ސިހުރު ހަދަނީކަމަށް ބުނެ ވެލިދޫ މީހަކު ރަސްގެތީމުން ބާލުވައިފި

ސިހުރު ހަދާކަމުގެ ތުހުމަތުކޮށް، ރަސްގެތީމުގައި ހުރި ވެލިދޫ މީހަކު ރަށުން ބާލަނީ ---- ފޮޓޯ/ މިނިސްޓްރީ އޮފް ޖުހާ، ފޭސްބުކް

ސިހުރު ހަދަނީ ކަމަށް ތުހުމަތުކޮށް، ރ. ރަސްގެތީމުން މީހަކު އިއްޔެ ބާލައިފިއެވެ.

ރަސްގެތީމުން 'ސަން'އާ ވާހަކަދެއްކި މީހަކު ބުނީ، އެ ރަށުން ބޭލީ ސިހުރު ހަދާކަމުގެ ތުހުމަތުކުރެވިގެން ނ. ވެލިދޫ މީހެއް ކަމަށެވެ.

އޭނާ ބާލަން ރައްޔިތުން އުޅެނިކޮށް ފަހުން ފުލުހުން އައިސް އޭނާއަށް ހިމާޔަތްދީގެން އެ ރަށުން ބޭލި ކަމަށް އެ މީހާ ބުންޏެވެ.

މި ހާދިސާ ހިނގާފައި ވަނީ އިއްޔެ އިރުއޮއްސުނު ވަގުތެވެ.

ސޯޝަލް މީޑިއާގައި އަންނަނީ މީހަކު ރަށުން ބާލާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ދައުރުވަމުންނެވެ. އެ ވީޑިއޯގައި ފެންނަނީ އެރަށުގެ ބަނދަރު މަތިން ފުލުހުން މީހަކު ގޮވައިގެން އަންނައިރު، ގިނަ އަދަދެއްގެ މީހުން ވެސް އަޑުގަދަ ކުރަމުން އަންނަ ތަނެވެ.

އެވަގުތު ބަނދަރުމަތިން އެއްކޮށް ކަރަންޓުދާ މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ. އަދި އެ މީހާ ގެނެސް ލޯންޗަކަށް ލުމުން އެ ލޯންޗު ފުރާ މަންޒަރު ވެސް ފެނެއެވެ.

މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

އިއްޔެ ހއ. ބާރަށުގައި ސިހުރު ހަދާ ކަމަށް ޕޮލިސް އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ރަށުގެ އަށް މީހަކު ހިފަހައްޓައި، ސުވާލު ކުރިއެވެ. އެކަމަކު، ފަހުން އެ މީހުން ވަނީ ދޫކޮށްލާފާއެވެ.

ސިހުރުގެ މައްސަލަ ވަރަށް ބޮޑުވެފައިވާއިރު މިފަދަ ގިނަ މައްސަލަތަކެއް އަންނަނީ ފެންމަތިވަމުންނެވެ.

comment ކޮމެންޓް