ރެއާލްގެ މޮޅާ އެކު ކްލަސިކޯ މެޗުގެ ފޯރި ގަދަވެއްޖެ

ސްޕެނިޝް ލަލީގާގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ސެލްޓަވީގޯ ބަލިކޮށް، ލީގު ދިފާއުކުރުމަށް ކުރާ އުންމީދު ދަމަހައްޓައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ރެއާލުން ކާމިޔާބުކޮށްފައިވަނީ 3-2 އިންނެވެ.

މެޗުގެ ފުރަތަމަ ލަނޑު 33 ވަނަ މިނެޓުގައި ޖަހައި، ލީޑު ނަގާފައިވަނީ ރެއާލުންނެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ އާޑާ ގުލާއެވެ. މި ލަނޑު ޖެހިތާ ހަ މިނެޓް ފަހުން ރެއާލްގެ ދެވަނަ ލަނޑު ޖަހައި އެ ޓީމުގެ ލީޑު ފުޅަކޮށްދިނީ ކިލިއަން އެމްބާޕޭއެވެ.

ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ތިންވަނަ މިނެޓުގައި އެމްބާޕޭ ވަނީ މެޗުގައި އޭނާ ކާމިޔާބު ކުރި ދެވަނަ ލަނޑާ އެކު ރެއާލަށް މިމެޗުގައި ތިން ލަނޑުގެ ލީޑެއް ނަގައިދީފައެވެ. މެޗުގައި ސެލްޓާއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗުގެ 69 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ހާވީ ރޮޑްރިގޭޒެވެ. އަދި، ދެވަނަ ލަނޑު 76 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ވިލިއޮޓް ސުވެޑްބާގެވެ. މި ލަނޑު ކާމިޔާބު ކުރިތާ ދެ މިނެޓް ފަހުން ސެލްޓާގެ ޕަބްލޯ ޑުރާންއަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރާނެ ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް ރެއާލްގެ ކީޕަރު ޓީބޯ ކޯޓުއާ ވަނީ އެ ހަމަލާ އެންމެ ފަހު ވަގުތު ދިފާއުކޮށްފައެވެ. މެޗުގެ ފަހު 15 މިނެޓްގެ ތެރޭގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ފުރުސަތު ލިބުނެވެ.

މި ކާމިޔާބީއާ އެކު ރެއާލް އޮތީ 75 ޕޮއިންޓާ އެކު ދެވަނައިގައެވެ. އަދި، އެއްވަނައިގައި އޮތް ވާދަވެރި އެފްސީ ބާސެލޯނާއާ ދެމެދުގައި ހަތަރު ޕޮއިންޓްގެ ތަފާތެއް އެބަހުއްޓެވެ. އެހެންކަމުން އަންނަ އާދިއްތަ ދުވަހު ބާސާގެ ދަނޑުގައި ދެ ޓީމު ބައްދަލުކުރާއިރު އެ މެޗުން ރެއާލް މޮޅުވެއްޖެނަމަ ބާކީ ތިން މެޗު އޮއްވާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު އެއް ޕޮއިންޓަށް ކުޑަކުރުމުގެ ފުރުސަތު ލިބޭނެއެވެ. ނަމަވެސް، އެލް ކްލަސިކޯގެ ނަމުން މަޝްހޫރުވެފައިވާ ދެ ޓީމުގެ މި ކުރިމަތިލުން ބާސާއިން ކާމިޔާބުކޮށްފިނަމަ މި ފަހަރުގެ ލީގު ކާމިޔާބުކުރުމުގައި އެ ޓީމަށް އިތުރު ހަރުފަތެއް ކުރިއަށް އެޅޭނެއެވެ.

ރޭގެ މެޗުން ބަލިވުމުން ސެލްޓާ އޮތީ 46 ޕޮއިންޓާ އެކު ހަތްވަނައިގައެވެ.

މުބާރާތުގައި ކުޅުނު އެހެން މެޗުތަކަށް ބަލައިލާއިރު ޔޫރޮޕާ ލީގުގެ ސެމީ ފައިނަލްގައި ވާދަކުރަމުން އަންނަ އެތުލެޓިކް ބިލްބާއޯއާއި ރެއާލް ސޮސިއެޑާޑް ބައްދަލުކުރި މެޗު ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި، އެއްވަރުވުމުން ލިބުނު ޕޮއިންޓާ އެކު ބިލްބާއޯ މިހާރު ވަނީ ހަތަރުވަނައިގައި ފައިހަރުކޮށްލާ، އަންނަ ސީޒަންގައި ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދަން ކުރާ އުންމީދު އިތުރުކޮށްފައެވެ. އަދި، ސެވިއްޔާއާއި ލެގަނޭސް އެއްވަރުވިއިރު ބެޓިސްއިން ވަނީ އެސްޕަންޔޯލް ބަލިކޮށްފައެވެ.

comment ކޮމެންޓް