ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ނުވަތަ 'ވާނުވާ ބަންދު' ޖަހައިފައި ތިބި މީހުން މޮނިޓާ ކުރެވޭނެ ނިޒާމެއްގެ ތެރެއިން، އެއް ފުރުސަތު ދޭ ގޮތަށް ދޫކޮށްލުމާ ގުޅޭ ގޮތުން އެޓާނީ ޖެނެރަލް (އޭޖީ)އާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)އާ މަޝްވަރާކުރައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ވާނުވާ ބަންދުގެ މައްސަލަ ހައްލުކުރުމުގެ ވައުދުފުޅާއެކު ވެރިކަމަށް ވަޑައިގެންނެވި ރައީސް އެފަދައިން ވިދާޅުވީ، ވާނުވާ ބަންދުގައި ތިބި މީހުންގެ ހައްގުގައި މަސައްކަތް ކުރަމުންދާ މީހުންނާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ.
ރައީސް އޮފީހުގައި މިއަދުގެ މެންދުރުފަހު ބޭއްވި އެ ބައްދަލުވުމުގައި ބައިވެރިވި މީހުން ވަނީ، ވާނުވާ ބަންދުގައި ތިބި ފަރާތްތަކަށް ވަކި ހަމައެއްގެ މަތިން މޮނިޓާކުރެވޭނެ އިންތިޒާމެއް، ނުވަތަ އިލެކްޓްރޯނިކް ވަސީލަތެއްގެ އެހީގައި ބެލެހެއްޓޭނެ ނިޒާމެއް ހަމަޖެއްސުމަށްފަހު އެ މީހުންނަށް އެއް ފުރުސަތު ދޭން ފެންނަކަމަށް ބުނެފައެވެ. އަދި އެފަދަ މީހުންގެ މައްސަލަ އަވަހަށް ބެލޭނެ އިންތިޒާމެއް ހަމަޖެއްސުމަށް، ކޯޓުތަކަށް އިދާރީ ގޮތުންނާއި ޖާގައިގެ ގޮތުން ބޭނުންވާ ކަންކަން އެ މީހުން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުންވެސް އިންސާނީ ކަރާމާތް ގެއްލޭފަދަ ކަންކަމަށް ވާނުވާ ބަންދުގައި ތިބި މީހުން ހުށަހެޅިފައިވާކަމަށާއި، އިސްލާމްދީނުގައި އެ ކަންކަމަށް އޮންނަ ރިވެތި އުސޫލުތައް ވެސް ވަނީ ފާހަގަކޮށްފައެވެ.

ރައީސްގެ ބައްދަލުކުރެއްވުން: ވާނުވާގައި ތިބި މީހުން މޮނިޓާކުރާ ގޮތަށް ދޫކޮށްލުމާ ގުޅޭ ގޮތުން ޕީޖީއާ މަޝްވަރާކުރައްވާނެ ކަމަށް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް
ވާނުވާ ބަންދުގައި ތިބި ފަރާތްތަކާ ގުޅޭގޮތުން ވަކާލާތުކުރާ މީހުން ވަނީ އެ މައްސަލައަށް މިހާރުން މިހާރަށް ގެނެވޭނެކަމަށް ބެލެވޭ ހައްލުތައް ހިމަނާފައިވާ ކަރުދާހެއް ވެސް ރައީސަށް ހުށަހަޅައިފައެވެ. އެ ކަރުދާހުގައި ވާނުވާ ބަންދުގެ ތަފާސްހިސާބުތަކާއި، އެކި މައްސަލަތަކުގެ މަޢުލޫމާތު ހިމަނާފައިވެއެވެ.
އެ މީހުން ދެއްވި ޖަވާބުގައި ރައީސް ވިދާޅުވީ، ފުރިހަމަ ކަފާލާތުގެ ނިޒާމެއް ގެނައުމަކީ ސަރުކާރުގެ މައި ސިޔާސަތެއް ކަމަށެވެ. އަދި އޭޖީއާއި ޕީޖީއާ މަޝްވަރާކުރައްވައި، އިލެކްޓްރޯނިކް ޓެގިން ފަދަ ނިޒާމުތައް ބޭނުންކޮށްގެން މޮނިޓާ ކުރެވޭނެ ގޮތަކަށް، ވާނުވާގައި ތިބި މީހުން ދޫކޮށްލުމުގައި އެއްވެސް މައްސަލައެއް އުޅޭނެތޯ ބައްލަވާނެކަމުގައި އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ރައީސް ވަނީ ކޯޓުތަކަށް ދިމާވެފައިވާ ދަތިކަމުގެ މައްސަލަ ހައްލުކުރުމަށް ޓަކައި ކޯޓު ކޮމްޕްލެކްސް އެޅުމަށް ތައްޔާރުވަމުންދާކަމަށާއި، ވަގުތީ ގޮތުންވެސް މައްސަލަތައް ބެލޭނެ އަވަސް އިންތިޒާމެއް ހަމަޖެއްސުމަށް މިހާރުވެސް މަސައްކަތްކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ޖަލުތަކުގެ ހާލަތު ބައްލަވާނެކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ޕީޖީ އޮފީހުން މާރިޗް މަހު ނެރުނު އަހަރީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު 417 މީހުންނަށް ވާނުވާ ބަންދު ޖަހާފައިވެއެވެ. އޭގެ ތެރެއިން 57 މީހުންނަކީ ޖާގައިގެ ދަތިކަމުގެ ސަބަބުން ރިމާންޑު ޖަލުތަކަށް ބަދަލު ނުކުރެވި ތިބި މީހުންނެވެ.

ޕީޖީ އައްބާސް: ވާނުވާ ބަންދުގައި ތިބި މީހުން ދޫކޮށްލުމާ ގުޅޭ ގޮތުން ޕީޖީއާ މަޝްވަރާކުރައްވާނެ ކަމަށް ރައީސް ވިދާޅުވި -- ސަން ފޮޓޯ/ ނާއިޝް ނާހިދު
އެ އޮފީހުން ބުނީ، ރިމާންޑު ޖަލުތަކަށް ބަދަލުނުކުރެވި ތިބި މީހުންގެ ތެރޭގައި 10 މީހަކު 200 ދުވަހަށް ވުރެ ގިނަ ދުވަސް ބަންދުގައި ހޭދަކޮށްފައިވާ ކަމަށެވެ.
ވާނުވާ ބަންދުގައި އެންމެ ގިނަ ދުވަސް ހޭދަކުރި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު މީހަކު، ބަންދުގައި ހަ އަހަރު ހޭދަކޮށްފައިވާ ކަމަށް ރިޕޯޓުން ދައްކައެވެ. އަށް މީހަކު ފަސް އަހަރު ބަންދުގައި ހޭދަކޮށްފައިވާއިރު، ހަތަރު އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ 22 މީހަކު ޖަލުތަކުގައި ތިބި ކަމަށް ޕީޖީ އޮފީހުގެ ރިޕޯޓުގައިވެއެވެ.
އެ މައްސަލަ ހައްލުކުރުމާ ގުޅޭ ގޮތުން މިދިޔަ ފެބްރުވަރީ މަހު ޕީޖީ އޮފީހުން ދެ ފޯރަމެއް ބާއްވައިފައިވެއެވެ. އެ ފޯރަމްގައި ވަނީ ވާނުވާ ބަންދު ޖަހައިފައި ތިބި މީހުންގެ ތެރެއިން ވަކި ޝަރުތުތަކެއް ހަމަވާ މީހުން މޮނިޓާ ކުރެވޭ ނިޒާމެއްގެ ތެރެއިން ދޫކޮށްލުމަށް މަޝްވަރާކޮށްފައެވެ.
މީގެ އިތުރުން ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުމުގައި މައްސަލައެއް ނެތް ކަމަށާއި، މައްސަލައަކީ ބަންދުކުރާ މީހުންގެ މައްސަލަތަކުގައި ޝަރީއަތުން ގޮތެއް ކަނޑަނޭޅި ދިގުލައިގެން ދިއުންކަމަށް ވެސް އެ ފޯރަމްގައި ނިންމިއެވެ.