ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފުގެ މައްސަލައިގައި، ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވިކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނަނީ ބުއްދީގެ ހަމައެއް ނެތް ޚިޔާލީ ފޮލައެއްގެ މައްޗަށް ބިނާކޮށް ކަމަށް އަޒްމިރަލްދާގެ ވަކީލު އިބްރާހިމް ޝަމީލް މިއަދު ވިދާޅުވެއްޖެއެވެ.
މިދިޔަ ފެބްރުވަރީ މަހުގެ 26ގައި ޖޭއެސްސީން އަޒްމިރަލްދާ ސަސްޕެންޑުކުރީ، މިދިޔަ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު ލަތީފު ސްޕާއަކުން ހައްޔަރުކޮށްގެން ކްރިމިނަލް ކޯޓަށް ގެންދިޔުމުން، އޭނާ މިނިވަންކުރުމަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކޮށެވެ.
އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވެސް ބަލަމުން އަންނައިރު، ޖޭއެސްސީން މި މައްސަލަ ތަހުގީގުކޮށް، މިދިޔަ އާދިއްތަ ދުވަހު ވަނީ އަޒްމިރަލްދާ މަގާމުން ވަކިކުރަން ނިންމައި، އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފައެވެ.
އެ މައްސަލައާ ގުޅޭ ގޮތުން މިއަދު ހަވީރު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީލް ވިދާޅުވީ، މުޅި މައްސަލައިގައި ވެސް އަޒްމިރަލްދާގެ މައްޗަށް ތުހުމަތުކުރަން ޖެހޭ އަސާސެއް ނެތް ކަމަށެވެ.
އަދި ޖޭއެސްސީގައި މައްސަލަ ބެލި ކޮމިޓީއިން މުޅި މައްސަލަ ބިނާކޮށްފައި ވަނީ އެ ކޮމީޓީގެ މެންބަރުންނަށް ގަބޫލުކުރެވޭ ކަންތައްތަކަކަށް ބިނާކޮށް ކަމަށް ޝަމީލް ވިދާޅުވިއެވެ.
"މިއީ ހެއްކެތް ގަރީނާއެއް މިކަމުގައި އޮވެގެން ނިންމަވައިފައި އޮތް ނިންމުމެއް ނޫން. ފަނޑިޔާރުގެ ފަރާތްޕުޅުން ނުފޫޒެއް ފޯރުވާފައެއް ނޯންނާނެ. އެއްވެސް ކޯޓެއްގެ އެއްވެސް ފަނޑިޔާރަކަށް،" ޝަމީލް ވިދާޅުވިއެވެ.
ޝަމީލް ވިދާޅުވީ ލަތީފު ބަންދުގައި ހުންނަވަނިކޮށް އަޒްމިރަލްދާއަށް އައީ އެންމެ ފޯނު ކޯލެއް ކަމަށެވެ. އެއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު، އަޒްމިރަލްދާއަށް ގުޅުއްވައި އެ ދުވަހު "ބްރެކްފާސްޓް" އޮންނާނެކަމަށް ވިދާޅުވާން ކުރެއްވި ފޯންކޯލެއް ކަމަށް ޝަމީލް ވިދާޅުވިއެވެ.
"އެހެން ނަމަވެސް ކޮމިޝަނުން ކަންކަން ނިންމެވުމުގައި އަމަލުކުރައްވައިފައި އޮތީ ބުއްދީގެ ހަމައަށްވުރެ ބޮޑަށް ޚިޔާލީ ފޮލައަކަށް ކަމަށް އަޅުގަނޑުމެންނަށް ފެންނަނީ...،" ޝަމީލް ވިދާޅުވިއެވެ.
ޖޭއެސްސީން ވަނީ މި މައްސަލައިގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރަށް ވެސް، ކްރިމިނަލް ކޯޓަށް ނުފޫޒު ފޯރުވަން އުޅުނު ކަމުގެ ތުހުމަތުކޮށް، އޭނާ ވެސް މަގާމުން ވަކިކުރަން ފާސްކޮށްފައެވެ. އެ ދެ ބޭފުޅުންނާއެކު ފަނޑިޔާރު ހުސްނުއްސުއޫދު ވެސް ސަސްޕެންޑުކުރިއިރު، އޭނާ ވަނީ މީގެ ކުރިން މަގާމުން އިސްތިއުފާ ދެއްވައިފައެވެ.
ދެ ފަނޑިޔާރުންނަށް އެ ތުހުމަތު ކުރި ނަމަވެސް، ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް ޒިހުނީ ޖޭއެސްސީއަށް ދެއްވި ބަޔާނުން އެނގޭ ގޮތުގައި މަހާޒް އައްސަވައިގެން ކްރިމިނަލް ކޯޓުގެ ގާޒީ ސަފްވަތު ހަބީބު، ޒިހުނީއަށް ގުޅުއްވީ އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލި ފަހުންނެވެ. އަދި ސަފްވަތު އެއްސެވީ ލަތީފް ބަންދުގެ މުއްދަތު ޖަހަން ހާޒިރުކުރިތޯ އެކަނިކަން ވެސް އެ ބަޔާނުން އެނގެއެވެ.
އެހެންވެ، މަހާޒާއި އަޒްމިރަލްދާ ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައަށް އެ ދެ ބޭފުޅުންނަށް ނުފޫޒު ފޯރުވޭނެ ގޮތެއް ނެތްކަން އެ ބަޔާނުން ހާމަވެއެވެ.
ޖޭއެސްސީގައި އަޒްމިރަލްދާގެ ތަހުގީގު ކުރިއަށް ދިޔައިރު އޭނާ ވަނީ އޭނާގެ މައްސަލަ ބަލާ ކޮމިޓީގެ ބައްދަލުވުންތައް އާންމުކޮށް ހުޅުވައިލަން ވެސް އެދިވަޑައިގެންފައެވެ. އަދި ޖޭއެސްސީން ގޮތެއް ނިންމުމުގެ ކުރިން ވެސް އޭނާގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް ފުރުސަަތަކަށް އެދިވަޑައިގަތެވެ. ނަމަވެސް އެ ކަންކަމަށް ޖޭއެސްސީން ފުރުސަތު ދީފައެއް ނުވެއެވެ.