އެޑިއުކޭޝަން މިނިސްޓްރީން އިސްވެ، ހުރިހާ ސްކޫލަކަށް ވެސް އެހީ ފޯރުކޮށްދީގެން މި އަހަރު ކުޑަކުދީންގެ ދުވަސް ފާހަގަކުރާނީ ވަރަށް ކުލަގަދަކޮށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޙުސައިން ސަޢީދު މުޙައްމަދު މިރޭ ވިދާޅުވެއްޖެއެވެ.
މީގެ ކުރީން ސްކޫލްތަކުގައި ކުޑަކުދީންގެ ދުވަސް ފާހަގަކުރަމުން އަންނަނީ ސްކޫލު ފެންވަރުގައެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ސަޢީދު ވިދާޅުވީ، މިނިސްޓްރީއިން އަމިއްލައަށް އިސްނަގައިގެން ކުޑަކުދީންގެ ދުވަސް ފާހަގަކުރާ މިއީ ފުރަތަމަ ފަހަރު ކަމަށެވެ.
ސައީދު ވިދާޅުވީ ސްކޫލުތަކުގައި އަބަދުވެސް ވަރަށް ކުލަގަދަކޮށް ކުޑަކުދީންގެ ދުވަސް ފާހަގަކުރާ ކަމަށާއި ނަމަވެސް މިހާރު މިނިސްޓްރީގެ ވިސްނުމަކީ ކުޑަކުދީންގެ ދުވަސް ފާހަގަކުރާއިރު ކުދީންނާއި އެކުދީންގެ އާއިލާވެސް ހިމަނައިގެން ވަރަށް ފުޅާ ދާއިރާއެއްގައި އެ ދުވަސް ފާހަގަކުރުން ކަމަށެވެ.
މީގެ ބޭނުމަކީ ކުދީންނަށް އުފާވެރިކަން ގެނެސްދިނުން. އެ ކުދީންގެ ދުވަހަކީ ކިހާވަރެއްގެ މުހިންމު ދުވަހެއްކަން ހާމަވާ ގޮތަށް ކަންތައްތައް ރޭވުން. އަދި އޭގެ އިތުރަށް ކުދީންނަށް މި ދުވަހުގެ ސަބަބުން ރަނގަޅު މެސެޖުތަކެއް ލިބުން. ސްޓޭޓް މިނިސްޓަރު ޙުސައިން ސަޢީދު މުޙައްމަދު
ސަޢީދު ވިދާޅުވީ ކުޑަކުދީންގެ ދުވަހަކީ ހަމައެކަނި އެކުދީންނަށް ހަދިޔާއެއް ދީގެން ފުއްދާލާ ދުވަހަކަށް ހަދައިގެން ނުވާނެ ކަމަށެވެ. އަދި ކުޑަކުދީންގެ ދުވަހުގެ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ނިންމާފައި ވަނީ ރާއްޖޭގެ ހުރިހާ ސްކޫލުތަކަށްވެސް މިނިސްޓްރީން މާއްދީ އެހީތެރިކަން ދީގެންކަމަށް އޭނާ ވިދާޅުވިއެވެ.
އަޅުގަނޑުމެންގެ މިނިސްޓަރު އިސްނަންގަވައިގެން ނިންމެވީ މާލެ ސަރަހައްދުގެ ސްކޫލުތައް އެކިއެކި ގްރޫޕްތަކަށް ބަހާލައިގެން އެކިއެކި ސަރަހައްދުތަކުގައި ކުޑަކުދީންގެ ދުވަސް ފާހަގަކުރުމަށް. ވަރަށް ގިނަގުނަ ހަރަކާތްތައް މީގަ އެބަ ހިމެނޭ. ސްކޫލުތަކުން އަމިއްލައަށް ފާހަގަކުރާއިރުވެސް ހަމަ ހިމެނޭ ހަރަކާތްތައް. ޚާއްސަކޮށް އަޅުގަނޑުމެންގެ ދިވެހިވަންތަކަށް ދައްކުވައިދޭ ހަރަކާތްތައް. ސްޓޭޓް މިނިސްޓަރު ޙުސައިން ސަޢީދު މުޙައްމަދު
ސައީދު ވިދާޅުވީ މާލެ ސަރަހައްދުގައި ކުޑަކުދީންގެ ދުވަސް ފާހަގަކުރުމަށް ނިންމާފައިވަނީ ސްކޫލުތައް ގުޅިގެން ފަސް ސަރަހައްދެއްގައި ކަމަށެވެ. އެގޮތުން ވިލިމާލެއާއި މާލޭގެ ތިން ސަރަހައްދެއްގެ އިތުރުން ހުޅުމާލޭގައި ކުޑަކުދީންގެ ދުވަހުގެ ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެއީ:
- ސެންޓްރަލް ޕާކް، ހުޅުމާލެ
- މުހިއްދީން ސްކޫލް، ވިލިމާލެ
- ރަސްފަންނު، މާލެ
- ހެންވޭރު ދަނޑު، މާލެ
- ޖުމްހޫރީ މައިދާން، އިސްލާމީ މަރުކަޒު ސަރަހައްދު، މާލެ
ކުޑަކުދީންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެެވެސް މެއި މަހުގެ 10 ވަނަ ދުވަހެވެ. އެ ދުވަހަކީ ކޮންމެ އަހަރަކު ވެސް ސްކޫލްތަކުން ސްކޫލް ފެންވަރުގައި ފާހަގަކުރަމުން އަންނަ ދުވަހެކެވެ. ނަމަވެސް ކުޑަކުދީންގެ ދުވަސް ފާހަގަކުރާއިރު، ބެލެނިވެރިންގެ އަތުން ސްކޫލަށް ޚަރަދު ކުރަން ޖެހުމަކީ ބައެއް ފަހަރު ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރާ ކަމެކެވެ.