ހުޅުމާލެއަށް 21 އަހަރުވުން ފާހަގަކުރަން މަސް ރޭހެއް

ހުޅުމާލެ: އެޗްޑީސީއާއި އުރީދޫ ގުޅިގެން މަސް ރޭހެއް ބާއްވަނީ -- ފޮޓޯ/ އެޗްޑީސީ

ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި އުރީދޫ މޯލްޑިވްސް ގުޅިގެން މަސް ރޭހެއް ބާއްވަން ނިންމައިފިއެވެ.

އެޗްޑީސީން ބުނީ، މި މަސް ރޭހުގައި ބައިވެރިވާން ބޭނުންވާ ޓީމުތަކަށް އޮންލައިންކޮށް ރަޖިސްޓާކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

މި މަސް ރޭހުގައި ބައިވެރިވެވޭނީ އަންނަ ބުދަ ދުވަހުގެ ނިޔަލަށެވެ.

ހުޅުމާލޭގެ އަހަރީ ދުވަހާ ގުޅިގެން ކުރިއަށްގެންދާ މި މަސްރޭސް ބާއްވަން ހަމަޖެހިފައިވަނީ މި މަހުގެ 15ވާ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހެވެ. ހުޅުމާލޭގެ ފެރީ ޓާމިނަލް ޕާކު ކައިރިން ފަށާ މި ރޭސް ކުރިއަށްދާނީ އެ ދުވަހުގެ ހަވީރު 04:00 އިން ރޭގަނޑު 10:00އަށް ކަމަށް އެޗްޑީސީން ވަނީ މައުލޫމާތު ދީފައެވެ.

މަސް ދޯންޏެއް: އެޗްޑީސީއާއި އުރީދޫ ގުޅިގެން މަސް ރޭހެއް ބާއްވަނީ -- ފޮޓޯ/ އެޗްޑީސީ

އެގޮތުން، އެޗްޑީސީން ވަނީ ރޭހުގައި ބައިވެރިވެގެން އެންމެ ގިނަ މަސް ބާނާ ޓީމަކަށް 21،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ނިންމާފައެވެ. އަދި، އެންމެ ބޮޑު މަސް ބާނާ މީހަކަށް 5،000 ރުފިޔާ އަދި އެންމެ މޮޅު ކެޔޮޅަށް ވެސް 5،000 ރުފިޔާގެ ފައިސާގެ އިނާމު ދޭން އެޗްޑީސީން ވަނީ ނިންމާފައެވެ.

މި މަހުގެ 12 ވަނަ ދުވަހު ފާހަގަކުރާ ހުޅުމާލޭގެ 21 ވަނަ އަހަރީ ދުވަހާ ގުޅިގެން ކުލަގަދަ ފެސްޓިވަލެއް ބޭއްވުމަށް ވެސް އެޗްޑީސީން ވަނީ ނިންމާފައެވެ. އެގޮތުން، ހަފުތާއަކަށް ދިގުދެމިގެންދާ ގޮތަށް ކުރިއަށްގެންދާ އެ ފެސްޓިވަލްގެ ހަރަކާތްތައް އެކި ދުވަސްތަކަށް ބަހާލައިގެން ހުޅުމާލެގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

comment ކޮމެންޓް