ލީގު ކާމިޔާބުކުރުމަށް ފަހު ޗެލްސީ އަތުން ލިވަޕޫލް ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ލިވަޕޫލުން ހޯދުމަށް ފަހު ލީގުގައި ކުޅުނު ފުރަތަމަ މެޗުން ލިވަޕޫލް ބަލިވެއްޖެއެވެ.

ލިވަޕޫލް ބަލިވެފައިވަނީ ރަށުން ބޭރުގައި ޗެލްސީ އަތުން 3-1 އިންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނީ މެޗުގައި ގިނައިރު ލިވަޕޫލުން ބޯޅަ ގެންގުޅުނުއިރު ގިނަ ހަމަލާ އުފައްދާފައިވަނީ ޗެލްސީންނެވެ. މެޗު ފެށުމުގެ ކުރިން ލީގުގެ އާ ޗެމްޕިއަނުންނަށް ޗެލްސީން ގާޑް އޮފް އޮނާއެއް ދިންއިރު މެޗުގެ ފެށުން ރަނގަޅުވީ ވެސް ޗެލްސީގެއެވެ.

ތިންވަނަ މިނެޓުގައި ޗެލްސީން ވަނީ ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެންޒޯ ފެނާންޑޭޒެވެ. ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ނުފެނުނު ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެ ޓީމަށް ވެސް ލިބުނެވެ. މެޗުގައި ޗެލްސީން ކާމިޔާބު ކުރި ދެވަނަ ލަނޑު ޖަހައިދިނީ މެޗުގެ 56 ވަނަ މިނެޓުގައެވެ. ނަމަވެސް، މި ލަނޑަކީ ލިވަޕޫލްގެ ކެޕްޓަން ވާޖިލް ވެން ޑައިކް ދިފާއުކުރަން އުޅުނު ބޯޅައެއް އެ ޓީމުގެ ޖެރެލް ކުއަންސާ ގައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ. މެޗުގައި ލިވަޕޫލުން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ވެން ޑައިކެވެ. މި ލަނޑާ އެކު މެޗުގައި ލިވަޕޫލްގެ ފަރާތުން އިތުރު ލަނޑެއް ފެނިގެން ހިނގައިދާނެކަމަށް ބެލެވުނު ނަމަވެސް ފެނުނީ ޗެލްސީން އިތުރު ލަނޑެއް ޖަހައި ދެ ލަނޑުގެ ލީޑު އަލުން ނެގި ތަނެވެ. މި ލަނޑު މެޗުގެ އިތުރު ވަގުތުގެ ހަވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކޯލް ޕާމާއެވެ. މި ލަނޑަކީ 18 މެޗަށް ފަހު ޕާމާއަށް ކާމިޔާބުކުރެވުނު ފުރަތަމަ ލަނޑެވެ.

މި ކާމިޔާބީއާ އެކު މި އަންނަ ސީޒަންގައި ޔުއޭފާ ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދަން މަސައްކަތް ކުރަމުންދާ އިތުރު ހިތްވަރެއް ލިބިފައެވެ. ޗެލްސީ މިހާރު އޮތީ 63 ޕޮއިންޓާ އެކު ފަސްވަނައިގައެވެ. ލިވަޕޫލް އޮތީ 82 ޕޮއިންޓްގައެވެ.

މުބާރާތުގައި ކުޅުނު އެހެން މެޗުތަކަށް ބަލައިލާއިރު ހަތަރުވަނައިގައި އޮތް ނިއުކާސްލް ޔުނައިޓެޑާއި ބްރައިޓަން އެންޑް ހޯވް އެލްބިއަން ބައްދަލުކުރި މެޗު އެއް ލަނޑު އެއް ލަނޑުންވީ އެއްވަރެވެ. އަދި ޔުއޭފާ ޔޫރޮޕާ ލީގުގެ ފައިނަލުން ޖާގައެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ޓޮޓްނަމް ހޮޓްސްޕާއާއި ވެސްޓް ހޭމް ޔުނައިޓެޑް ބައްދަލުކުރި މެޗު ވެސް ނިމުނީ އެއް ލަނޑު އެއް ލަނޑުން އެއްވަރުވެގެންނެވެ.

comment ކޮމެންޓް