެވަނަ ރަނަރަޕް އެވޯޑާއެކު 'ޓޫ އޮފް އަސް'އިން ވަނީ ތާރީޚުން ޖާގަ ހޯދައިފައި --

މި ސަރަހައްދުގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި އެއް މިއުޒިކް މުބާރާތް ކަމަށްވާ އިންޑިއާގެ "ބެޓްލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލް"ގެ ދެވަނަ ރަނަރަޕްގެ އެވޯޑު އެ މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލު ކުރަމުން އަންނަ "ޓޫ އޮފް އަސް"އިން ކާމިޔާބުކޮށްފިއެވެ.

ކުޑަކުޑަ ހަމަހިމޭން ޖަޒީރާ ރާއްޖެއިން ފެށި ދަތުރު, ބައިނަލްއަޤްވާމީ މައިދާނުގައި "ޓޫ އޮފް އަސް"އިން ނިންމާލީ ވާދަވެރިކަން ބޮޑު ސްޓޭޖެއްގައި އެތައް މިލިއަން ބައެއްގެ ލޯތްބާއި އިހުތިރާމު ހޯދުމަށްފަހުއެވެ.

މުޅި މުބާރާތުގައި "ޓޫ އޮފް އަސް"އިން މަސައްކަތް ކޮށްފައިވަނީ އެ ބޭންޑު ދުނިޔެއަށް ރަމްޒުކޮށްދިނުމަށް ވުރެ ބޮޑަށް ދިވެހިރާއްޖޭގެ ސަޤާފަތާއި ދިވެހީންގެ އާދަކާދައިގެ ވާހަކަތައް ބެލުންތެރިންނަށް ހުށަހަޅައިދިނުމަށެވެ.

"ޓޫ އޮފް އަސް" ބޭންޑުގެ މެމްބަރުން ކަމަށްވާ އަދުހަމް، ޢަބްދުالله ޝަމްރޫހު، މުޙައްމަދު ނަސޫހު ބިން ނަސްރުއްދީން، އަޙްމަދު ޝަހީދު (ޝަހީދު ލެގަސީ) އަދި އަޙްމަދު ޖަޝީމް--ފޮޓޯ/ފޭސްބުކް

މުބާރާތުގެ ގްރޭންޑް ފިނާލޭއާ ހަމައަށް "ޓޫ އޮފް އަސް"އިން ގެނެސްދިން ކޮންމެ ހުށަހެޅުމެއްގެ މިއުޒިކާއި ބީޓުގައި، ދިވެހީންގެ ޖަޒުބާތުތައް އެ ބޭންޑުން ވަނީ ވަރަށް ހިތްގައިމު ގޮތަކަށް ސިފަކޮށްދީފައެވެ.

އިންޑިއާގެ މުމްބާއީގައި ކުރިއަށްދިޔަ "ބެޓްލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލް" މުބާރާތް ނިންމާލުމަށްފަހު "ޓޫ އޮފް އަސް"އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، މިއަދު މުބާރާތުން ހޯދި ކާމިޔާބީއަކީ ދިވެހި ޤައުމަށް ހޯދައިދިން ކާމިޔާބީއެއް ކަމަށެވެ. އެ ކާމިޔާބީގެ ހަގީގީ ހައްގުވެރިންނަކީ މިއަދާ ހަމައަށް "ޓޫ އޮފް އަސް"އާ އެކު ދެމިތިބި އެ ބޭންޑުގެ ސަޕޯޓަރުން ކަމަށާއި ދިވެހީންގެ ފަރާތުން ލިބެމުން އައި ލޯތްބާއި ތަރުހީބަކީ ގްރޭންޑް ފިނާލޭއިން ޖާގަ ކަށަވަރު ކުރުމަށް ލިބުނު އެންމެ ބޮޑު ހިތްވަރު ކަމަށް "ޓޫ އޮފް އަސް"ގެ ބަޔާނުގައި ވަނީ ބުނެފައެވެ.

"ޓޫ އޮފް އަސް" ބޭންޑުގެ މެމްބަރުން ފިނާލޭގައި: ދެވަނަ ރަނަރަޕް އެވޯޑާއެކު 'ޓޫ އޮފް އަސް'އިން ވަނީ ތާރީޚުން ޖާގަ ހޯދައިފައި -- --

މިއަދު އެ ބޭންޑަށް ހޯދުނު ކާމިޔާބީއާ އެކު ދިވެހި މިއުޒީޝަނުންނަށް ބައިނަލްއަޤްވާމީ ސްޓޭޖްތަކުން ޖާގަ ކަށަވަރުވެއްޖެ ކަމަށް ވެސް އެ ބޭންޑުގެ މެމްބަރުން ވަނީ ބުނެފައެވެ.

މުބާރާތުގެ ދެވަނަ ރަނަރަޕްކަން ކާމިޔާބު ކުރެވުނީ ވަރަށް ގިނަ ބައެއްގެ ހެޔޮ އެދުމާއި ދުއާތަކެއް ސަބަބުން ކަމަށާއި، ޚާއްސަކޮށް "ބެޓްލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލް" އިންތިޒާމުކުރި ފަރާތްތަކަށާއި އެ ބޭންޑުގެ ގުރޫ ނީރަޖުއަށާއި މުބާރާތުގެ ފަނޑިޔާރުންނާއި އާއިލާގެ މެމްބަރުންނަށް ޝުކުރު އަދާކުރާ ކަމަށް "ޓޫ އޮފް އަސް"އިން ވަނީ ބުނެފައެވެ.

"ޓޫ އޮފް އަސް"އިން ގްރޭންޑް ފިނާލޭގެ ރަނައަޕްގެ އެވޯޑާ ހަވާލު ވަނީ--ފޮޓޯ/ފޭސްބުކް

ގްރޭންޑް ފިނާލޭގައި "ޓޫ އޮފް އަސް"އިން ހުށަހަޅައިދިނީ ދިވެހީންގެ ލެޔާ ކުޅެލާ ޤައުމީވަންތަކަން ދައްކުވައިދިން "އެހެރީ ދިވެހި ނިޝާން" މިލަވައެވެ. މި ލަވައިގެ އަސްލު ހިންދީ ލަވައާ އެއްކޮށް ގެނެސްދިން ހުށަހެޅުމަށް ފަނޑިޔާރުންގެ ފަރާތުން ތައުރީފުގެ ބަސްތައް އޮހުނުއިރު މިރޭގެ މުބާރާތުގެ ފަނޑިޔާރުން ބުނީ އާންމުކޮށް ސްޓޭޖު ގުޑުވާލާ ހުށަހެޅުންތައް ގެނެސްދޭ "ޓޫ އޮފް އަސް"އިން ހަގީގަތުގައި ވެސް ފަނޑިޔާރުން ރޮއްވާލައިފި ކަމަށެވެ.

މުބާރާތުގެ ދެވަނަ ރަނަރަޕް އެވޯޑާ އެކު "ޓޫ އޮފް އަސް"އަށް ފައިސާގެ އިނާމެއްގެ ގޮތުގައި މުބާރާތް އިންތިޒާމްކުރި ފަރާތުން ވަނީ ތިންލައްކަ އިންޑިއާ ރުޕީސް (55،530 ދިވެހި ރުފިޔާ) ދީފައެވެ. މުބާރާތުގެ ދެ ވަނަ އަވަށްޓެރި ސްރީލަންކާގެ ބޭންޑު "ނައިޓްސް"އިން ހޯދިއިރު އެއްވަނަ މަޤާމު ކާމިޔާބުކުރީ މޮރިޝަސްގެ ބޭންޑު "އެބަނެޒް"އެވެ.

ފަޚުރުވެރިކަމާއެކު ބައިނަލްއަޤްވާމީ ސްޓޭޖެއްގައި ދިވެހިރާއްޖެ ތަމްސީލު ކުރަމުންދިޔަ ފަސް މެމްބަރުން ހިމެނޭ މި ބޭންޑު "ޓޫ އޮފް އަސް"އިން ޝަރަފުވެރި މިއުޒިކު މުބާރާތެއް ނިންމާލީ ތާރީޚުން ޖާގަ ހޯދުމަށްފަހުއެވެ.

"ޓޫ އޮފް އަސް" ހޯދި ކާމިޔާބީ ދިވެހީން ފާހަގަކުރަމުން އަންނައިރު، އެ ބޭންޑް މާދަމާ 13:10ގައި، އިންޑިގޯ ފްލައިޓެއްގައި ރާއްޖެ އަންނާނެއެވެ. އެ ބޭންޑު އައުމާއެކު އެސްއެސްޓީވީއާއި ސަން އޮންލައިން ގުޅިގެން ބޭންޑަށް މަރުހަބާ ކިޔުމަށް ޚާއްސަ ލައިވް ހަރަކާތެއް ގެނެސްދޭނެއެެވެ.

comment ކޮމެންޓް