ތެލަސީމިއާގެ ފުރިހަމަ ފަރުވާ ރާއްޖޭން ލިބޭ ގޮތް ހަދަނީ

ރައީސް ޑރ. މުޙައްމަދު މުއިއްޒު: އެ މަނިކުފާނު ވަނީ ތެލަސީމިއާ ޕޭޝަންޓުން ރާއްޖޭގައި ތިބެގެން ފުރިހަމަ ފަރުވާ ލިބޭނެ މަގުފަހިކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައި -- ފޮޓޯ/ ރައީސް އޮފީސް

ތެލަސީމިއާ ޕޭޝަންޓުން ރާއްޖޭގައި ތިބެގެން ފުރިހަމަ ފަރުވާ ލިބޭނެ މަގުފަހިކުރަން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ދެއްވައިފިއެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ ތެލަސީމިއާ ކޮމިއުނިޓީއާ އެކު މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

އެ ބައްދަލުކުރެއްވުމުގައި ކޮމިއުނިޓީގެ ފަރާތުން ވަނީ ސަރުކާރުން އެ ކޮމިއުނިޓީގެ ކަންބޮޑުވުންތައް އައްސަވައި އެކަންކަމަށް ޙައްލު ހޯދައިދިނުމަށް ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އެ ބޭފުޅުން ވަނީ އިތުރަށް ބޭނުންވާ ކަންކަން ރައީސާ ހިއްސާކުރައްވާފައެވެ.

އެ ގޮތުން، ތެލަސީމިއާ ކޮމިއުނިޓީގެ ފަރާތުން ވަނީ މި ސަރުކާރުން ތަރައްޤީކުރާ ތެލަސީމިއާ ހޮސްޕިޓަލްގެ ކަންކަން އެންމެ ފުރިހަމައަށް ގެންދިއުމަށް ވީހާވެސް ބޮޑަށް، އެ ބޭފުޅުންގެ މަޝްވަރާއާއި ހިޔާލާއި ވިޝަންއާ އެކު ކުރިއަށް ގެންގޮސްދެއްވުމަށް އެދިފައެވެ.

އަދި، ތެލަސީމިއާއާއި ގުޅޭ ނިންމުމެއް ނިންމަވާނަމަ، އެ ކޮމިއުނިޓީގެ ބައިވެރިވުން ހިމެނޭނެ ގޮތަށް ސިޔާސަތުތައް ބައްޓަންކޮށްދިނުމަށް ވަނީ އެދިފައެވެ.

ހަމައެއާއެކު، މި ބައްދަލުކުރެއްވުމުގައި ތެލަސީމިއާ ކޮމިއުނިޓީން ވަނީ މޯލްޑިވްސް ބްލަޑް ސާވިސްއިން ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ޚިދުމަތް ދެއްވުމަށް އެދިފައެވެ. އަދި، އެ ބޭފުޅުން ވަނީ އެމްބީއެސްގެ ޚިދުމަތް ވިލަރެސްކޮށް މުޅި ރާއްޖެއަށް ދެވޭނެގޮތަށް ފުޅާކުރެއްވުމަށާއި ޕޭޝަންޓުންނާ ވީހާވެސް ގާތުން މަސައްކަތް ކޮށްދިނުމަށް އެދިފައެވެ. އެ ބޭފުޅުންވަނީ މިކަންކަމުގެ ތަފުސީލީ މަޢުލޫމާތު ރައީސާ ޙިއްޞާކުރައްވާފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ތެލަސީމިއާ ކޮމިއުނިޓީގެ ފަރާތުންވަނީ ތެލެސީމިއާ ކުދިންނަށް ޚާއްޞަކޮށް މެނިފެސްޓޯގައި ކަންކަން ހިމަނައިގެން ކުރިއަށްދާ ސަރުކާރަކީ މި ސަރުކާރުކަން ފާހަގަކުރައްވާފައެވެ. އަދި، ތެލެސީމިއާ ކުދިންނާ ގުޅޭ ކަންކަމުގެ ސިޔާސަތުތައް ކަނޑައަޅާއިރު ބޭނުންވާ އެއްބާރުލުން ފުރިހަމައަށް ދެއްވާނެކަން އެބޭފުޅުން ވަނީ ފާހަގަކޮށްފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ތެލަސީމިއާ ކޮމިއުނިޓީން ފާހަގަކުރެއްވި ކަންކަން ވަރަށް ރަނގަޅަށް، ސަމާލުކަން ދެއްވައިގެން ބައްލަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި، ތެލެސީމިއާ ޕޭޝަންޓުންގެ ބައިވެރިވުން އޮވެގެން ސަރުކާރުގެ ސިޔާސަތުތައް އިތުރަށް ފުރިހަމަ ކުރެވޭނެކަން ޤަބޫލުފުޅު ކުރައްވާކަމުގައި ފާހަގަކުރައްވައި، އެކަމަށް މަގުފަހިކޮށްދެއްވުމަށް މަސައްކަތްކުރައްވާނެކަމުގައި އެ މަނިކުފާނު ވަނީ ވިދާޅުވިއެވެ.

މީގެ އިތުރުން، ސަރުކާރުން ތެލަސީމިއާ ޕޭޝަންޓުން ރާއްޖޭގައި ތިބެގެން ފުރިހަމަ ފަރުވާ ލިބޭނެ މަގުފަހިކުރުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ވެސް ރައީސް ވަނީ ދެއްވާފައެވެ.

ހަމައެއާއެކު މިއަދު ބައްދަލުވުމުގައި ފާހަގަކުރެއްވި ހުރިހާ ކަންކަމަކީވެސް ވަރަށް "ވެލިޑް" މުހިންމު ކަންކަން ކަމަށާއި އެކަންކަން ހައްލުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް