އެހެން ގައުމުތަކާ އެކު ރާއްޖެއިން ހަދާފައިވާ އަސްކަރީ އެއްބަސްވުންތައް އިސްލާހުކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް، އެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނު މިއަދު ވިދާޅުވެއްޖެއެވެ.
މިދިޔަ ހޮނިހިރު ދުވަހު ރައީސް މުއިއްޒު ބޭއްވެވި 14 ގަޑިއިރުގެ ދިގު ނޫސްވެރިންގެ ބައްދަލުވުމުގައި އެ މަނިކުފާނު ވިދާޅުވީ، ކަންބޮޑުވުންތަކެއް ހުރި އެއްބަސްވުންތައް އުވާލާފައިވާ ކަމަށެވެ. އެގޮތުން، މިހާރު އެމްޑީޕީ ސަރުކާރުން ހެދި އަސްކަރީ އެއްބަސްވުންތަކުގައި ކަންބޮޑުވާންޖެހޭ ވަރުގެ ނުރައްކަލެއް ނެތް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެއްބަސްވުންތަކުގައި ކަންބޮޑުވާންޖެހޭ ގޮތަށް ހުރި މާއްދާތައް މިހާރު އިސްލާހުކޮށްފައިވާ ކަމަށެވެ.
ނަމަވެސް، މިއަދު ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން މިނިސްޓަރު ޣައްސާން ވިދާޅުވީ، އެހެން ގައުމުތަކާ އެކު ހަދާފައި ހުރި އަސްކަރީ އެއްބަސްވުންތަކުގައި ފާހަގަކުރެވޭ ކަންބޮޑުވާ ކަންކަން އިސްލާހުކުރުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ.
"...ދެންމެ އިއްޒަތްތެރި މެންބަރު ތިޔަ އިޝާރާތް ކުރެއްވި ގޮތަށް، ރައީސުލްޖުމްޙޫރިއްޔާގެ ޕްރެސް ކޮންފަރެންސްގައި ވިދާޅުވެފައިވާ ގޮތަށް، ދެ ގައުމުގެ ދޭތެރޭގައި އޮތް ގާތް ގުޅުމުގެ ތެރެއިން ދިވެހިރާއްޖޭގެ ސިޔާދަތާއި މިނިވަންކަމާއި އިސްތިގުލާލަށް އެއްވެސް ގެއްލުމެއް ނުވާ ގޮތަށް ބަދަލުކުރެވި، އަދިވެސް ކުރެވެމުން އެބަދޭ،" ޣައްސާން ވިދާޅުވިއެވެ.
ވަކިން ޚާއްސަކޮށް އިންޑިއާގެ އެހީގައި ތަރައްގީކުރި އުތުރުތިލަފަޅު އެއްބަސްވުމަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވެސް ޣައްސާން ވިދާޅުވިއެވެ. އެ މަސައްކަތްކުރަނީ ދެ ގައުމުގެ މެދުގައި އުފައްދާފައިވާ ހައި ލެވެލް ކޯޑިނޭޝަން ކޮމިޓީއަކުން ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ކުރީ ސަރުކާރުން އިންޑިއާއާ އެކު ވެފައިވާ ގޮތް ނޭނގޭ އެއްބަސްވުންތައް ހާމަކުރުމުގެ ވައުދުފުޅާ އެކުއެވެ. އަދި، އިންޑިއާއާއެކު އެމްޑީޕީގެ ވެރިކަމުގައި ނުރައްކާތެރި އެއްބަސްވުންތަކެއް ހަދާފައިވާ ކަމަށް ބޮޑެތި ތުހުމަތުތަކެއް ކުރެއްވެވިއެވެ. ނަމަވެސް، ވެރިކަމަށް ވަޑައިގެން އަހަރެއްވީއިރު ވެސް އެއްބަސްވުންތައް ހާމަނުކުރާތީ އެ މަނިކުފާނަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފައެވެ.
ޣައްސާން ވިދާޅުވި ގޮތުގައި މިއަދާ ހަމައަށް ވެސް އެ އެއްބަސްވުންތައް ހާމަނުކުރެވެނީ އެ އެއްބަސްވުންތަކުގައި "ކޮންފިޑެންޝަލް ކްލައުސް" އޮތުމުންނެވެ. މިދިޔަ ހޮނިހިރު ދުވަހު ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވެސް ހަމަ ވިދާޅުވީ އެ ވާހަކަފުޅެވެ.
އެކަމާ ގުޅިގެން މިއަދުގެ ޖަލްސާގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު ވަނީ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ 241 ކޮމިޓީއަށް ހުށަނޭޅޭ ނުވަތަ މައުލޫމާތު ހާމަނުކުރެވޭނެ ފަދަ އެއްވެސް އެއްބަސްވުމެއް އޮވެގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ.
އެ ސުވާލަށް ޖަވާބުދެއްވައި ޣައްސާން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އާރާއި ބާރުތަކަށް އަދި މަޖިލީހުގެ އިމްތިޔާޒުތަކަށް ދިވެހި ސަރުކާރުން ފުރިހަމައަށް އިހުތިރާމުކުރާނެ ކަމަށެވެ. އަދި، 241 ކޮމިތީއަށް ދެވެން ހުރި ހުރިހާ މައުލޫމާތެއް ސަރުކާރުން ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.