ވީ ފޫއްސަކުން، ރޫބީއަށް ތުން ފިއްތައިލެވުނެވެ. އިކާން ވީ އޭނާ ހީކުރި ވަރަށްވުރެ ބޮޑާ މީހަކަށެވެ. އެކަމަކު އެއީ ރޫބީގެ ވެރިމީހާއެވެ. ގޯސްކޮށް ކަންތައް ކުރެވުނީ ރޫބީއަށެވެ. ވީއިރު، އިކާން ރުއްސަން ރޫބީއަށް މަޖުބޫރެވެ.
"ކުޑަކުއްޖެއްތަ އެއްހާސް ފަހަރު ލިޔަން؟" ރޫބީއަށް ހިތާއިހިތުން ބުނެވުނެވެ.
********
އިކާންއާއި ރޫބީގެ ހަރަކާތްތަކަށް ބަލަން އިމާރާތުގެ ތިންވަނަ ފަންގިފިލާގެ ބެލްކަނީގައި ޔަޒްދާން ހުއްޓެވެ. ދެޖީބަށް އަތް ޖަހާލައިގެން ހުރިއިރު، ޔަޒްދާންގެ މޫނުން ފެންނަމުން ދިޔައީ ޝައުގުވެރިކަމެވެ.
"އިންޓްރެސްޓިންގް..." ޔަޒްދާނަށް ބުނެވުނެވެ.
"ސަރ!..." ދޮރުގައި ޓަކި ޖަހާލާފައި އެތެރެއަށް ވަން މުވައްޒަފު ޔަޒްދާންއަށް ގޮވައިލީ އަދަބުވެރިކޮށެވެ. "ހުރިހާ ފްޓޭޖެއް ޑިލީޓްކޮށްލައިފިން... އެކަމަކު..." އޭނާ ވާހަކަ ދެއްކީ އިނގިރޭސިންނެވެ.
ގޮނޑީގައި އިށީނުމުގެ ކުރިން ޔަޒްދާން ރޫބީއަށް ބަލައިލިއެވެ. ޓެކްސީއެއް ނުލިބިގެން ރޫބީ މަގުމަތީގައި ހުންނަތާ އެތައް އިރެއް ވީއެވެ. މުވައްޒަފަކު އައެއް ކަމަކު، ޔަޒްދާންއަށް އެކަން މުހިއްމުވި ތަނެއް ނުފެނުނެވެ. ކީ އެއްޗެއް އަޑު އިވުނު ކަމަކަށް ނުހެދިއެވެ. ޔަޒްދާން ފަސްއެނބުރުނީ، ރޫބީ ޓެކްސީއެއްގައި ނައްޓައިލި ތަން ފެނުމުންނެވެ.
"ޓެލް މީ..." ޔަޒްދާންގެ ފުރިހަމަ ސަމާލުކަން ކުރިމަތީގައި ހުރި މުވައްޒަފަށް ހުއްޓައިލިއެވެ.
އޭނާ އަވަސް އަވަހަށް އަތުގައި އޮތް ޓެބްލެޓް ޔަޒްދާންގެ މޭޒުމަތީގައި ބޭއްވިއެވެ. ދެއަތުގައި މަޑު ތުރުތުރުލުމެއްވީއިރު، ޔަޒްދާންގެ ތޫނު ދެލޮލަށް ބަލައިލާނެ ހިތްވަރު ނުލިބުނު ފަދައިން އިސްޖަހައިލިއެވެ.
"ތި އީމެއިލް ވަނީ ފޮނުވުމަށްފަހު ޑިލީޓްކޮށްލާފަ...." މުވައްޒަފު އަދަބުވެރިކަމާއިއެކު، އިތުރު ތަފްސީލް ދިނެވެ.
"އަހަރެން ނުބުނަންތަ އެއްވެސް މީހަކު އެކްސަސްވުމުގެ ކުރިން އެ ފުޓޭޖް ޑިލީޓްކުރާކަށް؟" ޔަޒްދާން ހިތްހަމަނުޖެހުނެވެ. "ހޫ އިޒް ޝީ؟ އައި ނީޑް ހާރ އިންފޮމޭޝަން... ހަމަ މިހާރު ގެނެސްދީ!..." ޓެބްލެޓްގެ އިސްކްރީނަށް ނަޒަރު ހުއްޓާލައިގެން އިން ޔަޒްދާން ދެބުމަ ކައިރިކޮށްލިއެވެ.
********
ނަޖާތު ގެއަށް އައިއިރު، ރޫބީ އޮތީ ސޯފާއަށް ދެމިފައެވެ. ބަންޑުން އޮތްއިރު، ރޫބީގެ އެއް އަތާއި އެއްފައި އޮތީ ސޯފާއިން ބޭރުގައެވެ. ރޫބީ އަޅައިގެން ހުރި ޝޯލާއި ދަބަސް އޮތީ މުށިތަކުގެ މަތީގައެވެ. ފަންކާގެ ވަޔާއިއެކު، ރޫބީގެ ބުޅި އިސްތަށިގަނޑު އޭނާގެ މޫނަށް ގޯނާކުރަމުން ދިޔައެވެ. ކުރިއަށްވުރެ ރޫބީގެ އިސްތަށިގަނޑު ވަރުގަދަވެފައި ދިގެވެ.
"ފުރަތަމަ ދުވަހުން ވަރު ދިޔައީތަ؟" ރޫބީގެ ގައިމައްޗަށް ވެއްޓިގަންނަމުން ނަޖާތު ރޫބީގެ އިސްތަށިގަނޑާއި ކުޅެލިއެވެ. އެފަދަ އިސްތަށިގަނޑެއް ނަޖާތުވެސް ބޭނުންވެއެވެ. "ހިނގާބަލަ ބޭރަށް ކާންދާން... ހާދަ ބަނޑުހައިވެޔޭ އެބަ..."
ރޫބީ ކުޑަކޮށް ހަޅޭއްލަވައިގަނެފައި ނަޖާތުގެ ކައިރިން ސަލާމަތްވިއެވެ. ދެމީހުން ތެދުވެ ސޯފާގައި އިށީނެވެ.
"ބަރު މީހެކޭ" ރޫބީ ވީތަދުން އޭނާގެ ބުރަކަށީގައި ފިރުމައިލިއެވެ.
"އަހަރެން ހަނދާންނެތުނީއޭ މީ ހިމަ އިލޮއްޓެއްކަން... އޭރު އަހަރެން މިހާ ހިކިކޮށް ހުރީމަ އަދިވެސް އެހެން މިއުޅެވެނީ..." ނަޖާތު ރޫބީގެ ބުރަކަށީގައި ފިރުމައިލިއެވެ. "އަނެއްކާ ބިނދުނުތަ؟"
"ބިނދޭނެއޭ ތިވަރު ކުރަންޏާ" ރޫބީ ތަދުވާކަމަށް ހެދުނެވެ.
"ދެން ބުނެބަލަ... އޮފީސް ކިހިނެއް؟ ރީތި ބިޓުންނާ ދިމާވިތަ؟" ނަޖާތު އިނީ ޝައުގުވެރިވެފައެވެ.
ރޫބީ ޝޯލްއާއި ދަބަސް ނަގައިގެން ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. ނަޖާތު ރޫބީގެ ފަހަތުން ގޮސް، ކޮނޑުގައި އެލިގަތެވެ. ރޫބީ ޖަވާބު ނުދޭހާ ހިނދަކު އޭނާ ސުވާލު ތަކުރާރު ކުރިއެވެ.
"ނަޖާ ހަމަ ގަސްދުގަ އަހަންނަށް ލަނޑެއްދިނީއޭ.." ކާރު ހުއްޓުވުނު ހާދިސާ ހަނދާންވެ، ރޫބީއަށް ދެލޯ މަރާ ބާރުކޮށްލެވުނެވެ. "ޓެކްސީއަކަށް ނޫނޭ އެރުނީ... އޭނަގެ ކާރަށް.... ލަދުން ހަލާކުވާވަރުވެއްޖެ..."
ވީގޮތް އެނގުމުން، ނަޖާތުގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ރޫބީއަށް މަލާމާތްކޮށްފައި، ގުދަށް އޮވެގެން އެތައް އިރަކު ހުނެވެ. ރޫބީ އަޑު އިވޭކަމަށްވެސް ހަދާނުލައި މޫނު ދޮވެލައިގެން އައިސް ޝޯލް އަޅަން ފެށިއެވެ.
"ތި ނުވާނެ އާދައިގެ އިއްތިފާގަކަށް... ތީ ތަގުދީރުގެ ނިޔާ..." ނަޖާތު ދިމާކުރިއެވެ.
"ހާދަ ވިއަރޑް މީހުން އުޅޭ ތަނެކޭ..." ރޫބީ ދެފަރާތަށް ބޯ ހޫރައިލިއެވެ.
"ސޯ ރޮމޭންޓިކް.." ނަޖާތަށް ބުނެވުނެވެ. "ދުވަސްކޮޅަކުން ވަކި ނުވެވޭ ވަރަށް ދެމީހުން ލޯބިވެސް ވާނެ... އޭރުން ވިއާޑެއް ނުވާނެ..."
********
މިފްޒާލްގެ ފޯނު ރިންގްވާން ފެށީ، އިކާންއާއިއެކު ރެސްޓޯރެންޓަކަށް ވަންނަނިކޮށެވެ. އިސްކްރީނަށް އަރާފައިވާ ނަން ފެނުމުން، މިފްޒާލްގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. އިކާންއާއި ކުޑަކޮށް ދުރަށްޖެހިލުމަށްފަހު، މިފްޒާލް ފޯނު ނެގިއެވެ. ސިއްރުން ހަލޯއޭ ބުނަން އުޅެނިކޮށް، ފޯނުގެ އަނެއްކޮޅުން ވާހަކަ ދައްކަން ފެށި އަޑު އިވުނެވެ.
"ދޮންބެ އެބަހުރިތަ؟" އިބާ ހުރީ ހާސްވެފައެވެ.
"ނެތް..." މިފްޒާލް ދޮގުހެދިއެވެ.
"ނަސީބެއްނު..." އިބާ ދޫކޮށްލީ ފުން ނޭވާއެކެވެ. "ކޮންތާކު ތިހުރީ؟ އިބާ ބޭނުން މީޓްކޮށްލަން... ވަރަށް މުހިއްމު ކަމަކު... ދޮންބެ ކައިރީ ނުބުނައްޗޭ! އާދެވިދާނެތަ ބަލާ..."
"މިގަޑީ އަދި ބިޒީ... ފަހުން ގުޅާނަން..." އިކާން އެނބުރި އަންނަން ފެށުމުން، މިފްޒާލް ފޯނު ކަނޑައިލިއެވެ.
"ކާކު ގުޅީ؟" އިކާން ސުވާލުކުރީ މިފްޒާލް މާ ހާސްވެފައި ހުރި ތަން ފެނުމުންނެވެ.
"އޭނ؟.... މީހެއް ނޫން" މިފްޒާލް ހުރީ ހަމަ ރަނގަޅަށްވެސް ހާސްވެފައެވެ. އިކާންގެ ނަޒަރު މިފްޒާލްގެ ފޯނަށް ހުއްޓުނު ތަން ފެނުމުން، އަވަސް އަވަހަށް ފޯނު ޖީބަށް ލިއެވެ.
"މަތީގަތަ އޭނަ ވީ؟..." ސިޑިއާއި ދިމާއަށް ހިނގައިގަންނަމުން އިކާން ބުނެލިއެވެ.
"އާނ... އަރާ... މި ދަނީ ވޮޝްރޫމަށް ވަދެލާފަ..." މިފްޒާލް ފާހާނާއާއި ދިމާއަށް ހިނގައިގަތެވެ.
މިފްޒާލް ފާހާނާއަށް ވަންއިރުވެސް އިބާ އޭނާއަށް ގުޅަނީއެވެ. ހުއްޓާނުލައި ދެފަހަރު ގުޅުމުން، މިފްޒާލް ހިތްހަމަނުޖެހުނެވެ. ފޯނު ނެގިއެވެ.
"އިބާ އަހަންނަށް ގުޅާކަން އިކާންއަށް އެނގިއްޖެއްޔާ ކަންތައް ވަރަށް ގޯސްވާނެ!... އިބާއަށް ކީއްވެތަ ނުވިސްނެނީ؟" މިފްޒާލަށް ޝަކުވާ ކުރެވުނެވެ.
"އެހެންވެއެއްނު ފުރަތަމަވެސް މި އެހީ ދޮންބެ ހުރިތޯ.." އިބާ ބުނެލިއެވެ.
"ތީ އިކާންގެ ކޮއްކޮ... އަހަރެން އިބާއަށް ވަރަށް ރެސްޕެކްޓްކުރަން" މިފްޒާލް މަސައްކަތްކުރީ އިބާއަށް ވިސްނައިދޭށެވެ.
"އިބާ މިގުޅީ އެވާހަކަ ދައްކާކަށް ނޫނޭ" މާޔޫސްވެފައިވާ ރާގަކަށް އިބާ ބުނެލިއެވެ. "ސިހުރެއް ކަހަލަ އެއްޗެއް ފެނިގެން މިއުޅެނީ... ކޮންމެވެސް މީހަކު ދޮންބެއަށް..."
"އެބަ ދަން..." މިފްޒާލް ފޯނު ކަނޑައިލިއެވެ.
ސިޑިން މައްޗަށް އަރައިގެން ދިޔަ އިކާންގެ ފިޔަވަޅުތަކަށް ލަސްކަމެއް އައީ، މޭޒެއްގެ ކައިރީގައި އިށީނދެލައިގެން އިން ރޫބީ ފެނުމުންނެވެ. އެނބުރި އައިކޮޅަށް ދާން އުޅެފައިވެސް، އިކާންގެ ހިޔާލު ބަދަލުވީ ރޫބީއަށް އޭނާ ފެނުމުންނެވެ. އިކާން ފެނުމުން، ރޫބީގެ ތުންފަތްމަތީގައިވި ހިނިތުންވުން ގެއްލުނެވެ. އިކާންގެ ހިތަށް އުނދަގޫ ގޮތެއް ވިއެވެ.
"އިކާންތޯ؟" އިނގިރޭސިން އަންހެންކުއްޖަކު ސުވާލުކުރި އަޑު އިވުނީ އިކާންގެ ފުރަގަހުންނެވެ.
އިކާންގެ ކުރިމަތީގައި ހުރީ، އިސްކޮޅުން ދިގު، ހަމުގެ ކުލަ އަލި، ޒުވާން އަންހެނެކެވެ. ރާއްޖެއިން ބޭރުގެ އިންވެސްޓަރެކެވެ. ރާއްޖެ އައީ އަލަށެވެ. އޭނާ ލައިގެން ހުރީ ކަކުލާއި ހަމައަށް ހުރި ހުދުކުލައިގެ ދޫ ހެދުމެކެވެ. އެއީ އަސްލަމް ހަމަޖެއްސި ބައްދަލުވުމެކެވެ. ރަސްމީ ބައްދަލުވުމެއްގެ ގޮތުގައި ހަމަޖެހުނީ އެނޫން ގޮތަކަށް އިކާން އެކުއްޖާއާއި ބައްދަލު ނުކުރާނެކަން އަސްލަމަށް އެނގޭތީއެވެ. އަސްލަމްގެ ނިޔަތަކީ ކޮބައިކަން އެނގޭތީ، އިކާންގެ މާބޮޑު ޝައުގުވެރިކަމެއް ނެތެވެ.
"ލޫސިއާނާ..." ލޫސިއާނާ ކޮޅަށް ތެދުވެފައި ސަލާމަށް އަތް ދިއްކޮށްލިއެވެ.
"އިށީނދޭ!" ލޫސިއާނާ ދިއްކޮށްލި އަތުގައި ނުހިފި ނަމަވެސް، އިކާން އަދަބުވެރިކަން އަދާކުރިއެވެ. އޭނާ އިށީނީ ލޫސިއާނާ އިށީނުމުންނެވެ.
"ހުރިހާ މުސްލިމުން އުޅެނީ ތިހެނެއް ނޫން... އެހެން މީހުން ސަލާންކުރޭ! ޕްރެސިޑެންޓްވެސް ލޫސީއާ ސަލާންކުރި..." ލޫސިއާނާ މަޑުމަޑުން ހީލިއެވެ.
އިކާން އިންނަން ޖެހުނީ ރޫބީގެ ކުރިމައްޗަށްވާހެން ހުރި ގޮނޑިއެއްގައެވެ. އިސްއުފުލައިލާ ކޮންމެ ފަހަރަކު ރޫބީ ފެންނާތީ އިކާންއަށް އުނދަގޫވިއެވެ. ރޫބީވެސް އިނީ އުނދަގޫވެފައެވެ. މުޅި ދުވަހު ރޫބީއާއި އިކާންއާއި ބައްދަލުވީ އުއްމީދު ނުކުރާ ގޮތްގޮތަށެވެ. އެއީ އިއްތިފާގެއް ހެއްޔެވެ؟ ނޫނީ ނަޖާތު ބުނިހެން ތަގުދީރުގެ ނިމުން ހެއްޔެވެ؟
"ކާއެއްޗެހި އަންނަންވާއިރަށް ޓޭބަލް ބަދަލުކޮށްލަންވީނު..." ރޫބީ އެދުނެވެ.
"ކުއްލިއަކަށް ކިހިނެއްވީ؟ މިއޮއް ހުރިހާއިރު މިތަންވަރުގެ ތަނެއް ނެތިގެން އެވާހަކަ ދެއްކީ..." ނަޖާތު ހައިރާންވެފައި ވަށައިގެން ނަޒަރު ހިންގައިލިއެވެ.
"މި ޕޮއިންޓް ކަމުނުދަނީއޭ... މާ މީހުން ގިނަވަނީ މިހާރު... އައިއިރު އޮތީ ހުސްކޮށެއްނު... ހިނގާ އެކޮޅުގަ އިން ޓޭބަލްއަށް..." ރޫބީ އިޝާރާތްކުރީ ގަސްތަކެއްގެ ކައިރީގައި ހުރި މޭޒަކަށެވެ. އެ މޭޒުގައި ތިބޭއިރު، އިކާންމެން ތިބޭ މޭޒު ނިވާވާނެކަން ރޫބީއަށް އެނގެއެވެ.
ރޫބީމެން މޭޒު ބަދަލުކުރި ތަން ފެނުމުން، އިކާން ވަކީން ރޫބީދެކެ ފޫހިވިއެވެ. އިކާންއަށް ވިސްނުނީ އެއީ ރޫބީ ގަސްދުގައި އޭނާ ދަށްކޮށްލަން ކުރި ކަމެއްގެ ގޮތުގައެވެ. އަޖައިބެއް ކަހަލަ އަންހެންކުއްޖެކޭ އޭނާގެ ހިތަށް އެރިއެވެ.
"ކޮބާ ހިޔާލަކީ؟" އިކާނަށް އިވުނީ ލޫސިއާނާ ބުނި ޖުމުލައިގެ ފަހުބައެވެ.
********
މުޅި ދުވަހު ނާޝިޒް އިންތިޒާރުކުރީ އެންމެ ކޯލަކަށެވެ. ފައުދުގެ ކޯލު ލިބުނީ ދަންވަރު ބާރަވެސް ޖެހިފަހުންނެވެ. ނިދަން އޮތް ނާޝިޒް ބެލްކަންޏަށް ނުކުތީ، ފަލާހާ ނިދާފައި އޮތުމުން، ހޭލެވިދާނެތީއެވެ.
"ވަރަށް ލަސްވެއްޖެދޯ؟" ފައުދު ބުނެލިއެވެ. "ހަމަ ދެންމެ ބޭބެގެ ހަބަރެއް ވީ..."
"ކީކޯ ބުނީ؟" ނާޝިޒް ހުރީ ކެތްތެރިކަން ކުޑަވެފައެވެ.
"ނާޝިޒް ބުނީ ރަނގަޅަށް..." ފައުދު ބުނެލިއެވެ. "އެއީ އަސްލު ސިހުރެއް ނޫން..."
"ހަމަ ޔަގީންތަ؟" ނާޝިޒް ބޭނުންވީ ޔަގީންކުރާށެވެ.
"އާނ... އެހެން ރައްޓެއްސަކަށްވެސް ދެއްކިން.... އޭނަވެސް ދިނީ ހަމަ ބޭބެވެސް ދިން ޖަވާބު... އެއީ ސިހުރެއް ނޫންކަން ޔަގީންވާ ވަރަށް ހެކި ދެއްކި އޭނަ...." ފައުދު ތަފްސީލް ދިނެވެ.
"ތީ ހާދަބޮޑު ހިތްހަމަޖެހުމެކޭ..." ނާޝިޒަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. "އެކަމަކު، ތީ ސިހުރެއް ނޫނިއްޔާ މީހަކު ކީއްކުރަން ކުރާ ކަމެއްބާ؟..."
"ތި އާއިލާ ހަލާކުކޮށްލަން ބޭނުންވާ މީހެއް އެއީ... އޭނަގެ މަގުސަދަކީ ބިރު ދެއްކުން..." ފައުދު ޔަގީންކަމާއި އެކުގައި ބުނެލިއެވެ. "އާއިލާ މީހަކަށްވެސް ވެދާނެ..."
ފޯނު ބޭއްވިއިރު ނާޝިޒް ހުރީ ފުން ވިސްނުމެއްގެ ތެރޭގައެވެ. ވިސްނާ ވިސްނާވެސް އެފަދަ ކަމެއް ކޮށްފާނެކަމަށް ނާޝިޒްގެ ސިކުނޑިއަށް އައީ އެންމެ ނަމެކެވެ.
"ޔަޒްދާން..."
ޔަޒްދާންގެ ފޯނު ރިންގްވާން ފެށިއެވެ. ދެތިން ފަހަރު ރިންގްވެފައި ކެނޑުނެވެ. އިސްކްރީނަށް ބަލަހައްޓައިގެން އިން ޔަޒްދާންގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. އެ ކޯލު އަންނާނެކަން އޭނާއަށް މާކުރިން އެނގޭ ކަހަލައެވެ. ފޯނު ބަންޑުންވާހެން މޭޒުމަތީގައި ބާއްވާފައި ޔަޒްދާން ނުކުތީ ބެލްކަންޏަށެވެ.
ސާދަވިލޭރޭގެ ބުރުހަމަ ހަނދު ފަލަކުގައި ރަސްކަން ކުރަމުން ދިޔައެވެ. ވަށައިގެން ފެންނަމުންދިޔަ ގަސްތަކަށް ހަނދުވަރުގެ ރިހި އަލި އެޅިފައިވާއިރު، ޖެހިލާ ފިނި ރޯޅިތަކާއިއެކު ގަސްތައް ހަރަކާތްކޮށްލަނީ ނުހަނު ހިތްގައިމުކޮށެވެ. ފަނަރަވަނަ ފަންގިފިލާގައި ހުރި ޔަޒްދާން ރެއިލިންގައި ލެނގިލިއެވެ. ކޮފީތަށިން އެތިފޮދެއް ބޯލިއެވެ. މިދުވަހަށް އޭނާ އިންތިޒާރު ކުރާތާ އެތައް ދުވަހެއް ވެއްޖެއެވެ.
(ނުނިމޭ)