ދ. ވާނީގައި ފުލުހުންގެ ތަމްރީނު ހަދަނިކޮށް، ހާލު ދެރަވެ ފަރުވާއަށް މާލެ ގެނައި ޒުވާނާ މިއަދު މަރުވެއްޖެއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، މަރުވެފައި ވަނީ 34 އަހަރުގެ ޕޮލިސް ކޮންސްޓަބްލް ޙުސައިން ގާއިސް ކަމަށެވެ.
މިދިޔަ އާދިއްތަ ދުވަހު ފުލުހުން ބުނީ ވާނީގައި ހުންނަ ޕޮލިސް ޓްރެއިނިން ސެންޓަރުގައި ފަތިހު 4:21 ހާއިރު، ދަރިވަރުންނަށް ގޮވަމުން ދިޔައިރު އޭނާގެ ޚަބަރެއް ނެތި އޮތްކަން ފާހަގަވި ކަމަށެވެ.
އޭނާ 4:27ގައި މެޑިކަލް ރޫމަށް ގެންގޮސް އަވަސް ފަރުވާ ދޭން ފެށި ކަމަށް ފުލުހުން ބުންޏެވެ. އަދި ޑޮކްޓަރުގެ ލަފާގެ މަތިން 4:48ގައި އިތުރު ފަރުވާއަށް އޭނާ ދ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިން ކަމަށް ފުލުހުން ބުންޏެވެ.
އެއަށްފަހު އެ ދުވަހު 13:22ގައި އެއާ އެމްބިއުލާންސްގައި އޭނާ މާލެ ގެނައީއެވެ. އޭރު ވެސް އޭނާގެ ހާލު ވަރަށް ކްރިޓިކަލް ކަމަށާއި ފަރުވާ ދިނީ ވެންޓިލޭޓަރުގައި ކަމަށް ފުލުހުން ބުނެފައިވެއެވެ.
ގާއިސްގެ ހާލު ދެރަވާން މެދުވެރިވި ސަބަބެއް މިހާތަނަށް ފުލުހުން ހާމަކޮށްފައިނުވެއެވެ.