އެއްވެސް ތަފާތު ކުރުމެއް ނެތި، ދިވެހި މުޖުތަމައުން ލިބެން އޮތް ކޮންމެ ފުރުސަތެއް ތެލެސީމިއާ ކުދީންނަށް ފަހިކޮށް ދޭން ޖެހޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ތެލެސީމިއާ ދުވަހާ ގުޅުވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ތެލެސީމިއާ ކުދީން އުފާފާގަތި ދިރިއުޅުމަކަށް ކުރާ އުންމީދު ހަގީގަތަކަށް ވުމަކީ، ގައުމަށް ލިބޭނެ އިތުރު ކުރިއެރުމަކާއި ކާމިޔާބީއެއް ކަމަށެވެ.
މި ދުވަހާ ގުޅުވައި އެ މަނިކުފާނު ދެއްވި ޚިތާބުގައި ވިދާޅުވީ، އާބާދީގެ ނިސްބަތުން ބަލާއިރު ތެލެސީމިއާ ކުދީންގެ އިންސައްތަ އެންމެ މަތި އެއް ގައުމަކީ ރާއްޖެ ކަމަށެވެ.
"އަޅުގަނޑުމެންގެ އާބާދީގެ ކޮންމެ އަށާރަ މީހުން ކުރެ އެކަކީ، ތެލެސީމިއާ ވާރުތަވުމުގެ ފުރުޞަތު އޮތް ކެރިއަރެއް. އެހެންކަމުން، ތެލެސީމިއާ އާ ގުޅޭ ހޭލުންތެރިކަން އިތުރުކުރުމަށާއި، ފަރުވާ ދެވޭނެ ވަސީލަތްތައް ފަހިކުރުމަށް ދިވެހިރާއްޖޭގައި ޚާއްޞަ ސަމާލުކަމެއް ދޭން ޖެހޭ،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ ރަށްރަށުގައި ތެލެސީމިއާ ތަހައްމަލު ކުރަމުންދާ ކޮންމެ ކުއްޖަކުމެ ދުވާލާއި ރޭގަނޑުވެސް އުނދަގޫ އެތައް ކަމެއް ބަރުދާސް ކުރާނެ ކަމަށެވެ. އެ ކުދީންގެ ސިއްހަތު ސަލާމަތުން ބޭތިއްބުމަށާއި، އެކުދީންނަށް ގަވާއިދުން ފަރުވާ ދިނުމަށް އިސްކަން ދިނުމަކީ ކަމާބެހޭ އިދާރާތަކުގެ ޒިންމާއެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
"ހަމައެކަނި ފަރުވާއެއް ނޫން. އެކުދީންނާ އޯގާތެރިކޮށް މުއާމަލާތު ކުރުމާއި، އުނގަންނައިދިނުމާއި، އާމުދަނީ ހޯދޭނެ މަގުތައް ހުޅުވައިދިނުމާއި، އެހެން ކޮންމެ ދިވެއްސެކޭ އެއްފަދައިން، މި ގައުމުން ލިބިދޭ ހުރިހާ ފުރުސަތަކާއި ހައްގުތަކެއްވެސް އެކުދީންނަށް ފުރިހަމައަށް ލިބިދެވޭނެކަން އަމަލާއި ބަހުން އަޅުގަނޑުމެން ސާބިތުކޮށްދޭން ޖެހޭ،" އެ މަނިކުފާނުގެ ޚިތާބުގައި ވިދާޅުވިއެވެ.
މި ސަރުކާރުން ތެލެސީމިއާ ކުދީންނަށްޓަކައި ކޮށްދޭނެ ކަންކަން މެނިފެސްޓޯގައި ހިމަނައިފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ ވައުދުތައް ހަގީގަތަކަށް ހައްދަވައިދެއްވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު: އެ މަނިކުފާނު ވަނީ ތެލަސީމިއާ ޕޭޝަންޓުން ރާއްޖޭގައި ތިބެގެން ފުރިހަމަ ފަރުވާ ލިބޭނެ މަގުފަހިކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައި -- ފޮޓޯ/ ރައީސް އޮފީސް
އެ މަސައްކަތުގެ ތެރެއިން، ތެލެސީމިއާ ކުދީންނާއި އާއިލާތަކާއި ސީދާ ބައްދަލުކުރައްވައި، އެ ކުދީންނަށް ފަރުވާ ދޭގޮތް ދެކެވަޑައިގަތުމަށްފަހު، އެތައް އަހަރެއް ވަންދެން ބޮއްސުންލާފައިއޮތް ކަންކަން ހަމަމަގަށް އަޅުވަން ފިޔަވަޅު އަޅުއްވާނެ ކަމަށާއި އެ މަސައްކަތުން އެ ކުދީންނާއި އާއިލާތަކަށް ހިތްހަމަޖެހުމާއި ފާގަތިކަން ގެނަސްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްވަނީ، ދިވެހީންނަކީ އިހުސާންތެރިކަމާއި އަޅައިލުމުގައި ލާމަސީލު ނަމޫނާއެއްކަން ފާހަގަކުރައްވައި، ތެލެސީމިއާގެ އުނދަގޫ ތަހައްމަލުކުރާ ކޮންމެ ކުއްޖަކަށް އެހީތެރިވުމުގައި މުޅި ދިވެހި މުޖުތަމައު ބައިވެރިވުމަށް އިލްތިމާސް ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
"އެ ކުދީންނަށް ލިބިފައިވާ ހުނަރުތައް ތަރައްގީކޮށް، އުންމީދާއެކު ދިރިއުޅުން ބިނާކޮށްދިނުމުގައި، އަދި ހިނިތުންވުމާއި އެއްބަނޑުއެއްބަފާކަމުގެ އިޙްސާސްތަކާއެކު އެ ކުދީންނާ މުއާމަލާތު ކުރުމުގައި، އަދި އެ ކުދީންނަށް ދަތިވާ ކޮންމެ ކަމަކަށް ފަސޭހަ އަލިމަގެއް ކޮށައި ދިނުމުގައި، ކޮންމެ ދިވެހި ރައްޔިތަކުމެ ސަރުކާރަށް އެއްބާރުލުން ދެއްވުމަށް އަޅުގަނޑު އެދެން،" އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، ތެލެސީމިއާގެ އުނދަގޫ ބަރުދާސްކުރާ ކުދީންގެ ކެތްތެރިކަމާއި ހިތްވަރުގަދަކަމުން އީޖާބީ ފިލާވަޅުތަކެއް ލިބިގަންނަން ޖެހޭ ކަމަށެވެ. އެގޮތުން، ދިރިއުޅުމެއް ހޯދުމަށް އެ ކުދީން އުފުލާ ބުރަ ލުއިކޮށްދިނުމަށް ކޮށްދޭ ކޮންމެ ކަމަކީ، ސަވާބު ލިބެނިވި ހެޔޮ އަމަލެއްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
"އެ ކުދީންގެ ފުރާނައިގެ ޙައްގުގައި އަޅުގަނޑުމެން ހަދިޔާކުރާ ކޮންމެ ލޭތިއްކަކަށް ﷲގެ ޙަޟްރަތުން ދެއްވާނެ އަޖުރާއި ދަރުމަ ގިނަގުނަ ވެގެންވޭ. އެ ކުދީންނަށްޓަކައި އަޅުގަނޑުމެން ކުރާ ކޮންމެ ހެޔޮ ދުއާއަކާއި ހެޔޮ ފޯރުވުމެއްގެ ބަރަކާތާއި ރަޙްމަތް، ދުނިޔެއާއި އާޚިރަތުގައި ލިބޭނޭ ކަމީ ޝައްކެއް އޮތް ކަމެއް ނޫން،" ރައީސް ވިދާޅުވިއެވެ.
މިދިޔަ ހޯމަ ދުވަހު ރައީސް ވަނީ ތެލެސީމިއާ ކޮމިއުނިޓީއާ ބައްދަލުކުރައްވައި، ތެލެސީމިއާ ކުދީންނަށް ރާއްޖޭގައި ތިބެގެން ފުރިހަމަ ފަރުވާ ލިބޭނެ މަގު ފަހިކުރަން މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފައެވެ.
ތެލަސީމިއާ ސެންޓަރުގައި ބޭނުންކުރާ ފިލްޓަރުތައް ހަލާކުވެ، ލޭ ޕެކެޓުތަކުން އިސްރާފުވާ މިންވަރު އިތުރުވާތީ ތެލަސީމިއާ ޕޭޝަންޓުންނާއި، އެ މީހުންގެ އާއިލާތަކުން ވަނީ މިދިޔަ މާރިޗް މަހުގެ 23ގައި މުޒާހަރާކޮށްފައެވެ. އެ މުޒާހަރާއާ އެކު ޖެހިގެން އައި ދުވަހު ރައީސް ވަނީ އެ ސެންޓަރަށް ވަޑައިގެންފައެވެ.
އެ މަނިކުފާނު ވަނީ، މިހާރު ތެލެސީމިއާ ސެންޓަރު ހިންގާ އިމާރާތުގައި އެކި ކަންބޮޑުވުން ހުރިކަން ފާހަގަކުރައްވައި، އެ ސެންޓަރު ބަދަލުކުރުމަށް ކަނޑައަޅާފައިވާ "އޮރެންޖް ހިޔާ"އަށް ޒިޔާރަތްކުރައްވައި އެތަން ބައްލަވާލައްވާފައިވައެވެ.
އޮރެންޖު ހިޔާ ނިންމުމުގެ މަސައްކަތް މާރިޗް މަހުގެ 28 ވަނަ ދުވަހުން ފެށިގެން، ގައުމީ ކަމެއްގެ ގޮތުގައި ކުރިއަށްގެންދިއުމަށް ސިފައިންނާ ވަނީ ހަވާލުކޮށްފައެވެ.