ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް ފަށާއިރު އެކި ސައިޒުތަކުގެ ކާރު ހިމެނޭނެ ކަމަށާއި، އޭގެ ތެރޭގައި މާލޭގެ ކުދިކުދި މަގުތަކަށް ވަދެވޭ ސައިޒުގެ ކާރު ވެސް ހިމެނޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.
މާލޭ ސަރަހައްދުގައި ސަރުކާރުން ޓެކްސީ ޚިދުމަތް ފަށަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއި ޓްރާންސްޕޯޓު މިނިސްޓްރީއާ އެކު އެމްޔޫއޯއެއްގައި ސޮއިކުރީ ފެބްރުއަރީ 15، 2025ގައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވައި މިނިސްޓަރު އަމީން ވަނީ ސަރުކާރުގެ ޓެކްސީ ލައިން ފެށުމުން އަމިއްލައަށް ޓެކްސީ ކުރާ މީހުންނަށް ގެއްލުން ނުވާ ސަބަބުތައް ހާމަކޮށްދެއްވައިފައެވެ. އެގޮތުން، ދެވަނަ ވަޒީފާއެއްގެ ގޮތުގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި ދާއިމީކޮށް ޓެކްސީ ކުރަން ބޭނުންވާ މީހުންނަށް ވެސް އެ ފުރުސަތު ލިބޭނެ ކަމަށް އަމީން ވިދާޅުވިއެވެ.
ހަމައެއާއެކު އަމިއްލައަށް ޓެކްސީ ކުރާ މީހުންނަށް ވެސް ޓެކްސީކުރަން އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް އަމީން ވިދާޅުވިއެވެ.
ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން --
އެހެންކަމުން ސަރުކާރުގެ ޓެކްސީ ލައިންގެ ސަބަބުން ޓެކްސީ ކުރާ ފަރާތްތަކަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމަށް އަމީން ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ފެންނަން އޮތް ހަގީގަތަކީ މާލެ ސަރަހައްދުގައި ޓެކްސީގެ ޚިދުމަތަށް ބޭނުންވެފައި އޮތްލެއް ބޮޑުކަން. ވަރަށް ގިނަ ޝަކުވާތައް ހުށަހެޅިގެންދޭ ޓެކްސީ ބޭނުންވާ ގަޑިތަކުގައި ނުލިބޭތީ. މާލޭގައި އެއްތަނުން އަނެއް ތަނަށް ދާން ޓެކްސީ ހޯދުމަކީ ވަރަށް އުނދަގޫ ކަމެއް. އާއްމުކޮށް ހުޅުމާލެއަށް ނޫނީ އެއާޕޯޓަށް ދާން ބޮޑު އަގުގައި ޓެކްސީ ލިބެނީ،" މިނިސްޓަރު އަމީން ވިދާޅުވިއެވެ.
އާއްމުކޮށް ޓެކްސީއޭ ބުނުމުން އެންމެނަށް ވެސް އެނގެނީ އެއް ސައިޒެއްގެ ކާރުތަކެއްކަން ފާހަގަކުރައްވައި އަމީން ވިދާޅުވީ، ސަރުކާރުގެ ޓެކްސީ ލައިންގައި ތަފާތު ސައިޒުތަކުގެ ކާރުތައް ހިމަނާނެ ކަމަށެވެ.
"ސަރުކާރުން ނިންމަވައިގެން މި އުފައްދާ ޓެކްސީ ލައިންގައި ހުންނާނީ އެއް ސައިޒެއް ނޫން. އުޅޭނެ ދެތިން ހަތަރު ސައިޒެއް. އެއީ ވަރަށް ކުދިކުދި މާލޭގެ މަގުތަކަށް ވެސް ވަދެވޭގޮތަށް،" މިނިސްޓަރު އަމީން ވިދާޅުވިއެވެ.

ސަރުކާރުން ފަށަން ނިންމި ޓެކްސީ ޚިދުމަތުގައި ބޭނުންކުރާ ކާރެއް -- ފޮޓޯ/ ޓްރާންސްޕޯޓު މިނިސްޓްރީ
މީގެ އިތުރުން، އެއާޕޯޓަށާއި ހުޅުމާލެ ދަތުރުތަކަށް ވެސް ޚާއްސަ ސައިޒުތަކެއް ހުންނާނެ ކަމަށް އަމީން ވިދާޅުވިއެވެ.
އޭގެ ބޭނުމަކީ، މާލޭގެ މަގުތައް ހުންނަ ގޮތުން ބައެއް ހަނި މަގުތަކަށް އެއް ސައިޒެއްގެ ކާރު ވަނުމަށް ގޮންޖެހުންތަކެއް ހުރުން ކަމުގައި އަމީން ފާހަގަކުރެއްވިއެވެ. އެހެންކަމުން އެކި ސައިޒުތަކުގެ ކާރު ގެނެސްފިނަމަ އެކަމަށް ހައްލެއް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ސަރުކާރުގެ ޓެކްސީ ލައިނަށް ބޭނުންވާ ޓެކްސީ ފޯރުކޮށްދޭނެ ބަޔަކު މިހާރު ހަމަޖެހިފައިވާ ކަމަށާއި، ޓެކްސީ ލައިނަށް ބޭނުންވާ އެޕްލިކޭޝަން ހެދުމުގެ މަސައްކަތާއި ޓެކްސީތައް ޗާޖު ކުރާނެ ޗާޖިން ސްޓޭޝަންތައް ހެދުމުގެ މަސައްކަތް އެމްޓީސީސީން މިހާރު ކުރަމުން އަންނަ ކަމަށް މީގެ ކުރިން އަމީން ވަނީ ވިދާޅުވެފައެވެ.
އުންމީދަކީ މަސައްކަތް ނިންމައި، ޖުލައި މަހުގެ ފުރަތަމަ ހަފުތާގައި އެ ޚިދުމަތް ފެށުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ސަރުކާރުން ތައާރަފުކުރި މި ޚިދުމަތުގައި ބޭނުންކުރާނީ ތިމާވެއްޓާއި ރައްޓެހި، ސައްތައިން ސައްތަ އިލެކްޓްރިކް ވެހިކަލް ހިމެނޭ ޓެކްސީ ލައިނެއް ކަމަށް ވެސް އެމްޓީސީސީން މީގެ ކުރިން ބުންޏެވެ. ސައުވީސްގަޑިއިރު ޚިދުމަތް ދޭ ގޮތަށް ތައާރަފުކުރެވޭ މި ޓެކްސީ ޚިދުމަތް ދިނުމަށް އެކަމަށް ޚާއްސަ އެޕްލިކޭޝަނެއް އޮވެއެވެ. އެ އެޕް މެދުވެރިކޮށް ޓެކްސީގެ ޚިދުމަތް ހޯދާ ފަރާތުގެ ލޮކޭޝަނާއި އެންމެ ގާތުގައިވާ ޓެކްސީ އެނގޭނެ ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.
މި ޚިދުމަތަށް ނަގާނީ މިހާރު ވެސް ޓްރާންސްޕޯޓް މިނިސްޓްރީގައި ކަނޑައަޅާފައިވާ ގައިޑްލައިނުގައިވާ އަގުތައް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި، ޓެކްސީގެ ޚިދުމަތް ހޯދުމަށް ހަތް ދުވަސް ކުރީން ބުކްކުރެވޭނެއެވެ. މީގެ އިތުރުން މި ޚިދުމަތަށް އިތުރު އަގެއް ވެސް ދައްކާކަށް ނުޖެހޭނެއެވެ.

ޓެކްސީ ޑްރައިވަރުންގެ އިހުތިޖާޖުގައި ހައިވޭގެ ޓްރެފިކު ބްލޮކްކޮށްފައި -- ސަން ފޮޓޯ/ ނާއިޝް ނާހިދު
ފާހަގަކޮށްލެވޭ ގޮތުގައި މިހާރު ވެސް އަމިއްލަ ޓެކްސީ ސެންޓަރުތަކުން ޚިދުމަތް ދެމުން އަންނަނީ ވަރަށް ޒަމާނީ އެޕްލިކޭޝަންތައް ބޭނުންކޮށްގެންނެވެ. ސަރުކާރުން ޓެކްސީ ޚިދުމަތް ފަށާތީ އެ ފަރާތްތަކުން އަންނަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ. އަދި، ޓެކްސީ ޑްރައިވަރުން ވަނީ މާލޭގައި އެކަމުގެ އިހުތިޖާޖުތައް ވެސް ކޮށްފައެވެ.
ވަކިން ޚާއްސަކޮށް ސަރުކާރުން ޓެކްސީ ޚިދުމަތް ދޭންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށާއި އެއީ ވަރަށް ދެރަވަރުގެ ކަމެއް ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. ޔާމީން ވިދާޅުވީ، ޓެކްސީ ދުއްވާ މީހުންނަކީ ވަރަށް ބުރަކޮށް، ވަރަށް ގިނަ ވަގުތު މަސައްކަތުގައި އުޅޭ ބައެއް ކަމަށެވެ. އެކަން ކުރަނީ ހަމައެކަނި ފުލްޓައިމްކޮށް ޓެކްސީކުރާ މީހުން ނޫން ކަމަށާއި ދިރިއުޅުން ދަތިކަމުން ވަޒީފާތަކުގައި އުޅޭ ބައެއް މީހުން ވެސް މިހާރު ޓެކްސީކުރާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ޓެކްސީ ޑްރައިވަރުންތަކެއް އިހުތިޖާޖުކުރުމުން އެ މީހުން ހައްޔަރުކޮށް، އޭގެ ތެރެއިން ބައެއް މީހުންނަށް ދައުވާކުރުމުން ވެސް ޔާމީން ވަނީ ނުރުހުން ފާޅުކުރައްވައިފައެވެ. އެ މަނިކުފާނު ވިދާޅުވީ، ސަރުކާރުން ޓެކްސީ ކުރަންޖެހޭ ސަބަބެއް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީނަށް ވެސް ވިދާޅުވެނުދެއްވޭ ކަމަށެވެ.