ސާދަވިލޭރޭގެ ބުރުހަމަ ހަނދު ފަލަކުގައި ރަސްކަން ކުރަމުން ދިޔައެވެ. ވަށައިގެން ފެންނަމުންދިޔަ ގަސްތަކަށް ހަނދުވަރުގެ ރިހި އަލި އެޅިފައިވާއިރު، ޖެހިލާ ފިނި ރޯޅިތަކާއިއެކު ގަސްތައް ހަރަކާތްކޮށްލަނީ ނުހަނު ހިތްގައިމުކޮށެވެ. ފަނަރަވަނަ ފަންގިފިލާގައި ހުރި ޔަޒްދާން ރެއިލިންގައި ލެނގިލިއެވެ. ކޮފީތަށިން އެތިފޮދެއް ބޯލިއެވެ. މިދުވަހަށް އޭނާ އިންތިޒާރު ކުރާތާ އެތައް ދުވަހެއް ވެއްޖެއެވެ.
********
ކޮޓަރިތެރެއިން އިވެމުންދިޔަ މަޑު މިއުޒިކުގެ އަޑު ކެނޑުނެވެ. ބޮކިތައް ނިވުނެވެ. މުޅި ތަން ހިމޭންވީ ކުއްލިއަކަށެވެ. ބެލްކަންޏަށް ނުކުމެވެން ހުންނަ ކުޑަދޮރުގެ ކައިރިން މީހެއްގެ ހިލަން ވިހެން ޔަޒްދާނަށް ހީވިއެވެ. ބެލްކަނީގެ ރެއިލިންގައި ލެނގިލައިގެން ހުރި ޔަޒްދާނަށް ހަށިގަނޑު ސީދާކޮށްލެވުނެވެ. ދޮރުފޮތިގަނޑު މަޑުމަޑުން ހެލިލިއެވެ. ޔަޒްދާންގެ މޫނުމަތީގެ ކުލަވަރު ބަދަލުވާން ހިނދުކޮޅެއްވެސް ނުނެގިއެވެ. އޭނާ މަޑުމަޑުން އެއްފަރާތަކަށް ޖެހިލީ ވާނުވާ އެނގިގެން ޖެހިލާ ފަދައިންނެވެ. ފާރުކައިރީގައި ބަހައްޓާފައިވާ ގަސްޕޮޓުގެ ކައިރީގައިވާ ފިހިގަނޑު ނަގައި އަތަށް ހެޔޮވަރުކޮށްލިއެވެ. ޔަޒްދާނަށް ހީވީ ރަނގަޅަށެވެ. ބެލްކަންޏަށް މީހަކު ނުކުތެވެ. ލަސްފިޔަވަޅުތަކެއްގައި އަޑެއްވެސް އިއްވާނުލައެވެ. ލައިގެން ހުރި ކަޅު ފޭރާމުގައި އެމީހަކު ހީވަނީ ކަޅު ހިޔަންޏެއް ހެންނެވެ. އެމީހެއްގެ އަތުގައި ތޫނު އެއްޗެއް އޮތެވެ. ޔަޒްދާން ކުއްލިއަކަށް އެމީހާގެ ކަނދުރާގައި ފިހިގަނޑުން ޖަހައި ތިރިއަށް ވައްޓައިލިއެވެ.
"ކާކު ތީ؟... ކާކު ފޮނުވައިގެން ތިއައީ؟ އަހަރެންގެ އެޑްރެސް އެނގުނީ ކިހިނެއް؟ ބުނޭ!" އެމީހަކަށް ގުޑި ނުލެވޭނޭހެން ހިފަހައްޓަން މަސައްކަތް ކުރަމުން ޔަޒްދާން އެހިއެވެ.
ޔަޒްދާން އިތުރު އެއްޗެއް ބުނުމުގެ ކުރިން އެމީހަކު ގަސްޕޮޓެއް ނަގާ، ޔަޒްދާންގެ ބޮލުގައި ޖެހިއެވެ. ޕޮޓު ފަޅައިގެން ގޮސް ޔަޒްދާންގެ ގަޔަށް ވެލިތައް ބަންޑުންވިއެވެ. ވީތަދުން ޔަޒްދާންއަށް ބޮލުގައި ދެއަތުން ހިފަހައްޓާލެވުނެވެ. ޔަޒްދާންގެ އަތްދަށުން މިނިވަންވެގެން އެމީހާ ދުއްވައިގަތެވެ. އޭނާ ދިޔައީ ބެލްކަންޏާއި ދިމާއަށެވެ. ޔަޒްދާން އޭނާގެ ގައިގައި ހިފެހެއްޓުމުގެ ކުރިން އޭނާ ރެއިލިންގެ މަތިން ތިރިއަށް ފުންމައިލިއެވެ. ތެޅެމުންދިޔަ ހިތަކާއިއެކު ޔަޒްދާން ތިރި ބަލައިލިއެވެ. ރޭގަނޑުގެ ވަގުތު ފަނަރަވަނަ ފަންގިފިލާއިން ތިރި ފެންނަން އޮތީ ފުސްކޮށެވެ. ތިރީގައި މީހަކު ނެތެވެ. ޖެހިގެން ހުރި ފަންގިފިލާގެ ބެލްކަނިންވެސް މީހެއްގެ ހިލަމެއް ނެތެވެ. އެހާ ފަސޭހައިން އެމީހަކު ސަލާމަތްވީ ކިހިނެއް ހެއްޔެވެ؟ އާދައިގެ މީހަކަށް އެފަދަ ގޮތަކަށް ސަލާމަތެއް ނުވެވޭނެއެވެ.
ގޭގެ ބެލް އެޅި އަޑު އިވުނެވެ. ބޮލުގައި އަތް އަޅައިގެން ހުރެ، ޔަޒްދާން ގޮސް ދޮރު ހުޅުވައިލިއެވެ. ދޮރުމަތީގައި ހުރީ ނާޝިޒެވެ. ނާޝިޒްގެ ނަޒަރު ފުރަތަމަވެސް ހުއްޓުނީ ޔަޒްދާންގެ ނިތްކުރިއަށެވެ. އޭގެ ފަހުގައި މަޑުމަޑުން ތިރިއަށް ދަތުރުކޮށްލިއެވެ. ޔަޒްދާންގެ މުޅި ގައިގައި ވެލި ހުރިއިރު، ލައިގެން ހުރި ހުދުކުލައިގެ ޓީޝާޓުގައި ވަނީ ހިރަފުހެވެ. ބޮލުން ފަޅައިގެންދިޔަ ތަނުން އަންނަމުންދިޔަ ލޭގެ ރޮނގު، ނިތްކުރިން ތިރިއަށް ފައިބާފައި ހުއްޓެވެ.
ޔަޒްދާން އެއްފަރާތަކަށް ޖެހިލުމުން ނާޝިޒް އެތެރެއަށް ވަނެވެ. ގޭތެރެ އޮތީ އަނދިރިކޮށެވެ. ބޮކިތައް ދިއްލީ ނާޝިޒެވެ.
"ބޯފަޅައިގެން ދިޔައީ ކީއްވެ؟" ފަސްޓްއެއިޑް ބޮކްސް ހިފައިގެން އައިސް ޔަޒްދާންގެ ކުރިމަތީގައި ހުއްޓެމުން ނާޝިޒް ސުވާލުކުރިއެވެ.
"ވެއްޓުނީ..." ޔަޒްދާން ދިނީ ކުރު ޖަވާބެކެވެ.
ދެމީހުންގެ ދެމެދުގައި ގިނަ ވާހަކަތަކެއް ނުދެކެވެއެވެ. ޔަޒްދާންގެ ބޮލުގައި ބޭސްއަޅާފައި ނާޝިޒް ސޯފާގައި އިށީނެވެ. ގޭތެރެއަށް ނަޒަރު ހިންގައިލިއެވެ. ކިތަންމެ ގިނަ ވާހަކައެއް ބުނަން އައި ނަމަވެސް ނާޝިޒްގެ ދުލުގައި ވަނީ ތަޅެއް ލެވިފައެވެ. އަގުބޮޑު ރީތި ގެއެއްގައި ދިރިއުޅުނު ނަމަވެސް، ޔަޒްދާންގެ ގޭގައި ދިރުމެއް ނެތެވެ. ކޮންމެ ދިމާއަކުންވެސް ފެންނަމުން ދިޔައީ ފަޅުކަމާއި ހުސްކަމެވެ.
"ޔަޒްދާން ދުވަސްކޮޅަކަށް ރާއްޖެއިން ބޭރަށް ގޮސްލާ!..." ސޯފާމަތީގައި ފަސްސަތޭކައިގެ ނޫޓުތަކެއް ބާއްވާފައި ނާޝިޒް ތެދުވިއެވެ.
ޔަޒްދާންގެ ދެއަތް މުށްކެވިގެން ދިޔައެވެ. އޭނާގެ ދެއަތުގެ ތެރޭގައި ސޯފާގެ ފޮތިގަނޑު ބޮނޑިވަމުންދިޔައިރު، އަތުގެ ނާރުތަކަށް ލޭ އަރާ، ފުފުނެވެ. ނާޝިޒް ނުކުމެ ދޮރު ލައްޕައިލުމާއިއެކު، ޔަޒްދާންގެ ދެލޮލުގައި ގިނަވި ކަރުނަތައް ތިރިއަށް ފައިބައިގެންފިއެވެ. ހިތަށް ކުރި އަސަރަކުން ޔަޒްދާންގެ ހޭބުއްދި ފިލައިގޮސްފައިވާ ކަހަލައެވެ. ސޯފާގެ ބާލީސްތައް އުކާލިއެވެ. އޭރު އޭނާގެ މަޑު ހަޅޭކުގެ އަޑު މުޅި ގޭތެރޭގައި ގުގުމާލައިފިއެވެ. އެ އަޑު އަހާނެ މީހަކު ނެތެވެ. ގޭގެ ފާރުތައްވެސް ޔަޒްދާންއަށް މަލާމާތްކުރާ ކަހަލައެވެ. ބޮކިތައް ނިވާލައިގެން ޔަޒްދާން އެތައް އިރަކު ސޯފާގައި އިނެވެ.
********
މިފްޒާލްގެ ސައިކަލު ފަހަތުގައި އިންއިރު، އިބާގެ ތުންފަތުގައިވީ ލުއި ހިނިތުންވުމެކެވެ. އެދަތުރު އަވަހަށް ނުނިމޭނެނަމައޭ އިބާގެ ހިތަށް އެރިއެވެ. ގޭ ކައިރިއަށް ސައިކަލު މަޑުކޮށްލުމުން މިފްޒާލްގެ ކޮނޑުގައި މަޑުމަޑުން ހިފަހައްޓާލާފައި އިބާ ސައިކަލުން ފޭބިއެވެ.
"ތޭންކްސް..." އިބާ ޝުކުރު އަދާކުރިއެވެ. "އިބާ ހުރީ ވަރަށް ބިރުން ދޮންބެއަށް މީހަކު ސިހުރު ހެދީކަމަށް ހީކޮށް... ތޭންކް ޔޫ އިބާ ގޮވައިގެން އެބޭބެ ކައިރިއަށް ގޮސްދިނީމަ... މިރޭ ދެން އިބާއަށް ނިދިދާނެ..."
"އިކާން އެއީ އަހަރެންގެ ގާތް އެކުވެރިއެއް... އިކާންއަށް ދެރަވާ ކަހަލަ ކަމެއްވާން ބޭނުން ނުވާތީ އަހަރެން އިބާ ގޮވައިގެން މިދިޔައީ..." މިފްޒާލްގެ ޖަވާބުން އިބާގެ ހިތް މާޔޫސްވިއެވެ. "ވަރަށް ލަސްވެއްޖެ!... މިގަޑީ ކުޑަކުދިން ބޭރުގަ އުޅޭ އެއްޗެއް ނޫން... އަވަހަށް އެތެރެއަށް ވަދޭ..."
"އިބާ މީ މިހާރު ކުޑަކުއްޖެއް ނޫނޭ... އެއިޓީން ވާން ކައިރިވެއްޖެ.." ކުޑަކުއްޖަކާއި ވާހަކަ ދައްކާގޮތަށް މިފްޒާލް ވާހަކަ ދެއްކުމުން، އިބާ ހިތްހަމަނުޖެހުނުކަމަށް ހެދުނެވެ.
"ސަތާރަ އަހަރު ކުދިންނަށް ކިޔާނީ ކުޑަކުދިން... އަވަސް... ވަދޭ!" މިފްޒާލް އަމުރު ކުރިއެވެ.
އިބާ ތުންދަމާލައިގެން ހުރެ، އެތެރެއަށް ވަނެވެ. މިފްޒާލް ސައިކަލު ދުއްވާލި އަޑު އިވުމުން އިބާ ދޮރު ހުޅުވައިލިއެވެ. މިފްޒާލް ދިޔަ ދިމާއަށް ބަލައިލި އިބާގެ ތުންފަތުގައިވީ އުފާވެރިކަމުގެ ހިނިތުންވުމެކެވެ. މިފްޒާލާއިއެކު ހުޅުމާލެއަށް ކުރެވުނު ދަތުރުގެ ހަނދާން އޭނާގެ ހިތުން ދުވަހަކުވެސް ފިލައިގެން ނުދާނެއެވެ.
ގޭތެރެއަށް ވަންނަން އެނބުރުނު އިބާގެ ދެލޯ ބޮޑުވީ ކުރިމަތީގައި ހުރި އިކާން ފެނުމުންނެވެ. އިކާން ހުރީ ދެލޯ ހަނިކޮށްލައިގެންނެވެ. އަތުގައި އޮތް ގަޑި ދައްކައިލިއިރު، އޭނާ ކުރިއަށްވުރެ ބޮޑަށް އިބާއާއި ކައިރިވެލައިފިއެވެ. އިބާ ހުރީ ވަރުގެކޮޅަށް ނަލަހެދިގެންނެވެ. ތުންފަތުގައި ގަދަ ރަތްކުލަ ޖައްސާފައިވާއިރު، ދެކޯތާފަތާއި ލޯމަތީގައިވެސް ފިޔާތޮށި ކުލަ ޖައްސާފައި ހުއްޓެވެ.
"ދަންވަރު ކާކާ އެކީ ކޮންތާކުން ތިއައީ؟" އިކާން ކުރިއަށް ފިޔަވަޅެއް އަޅާލުމުން އިބާ ފަހަތަށް ޖެހުނެވެ.
"ދޮންބޭ... ހަމަޖެހިބަލަ... އެހާ ރުޅިގަދަވާކަށް ނުވާނެ! ލޭމައްޗަށް ހިނގައިދާނެ.." އިބާ މަސައްކަތްކުރީ އިކާން ހަމައަކަށް އަޅުވާށެވެ.
"ބައްޕައަށް ގޮވަނީ..." އިކާން އިންޒާރު ދިނެވެ.
"ޝްޝްޝް..." އިބާ އަވަހަށް އިކާންގެ އަނގަމަތީގައި އަތް އެޅިއެވެ. "ދޮންބެގެ ފާހާނާ ސާފުކޮށްދޭނަން..."
އިކާން ދެންވެސް ދެބުމަ ގޮށްޖަހާލައިގެން ހުރީއެވެ.
"ކޮޓަރިވެސް ސާފުކޮށްދޭނަން..." އިބާ އަނެއްކާވެސް ބުނެލިއެވެ.
"އޯކޭ... ވަން މަންތް ވަންދެން... ހަޑިވާއިރަށް ސާފުކުރަންވާނެ... ނޫނީ.." އިކާން އެއްބަސްވީ ޝަރުތުތަކަކާއި އެކުގައެވެ. އޭނާ ގޭތެރެއަށް ވަންނަން ހިނގައިގަތުމުން އިބާވެސް ކުދިކިޔަމުން ފަހަތުން ހިނގައިގަތެވެ.
"ދޮންބެ މެރީކުރާ ކުއްޖާ ކައިރީ ކުޓުވާލާނަން!" އިބާ އިންޒާރުދިނެވެ.
ދެމީހުން ގޭތެރެއަށް ވަންއިރު، ނާޝިޒާއި ފަލާހާ ހުރީ ސިޓިންގްރޫމުގައެވެ. އިބާއާއި އިކާންއަށް އެކަކު އަނެކަކަށް ބަލައިލެވުނެވެ. އިކާންގެ ފުރަގަހުގައި ހުރި އިބާ މަޑުމަޑުން ފަހަތަށް ޖެހެމުން ގޮސް ސިޑިން މައްޗަށް އެރިއެވެ.
"އިކާންއާ ވާހަކައެއް ދައްކާލަންވެފަ އެބައޮތް.... އާދެބަލަ އިށީންނަން..." ވާހަކަ ފެށީ ނާޝިޒެވެ.
އިކާން އިށީނުމުން، ނާޝިޒާއި ފަލާހާވެސް އިށީނެވެ. ނާޝިޒް ވާހަކަ ފެށީ ދުރުދުރުންނެވެ. ކައިވެންޏާއި ހަމައަށް ދިޔުމުން އިކާންއަކަށް އެއްޗެއް ނުބުނެ ނީނދެވުނެވެ.
"އިކާންއަކަށް އިތުރު ޗޮއިސްއެއް ނެތް މިފަހަރު..." ނާޝިޒު ހިތްހަމަނުޖެހިގެން ކޮޅަށް ތެދުވިއެވެ.
ވެދިޔަ ކަންތަކާއި ވިސްނާ ވިސްނާ ނާޝިޒްގެ ސިކުނޑި ވަނީ ސުމަކަށް ގޮސްފައެވެ. އިތުރު ކަމެއް ބޮލުގައި އަޅާނެ ހިތްވަރެއް އޭނާގެ ގަޔަކު ނެތެވެ. ކައިވެނީގެ ކަމަކާއި، ނާޝިޒް އެހާ ހިތްހަމަނުޖެހިގެން އިކާންއާއި ވާހަކަ ދެއްކި އެއީ ފުރަތަމަ ފަހަރެވެ. ފަލާހާވެސް އިނީ އަޖައިބުވެފައެވެ.
"ބައްޕަވެސް އެބުނަނީ ރަނގަޅު ވާހަކައެކޭ ދަރިފުޅާ!... ދަރިފުޅަށް މިހާރު ވަގުތު ދެވިއްޖެދޯ..." ފަލާހާވެސް ނާޝިޒްގެ ވާހަކައަށް އެއްބައިވިއެވެ.
"މާދަމާ އެކުއްޖާއާ ބައްދަލުކުރާތި!... އެކުއްޖާއާ ކައިވެނިކުރަން ބޭނުން ނޫނިއްޔާ، ދެ ދުވަސްތެރޭ އިކާން ކައިވެނިކުރަން ބޭނުންވާ ކުއްޖަކު އަހަރެމެންގެ ކުރިމައްޗަށް ގެންނަންވާނެ! ނޫނީ ކައިވެނީގެ ހުރިހާ ކަމެއް މިހާރު އޮތްގޮތަށް ނިމިގެންދާނެ..." ނާޝިޒް ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ކޮޓަރިއަށް ވަނެވެ.
"ބައްޕަ ވަރަށް ހިތްހަމަނުޖެހިފަ އެހުރީ..." ފަލާހާ އިކާންގެ ބުރަކަށީގައި ފިރުމައިލިއެވެ. "މިފަހަރު ދެން ބައްޕަ ބުނާގޮތަށް ހަދާ! ދަރިފުޅަށް ރަނގަޅަކަށް ބައްޕަ އެގޮތަށް އެ ނިންމީ... ދަރިފުޅަށް ވަގުތުވެސް ދެވިއްޖެ!"
ފަލާހާ ކޮޓަރިއަށް ވަދެ ދޮރު ލައްޕައިލުމުން، އިކާން ސޯފާއަށް ވެއްޓިގަތެވެ. ބޮލުގައި ދެއަތުން ހިފަހައްޓައިލިއެވެ. އިކާންއަކަށް ގޮތެއް ނުނިންމުނެވެ. ކައިވެނި ކުރާކަށް އޭނާ އަދި ތައްޔާރެއް ނޫނެވެ. ލައްކަ ދުވަހު ބައްޕަމެންގެ އެދުމުގައި ކޮޅުފައިން ޖަހައިގެން އޭނާއަށް އުޅެވިއްޖެއެވެ. އިތުރަށް އާއިލާއާއި ދެކޮޅަށް ތެދުވާނެ ހިތްވަރެއް އިކާންގެ ކިބައިގައި ނެތެވެ.
********
ފަތިސްނަމާދު ކޮށްލައިގެން ރޫބީ ނުކުތްއިރު، ނަޖާތު އިނީ ފޯނެއްގައެވެ. ފޯނު ބޭއްވިގޮތަށް ނަޖާތު ބަލައިލީ ރޫބީއަށެވެ. ނަޖާތުގެ ދެލޮލުގައި ކަރުނައިގެ އަސަރުވިއެވެ.
"ނަފިއްތަ އެގުޅީ.." ނަޖާތު އިނީ ވާހަކަ ދައްކަން އުނދަގޫވެފައެވެ. "ރޫބީއަށް އެނގެއެއްނު މިފެމެލީގަ މުޅިންވެސް ކުރަނީ އެރޭންޖް މެރިއޭޖްކަން... އެންމެ ބޮޑަށް ހުންނަ ބޭބެ ޑިސައިޑް ކުރީމަ އެމީހެއްގެ ކައިވެނި އެ ހަމަޖެހުނީ.... ދެން އެއްވެސް މީހަކު އެއަށް އިތުރު ގޮތެއް ނުނިންމާނެ... ނުވެސް ނިންމޭނެ!"
ނަޖާތު ބުނި އެއްޗަކުން ރޫބީ ހީކުރީ، ނަޖާތުގެ ކައިވެނި ކުރެވެން އުޅެނީ ކަމަށެވެ. ފަހުން ތަފްސީލް ދިނުމުން، ރޫބީގެ މޫނުމަތި މިލައިގެން ދިޔައެވެ. އެފަދަ ގޮތަކަށް ކައިވެނި ކުރަންޖެހިދާނެ ކަމަށް ރޫބީ ކުޑަކޮށްވެސް އުއްމީދެއް ނުކުރެއެވެ. އެކަން އެނގުނުނަމަ، އޭނާ މާލެ އައުމުގެ ވިސްނުންވެސް ނުގެންގުޅުނީހެވެ.
"ސޮރީ މާލެ އައިތަނުން މިހެން ކަންތައްވީމަ.." ނަޖާތު އިސްޖަހައިލިއެވެ. "މާދަމާ ޑޭޓްއަކަށް ދާން ބުނެފި... ހަތަރުގަޑި ބަޔަށް ސަލްސާ ކެފޭ... ދާނަން ލައިދޭން..."
ރޫބީގެ މުޅި ދުވަސް ހަރާބުވިއެވެ. އޮފީހަށް ދިޔައިރުވެސް ރޫބީއަށް ހުރެވުނީ ހިޔާލެއްގެ ތެރެއަށް ގެއްލިފައެވެ. ރޫބީ މާލެ ދިޔައީ ފޮނި އުއްމީދުތަކެއް ކޮށްގެންނެވެ. އެކަމަކު، އެ އުއްމީދުތައް ވިއްސިވިހާލި ވަނީ ހެއްޔެވެ؟
"ހާދަ ބްލެކްކޮށްލާފަ..." ލިފްޓަށް ވަން ރޫބީ ސިހުނީ ފަހަތުން މީހަކު އެއްޗެއް ބުނި އަޑު އިވުމުންނެވެ. "މާ ހިތާމަވެރި ދުވަހެއްތަ؟"
ރޫބީގެ ފަހަތުގައި ހުރީ ޔަޒްދާނެވެ. އޭނާ ހުރީ ލިފްޓްގައި ލެނގިލައިގެންނެވެ. މޫނުން ފެންނަން ހުރީ ވަރުބަލިކަމެވެ. ރަސްމީ ހެދުމުގައި ހުރިނަމަވެސް ކުރީ ދުވަހު ފެނުނުއިރު ހުރި ތާޒާކަމެއް އެ މޫނުން ނުފެނެއެވެ. ޔަޒްދާންގެ ނިތްކުރިމައްޗަށް އިސްތަށިގަނޑު ވައްޓާލާފައި އޮތުމުން ރަސްމީ ފާޑެއް ނުޖަހައެވެ. ރޫބީއަށް ފެނުނީ ޔަޒްދާންގެ ނިތްކުރިން ލޭގެ ރޮނގެއް ތިރިއަށް ދަތުރުކުރަނިކޮށެވެ. އޭރު ތިންވަނަ ފަންގިފިލާއަށް ލިފްޓް ހުއްޓިއްޖެއެވެ. ދޮރު ހުޅުވުމުން، ޔަޒްދާން އުޅުނީ ލިފްޓުން ނުކުންނާށެވެ.
"ލޭ..." ޔަޒްދާންގެ ނިތްކުރިއަށް އިޝާރާތްކުރަމުން ރޫބީއަށް ބުނެވުނެވެ.
ލިފްޓުން ނުކުންނަން އުޅުނު ޔަޒްދާންގެ މޫނުމައްޗަށް އަނދިރިވާގޮތްވިއެވެ. އޮފީހަށް ދިޔައިރުވެސް އޭނާގެ ހާލު ރަނގަޅެއް ނޫނެވެ. އަމިއްލަ ނަފުސަށް ފަރުވާކުރާކަށް ޔަޒްދާން ބޭނުމެއް ނުވެއެވެ. ރޫބީ ޔަޒްދާންގެ ގައިގައި ހިފަހައްޓައިލިއެވެ. ސެކްޝަނުގައި އެއްވެސް މުވައްޒަފަކު ނެތެވެ. ރޫބީއަށް މަޖުބޫރުވީ ޔަޒްދާން ގެންގޮސް ކެބިންއަށް ލައިދޭށެވެ. ކެބިންގެ ސޯފާގައި ޔަޒްދާން ބައިންދާފައި އެނބުރި ދާންއުޅެފައިވެސް ރޫބީ ހުއްޓުނެވެ.
"ފަސްޓްއެއިޑް ބޮކްސްއެއް އެބައިންތޯ؟" ރޫބީ ސުވާލުކުރީ އަދަބުވެރިކޮށެވެ.
ޔަޒްދާން އިޝާރާތްކުރީ ކުރިމަތީގައި ހުރި ކަބަޑަށެވެ. ރޫބީ ފޮށި ހިފައިގެން އައިސް ޔަޒްދާންގެ ކައިރީގައި އިށީނެވެ.
"އެންމެ ރަނގަޅުތޯ ބޭސްއަޅައިދިނަސް؟" ކުރިންވެސް ވާހަކަދެއްކި ރާގުގައި ރޫބީ އަހައިލިއެވެ.
ޔަޒްދާން މަޑުމަޑުން ބޯޖަހައިލިއެވެ. އެހާ ރީތިކޮށް އަންހެން ކުއްޖަކު ސުވާލެއް ކުރުމުން، ނޫނެކޭ ބުނަންވީ ސަބަބެއް ނެތެވެ. ޒަހަމު ސާފުކޮށް ނިންމާފައި ރޫބީ ބޭސްއަޅަން ފެށިއެވެ. ދޭތެރެއަކުން އަތުކުރީގައި އޮތް ގަޑިއަށް ބަލައިލައެވެ. ބައިގަޑިއިރު ކުރިން އޮފީހަށް ވަދެވުނުކަން އެއީ ނަސީބެކޭ ރޫބީގެ ހިތަށް އެރިއެވެ. ޔަޒްދާން އިނީ ކަޅި ޖަހާވެސްނުލައި ރޫބީގެ މޫނަށް ބަލާށެވެ. އެހާ ސާދާ އަންހެންކުއްޖަކު އޭނާގެ މުޅި ހަޔާތުގައިވެސް ދެކުނު އެއީ ފުރަތަމަ ފަހަރެވެ. ދެއްކުންތެރިކަމެއްނުވާ އެ މޫނުން ފެންނަނީ މައުސޫމުކަމެވެ. އާދައިގެ ދިރިއުޅުމަކަށް ލޯބިކުރާ އަންހެން ކުއްޖެއްކަން އެނގެއެވެ. ބޭސްއަޅާ ނިންމާފައި ރޫބީ އައީ ބޭސްފޮށި ކަބަޑަށް ލައިފައެވެ.
"ވަރަށް ބޮޑަށް ކަފައިގެން ގޮއްސަ އޮތީ..." ރޫބީ ބުނެލިއެވެ. "ދެއިރަށް ސާފުކޮށްލާފަ ބޭސްއަޅަންވާނެ... ނޫނީ އިންފެކްޓްވެދާނެ..."
ރޫބީ ތެޅެމުން ފޮޅެމުން ލިފްޓްގެ ކައިރިއަށް ދިޔައެވެ. ގަޑިޖެހެން ދެމިނެޓަށްވީއެވެ. ގަޑިއަށް އޮފީހަށް ނުވަދެވިދާނެތީ ރޫބީ ހުރީ ނޭވާވެސް ނުލައެވެ. ލިފްޓްގެ ދޮރު ހުޅުވުނެވެ. ރޫބީ އެތެރެއަށް ދެމިގަތެވެ. ލިފްޓްގައި ހުރި އިކާން ދެބުމަ ކައިރިކޮށްލަމުން، ރޫބީގެ ފައިން ފެށިގެން މޫނަށް ނަޒަރު ހިންގައިލިއެވެ.
(ނުނިމޭ)