އިތުބާރު ކުރެވޭ މަގާމެއްގައި ތިބި ބަޔަކު، އުމުރުން 17 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް، ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ފުލުހުން ބަލަން ފަށައިފިއެވެެ.
ފުލުހުން ބުނީ މިއީ ނޯތު ޕޮލިސް ރީޖަން (ނ، ރ، ބ، ޅ) ގައި ހިމެނޭ ރަށެއްގައި ހިނގި މައްސަލައެއް ކަމަށެވެ. މި މައްސަލަ ފުލުހަށް ރިޕޯޓުކުރީ މި އަހަރުގެ ޖަނަވަރީ 20ގައެވެ.
މިއަދާ ހަމައަށް އައިއިރު، މި މައްސަލައިގައި އަދި މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ. އިތުރަށް ބުނީ، ގުޅުންހުރި އިދާރާތަކާއެކު މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.
މިދިޔަ މާރިޗުގައި ވެސް ކުޑަކުދިންނަށް ކުރާ އަނިޔާގެ 65 މައްސަލައެއް ރިޕޯޓުކޮށްފައިވާކަން، ސޯޝަލް އެންޑް ފެމިލީ ޑިވަލޮޕްމަންޓް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން އެނގެއެވެ.
އެގޮތުން، ކުޑަކުދިންނަށް ކުރާ ޖިސްމާނީ އަނިޔާގެ 16 މައްސަލައެއް މިދިޔަ މަހު ރިޕޯޓު ކޮށްފައި ވާއިރު، ޖިންސީ ގޯނާ ކުރި 14 މައްސަލައެއް ހުށަހަޅާފައި ވެއެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ރާއްޖޭގައި އާންމު އިރު، މިދިޔަ އަހަރު އެކަނި ވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 200އަށްވުރެ ގިނަ މައްސަލަ މިނިސްޓްރީއަށް ހުށަހަޅާފައި ވެއެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް ހުކުމް ތަންފީޒުކުރާ މީހުންގެ މައުލޫމާތު ވެބްސައިޓެއްގައި ޝާއިއުކުރެއެވެ.