ތާރީޚު ކިތަންމެ ރީތިވިޔަސް މިއަދު ކުރީ އެންމެ 26 ކައިވެނި

ފެމިލީ ކޯޓަށް ބަޔަކު ވަންނަނީ: މިއަދުގެ ރީތި ތާރީޚާ ދިމާކޮށް ފެމިލީ ކޯޓުން ވަނީ 26 ކައިވެނި ކޮށްދީފައި -- ސަން ފޮޓޯ/ މޫސާ ނަދީމް

މިއަދުގެ ރީތީ ތާރީޚު، 2025.05.05ގައި ކޮށްދިނީ 26 ކައިވެނި ކަމަށް ފެމިލީ ކޯޓުން މިއަދު ބުނެފިއެވެ.

އެ ކޯޓުން މިއަދު 'ސަން'އަށް ބުނީ، ރީތި ތާރީޚުތަކާ ދިމާކޮށް އާންމުކޮށް ކައިވެނި ކުރާ ނިސްބަތަށް ވުރެ މިއަދު ކޮށްދިން ކައިވެނީގެ އަދަދު މަދު ކަމަށެވެ. އެގޮތުން، މިއަދު 26 ކައިވެނިކޮށްދިން ކަން ފާހަގަކޮށް އެ ކޯޓުން ބުނީ، ރީތި ތާރީޚުތަކާ ދިމާކޮށް އާންމުކޮށް 50އާއި 80އާ ދެމެދުގެ އަދަދަކަށް ކައިވެނިތައް ކުރާ ކަމަށެވެ.

މިފަހުން އައި ރީތި ތާރީޚެއް ކަމަށްވާ 25.1.25 ގައި ވެސް އެ ކޯޓުން ކޮށްދީފައި ވަނީ 25 ކައިވެންޏެވެ.

ރީތި ތާރީޚުތަކާ ދިމާކޮށް، ކައިވެނި ކުރުމަކީ މިހާރު ދިވެހީންގެ މެދުގައި މަގުބޫލު ކަމެކެވެ. އެފަދަ ދުވަސްތަކުގައި ގިނަ އަދަދަކަށް ކައިވެނި ކޮށްދީފައި ވެސް އެބަ ހުއްޓެވެ.

އެގޮތުން، 22.02.22 ފެމެލީ ކޯޓުގައި ރަޖިސްޓްރީކޮށްގެން 85 ކައިވެނި ކޮށްދީފައިވެއެވެ.

މީގެއިތުރުން، 2021 ވަނަ އަހަރު ޑިސެމްބަރު މަހު އައި ރީތި ތާރީޚެއް ކަމަށްވާ 21.12.21ގައި ފެމިލީ ކޯޓުން ވަނީ 57 ކައިވެނި ކޮށްދީފައެވެ. އެއީ އެ އަހަރު އެންމެ ގިނަ ކައިވެނި ކުރި ދުވަހެވެ.

comment ކޮމެންޓް