އެމްއައިބީގެ ގެސްޓްހައުސް ސިންޕޯސިއަމް މި އަހަރު ކްރޮސްރޯޑުގައި

ކްރޮސްރޯޑްސް މޯލްޑިވްސް: މްއައިބީގެ ގެސްޓްހައުސް ސިންޕޯސިއަމް މިއަހަރު ބާއްވަނީ ކްރޮސްރޯޑުގައި --

މިދިޔަ އަހަރުން ފެށިގެން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އިން ކުރިއަށް ގެންދާ ގެސްޓް ހައުސް ސިންޕޯސިއަމް މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭ ކްރޮސްރޯޑުގައި ބާއްވަން ހަމަޖެހިފައިވާ ކަމަށް އެ ބޭންކުން ބުނެފިއެވެ.

އެމްއައިބީއިން ބުނީ މި ސިންޕޯސިއަމް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހު ކްރޮސް ރޯޑުގައި ކަމަށެވެ.

މި ސިންޕޯސިއަމަކީ ގެސްޓްހައުސްގެ އިތުރުން އެ ވިޔަފާރިއާއި ގުޅިފައިވާ އެހެން ވިޔަފާރިތަކުން އެއްތަނަކަށް އެއްވެ މަޝްވަރާ ކުރުމާއި، ދިމާވާ ދަތިތަކަށް ސިނާއަތުގެ ތަޖުރިބާކާރުންގެ ލަފާ ލިބޭގޮތަށް ފަރުމާކުރެވިފައިވާ ސިންޕޯސިއަމެއް ކަމަށް އެއްއައިބީއިން ބުނެއެވެ.

އެމްއައިބީއިން ވަނީ މި ސިންޕޯސިއަމްގައި މި އަހަރު ގެސްޓްހައުސްގެ އިތުރުން ލިވަބޯޑު ދާއިރާގެ ހިއްސާ ވެސް އިތުރުކުރުމަށް އެ ބޭންކުން މަޝްވަރާކުރަމުންދާ ކަމަށް ބުނެފައެވެ.

މި އަހަރުގެ ސިންޕޯސިއަމުން ނިމިދިޔަ އަހަރު އެކި ބައިވެރިން ދިން ހިޔާލުގެ މައްޗަށް ބަލައި އެކި ބަދަލުތައް ފެނިގެންދާނެ ކަމަށް ވެސް އެ ބޭންކުން ބުނެއެވެ.

އެމްއައިބީއިން 2024 ވަނަ އަހަރު ބޭއްވި ގެސްޓްހައުސް ސިންޕޯސިއަމްގައި 150 އަށް ވުރެ ގިނަ ފަރާތްތަކުން ބައިވެރިވެފައިވާއިރު އެކި ކަންކަމުގައި މަޝްވަރާކޮށް ބިނާކުރަނިވި ހިޔާލުތަށް ބަދަލު ކުރެވިފައިވާކަމަށް ވެސް އެ ބޭންކުން ވަނީ މައުލޫމާތު ދީފައެވެ.

މީގެ އިތުރުން ގެސްޓްހައުސް ދާއިރާއާއި ގުޅޭ ކުދި ވިޔަފާރިތަކަށް އެމްއައިބީއިން ހުޅުވާލި ފުރުސަތާއެކު ވިޔަފާރި ފުޅާވެގެން ދިޔަކަން ވެސް އެ ބޭންކުން ވަނީ ފާހަގަކޮށްފައެވެ.

އެމްއައިބީއިން ވަނީ އެބޭންކުން ހުޅުވާލި ފުރުސަތުގައި ގިނަބަޔަކު މިދިޔަ އަހަރުވެސް ރަޖިސްޓްރީވެފައިވާ ކަމަށާއި މި އަހަރުގެ ސިންޕޯސިއަމްގައި ބައިވެރިވުމުގެ ފުރުސަތު އޮންލައިންކޮށް ހުޅުވާލާނެ ކަމަށް ބުނެފައެވެ.

comment ކޮމެންޓް