އަޒްމިރަލްދާއާއި މަހާޒް ވަކިކުރުމުގެ މައްސަލަ ބަލަން ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފި

ސުޕްރިމް ކޯޓުގެ ދެ ފަނޑިޔާރުން އަޒްމިރަލްދާއާއި މަހާޒު: އަޒްމިރަލްދާއާއި މަހާޒް ވަކިކުރުމުގެ މައްސަލަ ބަލަން ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި، މަހާޒު އަލީ ޒާހިރު މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމި ނިންމުން ބަލައި ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި، މަހާޒް އަލީ ޒާހިރާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދުގެ ޖިނާއީ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލާކަމަށް ބުނެ، އެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރީ ފެބްރުއަރީ މަހުގެ 26ވަނަ ދުވަހެވެ.

އޭގެ ފަހުން ޖޭއެސްސީން ވެސް ތިން ފަނޑިޔާރުންގެ މައްސަލައެއް ބަލާ ކަމަށް ބުނެފައިވެއެވެ.

އެ ސަސްޕެންޝަނަށް މާ ގިނަ ދުވަހެއް ނުވެ ހުސްނުއްސުއޫދު މަގާމުން އިސްތިއުފާ ދެއްވިއެވެ.

އެއާއެކު އަޒްމިރަލްދާއާއި މަހާޒު މަގާމުން ވަކިކުރަން ޖޭއެސްސީއިން ނިންމީ އިއްޔެއެވެ.

ޖޭއެސްސީން މައްސަލަ ނިންމައި މަޖިލީހަށް ހުށަހެޅި ސިޓީގައި ބުނެފައިވާ ގޮތުގައި މަހާޒްއާއި އަޒްމިރާލްދާގެ މައްޗަށް، އަޒްމިރާލްދާގެ ފިރިކަލުން ކްރިމިނަލް ކޯޓުން ދޫކޮށްލުމުގައި އެ ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވިކަން ސާބިތުވެއެވެ.

ސުޕްރީމްކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްޑާ ޒާހިރު --- ފޮޓޯ/ ރައީސް އޮފީސް

އަޒްމިރަލްދާ ވަނީ މަޖިލީހަށް ސިޓީއެއް ފޮނުއްވައި، ޖުޑިޝަރީ ކޮމިޓީން އޭނާ މަގާމުން ވަކިކުރުމާމެދު ގޮތެއް ނިންމުމުގެ ކުރިން، އޭނާގެ ފަރާތުން ހުރި ޝަކުވާތަކާއި ކަންބޮޑުވުންތައް ހިއްސާކުރުމަށް ވަކީލާއެކު ކޮމިޓީއަށް ހާޒިރުވުމުގެ ފުރުސަތަކަށް މިއަދު އެދިވަޑައިގެންފައެވެ.

އެ ސިޓީގައި އަޒްމިރަލްދާ ސިފަކުރެއްވި ގޮތުގައި، އޭނާއާމެދު ޖޭއެސްސީން ނިންމި ނިންމުމަކީ ގާނޫނު އެއް ފަރާތްކޮށް، އަދުލު އިންސާފުގެ އެންމެ އަސާސީ އުސޫލުތަކާ ވެސް ޚިިލާފަށް، ޣައިރު ދުސްތޫރީ އިޖުރާއަތުތަކެއްގެ މައްޗަށް ހިންގައިފައިވާ ތަހުގީގަކުން ނިންމި ނިންމުމެކެވެ.

ޖޭއެސްސީގައި އަޒްމިރަލްދާގެ ތަހުގީގު ކުރިއަށް ދިޔައިރު އޭނާ ވަނީ އޭނާގެ މައްސަލަ ބަލާ ކޮމިޓީގެ ބައްދަލުވުންތައް އާންމުކޮށް ހުޅުވައިލަން ވެސް އެދިވަޑައިގެންފައެވެ.

އަދި ޖޭއެސްސީން ގޮތެއް ނިންމުމުގެ ކުރިން ވެސް އޭނާގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް ފުރުސަަތަކަށް އެދިވަޑައިގަތެވެ. ނަމަވެސް އެ ކަންކަމަށް ޖޭއެސްސީން ފުރުސަތު ދީފައެއް ނުވެއެވެ.

https://sun.mv/205609

ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން އެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ، މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހާ ދެކޮޅަށް ހުށަހަޅައިފައިވާ މައްސަލައެއް ބަލަމުން ދަނިކޮށެވެ.

އެ ބޭފުޅުން ސަސްޕެންޑުކުރި ދުވަހަކީ އެ މައްސަލައާ ގުޅޭ ވަގުތީ އަމުރެއް ނެރުމާ ގުޅޭ ގޮތުން އަޑުއެހުމެއް ބޭއްވުމަށް ވެސް ތާވަލުކޮށްފައި އޮތް ދުވަހެވެ. ނަމަވެސް ތިން ފަނޑިޔާރުން ސަސްޕެންޑުކުރުމުން ފުލް ބެންޗުން ބަލަމުން އައި އެ މައްސަލަ މަޑު ޖެހުނީއެވެ.

އަޒްމިރަލްދާއާއި ސުއޫދު ވެސް ވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ހިމެނިވަޑައިގަންނަވާ ގޮތަށް ސަރުކާރުން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތު ކުރައްވައިފައެވެ.

އެ ތުހުމަތުތައް ކުރައްވާފައި ވަނިކޮށް ހޮނިހިރު ދުވަހު، ރައީސް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވާ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް