ދީނީ ކަންކަން އޮޅުން ފިލުވުމާއި، ދަންނަބޭކަލުންނާ ސުވާލުކުރުމަކީ މީހުން ވަރަށް ކުރާހިތްވާ ކަމެކެވެ. ހެޔޮކަމުގެ މަގު އިޚްތިޔާރު ކުރުމާއި، ކޮންމެ ދުވަހަކު ވެސް ނުބައިކަންކަން ދޫކޮށް، ތައުބާވާން އެދޭ މީހުން އުޅެއެވެ. ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم، ﷲ سبحانه و تعالىގެ ފަރާތްޕުޅުން ގެނެސްދެއްވި ރިސާލަތަށް އެނބުރި އަންނަން އެދޭ މީހުން މަދެއްނޫނެވެ.
އެހެންކަމުން ތައުބާވެ އިޞްލާޙީ މަގު ޚިޔާރު ކުރުމަށް ޓަކައި، ދީނީ މަޢުލޫމާތު ހޯދަން ފަށާއިރު، އެ މަޢުލޫމާތުތަކަކީ ވަރަށް ވެސް ޝައުޤުވެރި އަޑުއަހަން ފަސޭހަ، ހިތްތަކަށް ހިތްހަމަޖެހުން ގެނުވާ ވާހަކަ ތަކެއް ކަމުގައި ނޫނީ ނުވެއެވެ. އެ ލިބޭ ޢިލްމަށް ޢަމަލުކޮށްފިއްޔާ އިންސާނާއަށް ދެ ދުނިޔޭގެ ބާއްޖަވެރިކަމާއި ފަލާޙަށް މަގުފަހިވާނޭ ކަމުގެ އުންމީދު އެ ވާހަކަ ތަކުން ލިބެއެވެ. އެހެނަސް އެނގޭ ކަންކަމަށް ވެސް ޢަމަލު ނުކުރަނީ ކީއްވެބާއެވެ؟ މިއީ ކުރުން ރަނގަޅު ސުވާލެއް ނޫންތޯއެވެ؟
ކަމެއް އޮންނަގޮތް މީހަކަށް އެނގުމަކުން، އަދި އެހެން މީހަކަށް އެ ވާހަކަ ފޯރުކޮށްދިނުމަކުން ތިބާ އެ ޢިލްމަށް އަމަލުކުރިމަކުގައި ނުވާނެއެވެ. މިސާލަކަށް ދަންނަވަންޏާ ނަމާދުކުރުން އެއީ މުސްލިމް އަޅާގެ އިންފާރުކަމާއި، ކާފިރުންނާއި މުސްލިމުންނާ ދެމެދު ފަރަޤުކުރާ ކަމަކީ އެ ނަމާދުކަން އެނގުމަކުން ނުވަތަ އެތައް ބަޔަކަށް އެ ވާހަކަ ކިޔައިދިނުމަކުން އޭގެން ފައިދާކުރަނެބާއެވެ؟ ތިމާ ނަމާދުކުރިކަމަށް ވާނެބާއެވެ؟ ނުވާނެއެވެ! އެދި ނަމާދުނުކޮށް އެހެން މީހުންގާތު ނަމާދުކުރަން ބުނުމަކުން ވެސް އަޖުރާއި ސަވާބުގެ ގޮތުން އެ މީހަކަށް ލިބޭނެ ހަމަ އެކައްޗެއް ވެސް ނޯންނާއެވެ.
ޢިލްމު ފޯރުކޮށްދީ އެހެން މީހުންނަށް ކިޔައިދިނުމުގެ ކުރިން، ކޮންމެ މީހަކު ވެސް އެ ޢިލްމަށް ޢަމަލުކޮށް ތިމާގެ ޙަޔާތުގައި އެ ކަމެއް ތަންފީޒުކުރުމުން ނޫނީ އޭގެ ދަރުމައެއް އެ މީހަކަށް ނުލިބޭނެއެވެ. އެހެންކަމުން ކިތަންމެ ކުޑަ ޢިލްމެއް ލިބުނު ކަމުގައި ވިޔަސް އެއަށް ޢަމަލުކޮށްފައި މެނުވީ އިތުރު ޢިލްމެއް ހޯދަން، ނުވަތަ ކަމެއް އޮޅުން ފިލުވަން ސުވާލުކޮށް ހެދުމަކީ ބޭ އަދަބީ ކަމެކެވެ. ލިބޭ ޢިލްމަށް ޢަމަލުކުރި ގޮތާ ބެހޭގޮތުން އިންސާނާއާ ސުވާލު ކުރެވޭ ހުއްޓެވެ. عَنِ ابْنِ مَسْعُودٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ «لاَ تَزُولُ قَدَمَا ابْنِ آدَمَ يَوْمَ الْقِيَامَةِ مِنْ عِنْدِ رَبِّهِ حَتَّى يُسْأَلَ عَنْ خَمْسٍ عَنْ عُمْرِهِ فِيمَا أَفْنَاهُ وَعَنْ شَبَابِهِ فِيمَا أَبْلاَهُ وَمَالِهِ مِنْ أَيْنَ اكْتَسَبَهُ وَفِيمَ أَنْفَقَهُ وَمَاذَا عَمِلَ فِيمَا عَلِمَ» (رواه الترمذي: 2422) މާނައީ: "ޤިޔާމަތްދުވަހުން ފަސް ކަމަކާ ބެހޭގޮތުން ސުވާލު ވެވިއްޖައުމަށް ދާންދެން އޭނާގެ ދެ ފައި ހުރިތަނުން ގުޑުވައި ވެސް ނުލެވޭނެއެވެ. އޭނާގެ އުމުރު ހޭދަކޮށް ފަނާކުރީ ކިހިނެތްތޯ އާއި، އޭނާގެ ޒުވާން ފުރާވަރު ބޭނުންކުޅަ ގޮތާމެދު އާއި، އޭނާ މުދާ ހޯދިގޮތަކާއި، އެ މުދާ ހޭދަކުޅަ ގޮތާމެދު އާއި، އަދި އޭނާއަށް ލިބިފައިވާ ޢިލްމަށް ޢަމަލުކުރި ގޮތާމެދެވެ."
އެ ދުވަހުގެ ނުތަނަވަސްކަމާއި އުނދަގޫތަކަކީ މީހަކަށް ތަސައްވަރު ކުރެވޭ ވަރަށްވުރެ ބޮޑު ކަންތައްތަކެކެވެ. އަދި ހަމަ އެ ދުވަހުން ވެސް ތަކްލީފުން ބަރީޢަވެ، ފިނި ހިޔަލުގައި އަރާމާއި އުފަލުގައި، ފަސޭހަކަމަކާ އެކު އުޅޭބަޔަކު ވެއެވެ. އެބައިމީހުންނާއި މި ސުވާލުތައް ވެވޭ ހިނދު ފަސޭހަކަމާ އެކު ޖަވާބުދީ އިމްތިޙާނުން އެންމެ އެދެވޭ ނަތީޖާއާ އެކު ފާސްވާނެއެވެ. އެ މީހުންނަކީ އެ ކަމަށް ދުނިޔޭގައި ތައްޔާރުވީ މީހުންނެވެ. އެ މީހުންނަށް ލިބުނު ޢިލްމަށް ޢަމަލުކުރި މީހުންނެވެ. އެއް ކަމަކަށް ޢަމަލު ނުކުރެވޭ ހާލު އިތުރު ކަންކަން އޮޅުން ފިލުވަން ނުއުޅޭ މީހުންނެވެ. އެނގޭ މިންވަރަކުން ޢަމަލުކުރަމުން އެ ކަންކަމަށް ފަރިތަކުރަމުން، ދިރިއުޅުމުގެ ޢަމަލީ ޙަޔާތުގައި، ދުވަހުންދުވަހަށް ޢިލްމު ތަޠްބީޤުކުރަމުން އަންނަ މީހުންނެވެ.
އަޅުގަނޑުމެންގެ ކިބައިގައި ވެސް މި އާދަ އަށަގެންނެވުން އެއީ ވަރަށް މުހިއްމު ކަމެކެވެ. އޭގެ ސަބަބުން އިންފިރާދީ ފައިދާތަކެއްގެ އިތުރަށް އިޖްތިމާޢީ އެތައް ހަމަޖެހުމެއް ލިބިގެން އާދެއެވެ. ދޭދޭ ފަރުދުންގެ މެދުގައި އެކުވެރިކަން އާލާވެއެވެ. ނުކުރާ ކަމެއްގެ ވާހަކައިން މީހުންނަށް އިންޒާރުދޭ މީހުންދެކެ އަނެކުން ރުޅި އަންނާނެއެވެ. ދެން އޭގެމައްޗަށް ބަސްބުނެ އަރާރުންވުން ފެށެއެވެ. އެއީ އުޚުއްވަތްތެރި މުސްލިމުން ކޮށްގެން ވާނޭ ކަމެއް ނޫނެވެ.
އެހެންކަމުން އަޅުގަނޑުމެންނީ ލިބޭ ޢިލްމަށް ޢަމަލުކުރާބަޔަކު ކަމުގައި ވަމާ ހިނގާށެވެ! ދިރިއުޅުމުގައި އެ ކަންކަން ތަންފީޒު ކުރުމަށް ފަށައިގަންނަމާހެއްޔެވެ! އިތުރު ކަންކަމާ މެދު ސުވާލު ކުރުމުގެ ކުރިން މިހާރު އެނގޭ ކަންކަމަށް ފަރިތަ ބަޔަކު ކަމުގައި ވަމާހިނގާށެވެ! މި ކަންކަމުގެ ތައުފީޤު މާތް ﷲ އަޅުގަނޑުމެންނަށް ދެއްވާށިއެވެ. آمين