ރީތި ތެލެސީމިއާ ސެންޓަރެއް ހަދައި، މިނިސްޓްރީއާ ހަވާލުކޮށްފި

ތެލެސީމިއާ ސެންޓަރު: އެ ސެންޓަރުގެ މަސައްކަތް ނިންމައި، ސިފައިން ލޭ ހަދިޔާކޮށްފައިވޭ -- ފޮޓޯ/ އެމްއެންޑީއެފް

ވަރަށް ގިނަ ދުވަސްވެ، ހާލަތު ގޯސްވެފައިވާ ތެލެސީމިއާ ސެންޓަރު، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ އޮރެންޖު ހިޔާއަށް ބަދަލުކޮށް، ހެލްތު މިނިސްޓްރީއާ މިއަދު ހަވާލުކޮށްފިއެވެ.

މާލޭގައި ހުންނަ ތެލެސީމިއާ ސެންޓަރު ހުޅުވައިފައިވަނީ 1994ގައި ކަމަށްވާއިރު، އެ މަރުކަޒުގެ ޚިދުމަތްތައް ޒަމާނީ ނުވުމާއި އިމާރާތް ބައުވުމުގެ ކަންބޮޑުވުން އާއިލާތަކުން ފާޅުކުރެއެވެ.

އެންމެ ޒަމާނީ ފެންވަރުގެ ތެލެސީމިއާ ޚިދުމަތްދޭ ތަނެއް ހެދުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެހެންވެ، އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ވަނީ، އޮރެންޖް ހިޔާ އިތުރަށް ތަރައްގީކޮށް އެ ތަނަށް ތެލެސީމިއާ ސެންޓަރުގެ ޚިދުމަތްތައް ބަދަލުކުރުމަށް ނިންމަވައިފައެވެ.

މިދިޔަ މާރިޗު މަހު، އެ މަސައްކަތުގެ ބޮޑު ބައެއް ނުނިމޭތީއާއި ކޮންޓްރެކްޓް ވެސް ހަމަވާތީ އެތަން ނިންމުމުގެ މަސައްކަތް ގައުމީ ކަމެއްގެ ގޮތުގައި ކުރިއަށްގެންދިއުމަށް ރައީސްވަނީ ސިފައިންނާ ހަވާލުކުރައްވައިފައެވެ.

ތެލެސީމިއާ ސެންޓަރު: މި ސެންޓަރުގެ މަސައްކަތް ކުރީ ދިފާއީ ވަޒީރުގެ އިރުޝާދުގެ ދަށުން، އެމްއެންޑީއެފްގެ ސާވިސް ކޯގެ ބެލުމުގެ ދަށުން -- ފޮޓޯ/ އެމްއެންޑީއެފް

މާރިޗު މަހުގެ 28ގައި ސިފައިން އެ މަސައްކަތް ފަށައި، ކުރިއަށްގެންދިޔައީ ދިފާއީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫންގެ އިރުޝާދުގެ ދަށުން ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އޮރެންޖު ހިޔާގައި އަމަލީ މަސައްކަތް ފެށުމުގެ ކުރިން، އެމްއެންޑީއެފް އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރުންގެ ޑިޒައިނިން ޓީމުން ވަނީ އަލުން އެތަން ޑިޒައިންކޮށް، ކުޑަކުދިން ގަޔާވާ ކަހަލަ ބައެއް ބަދަލުތައް ގެނެސްފައި ކަމަށް ވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.

އެ މުއައްސަސާއިން އައު ސެންޓަރުގެ ފޮޓޯތައް މިއަދު ހިއްސާކޮށްފައިވާއިރު، ކުޑަކުދިންނަށް ޚާއްސަކޮށްފައިވާ އެނދުތައް ކައިރީގައި އެ ކުދީން ގަޔާވާނެ ގޮތަކަށް ފާރުގައި ކުރަހައިފައިވާ މަންޒަރު ފެނެއެވެ. އަދި ސެންޓަރު ހަވާލުކޮށް، ބައެއް ސިފައިން ލޭ ހަދިޔާކޮށްފައި ވެސްވެއެވެ.

ތެލެސީމިއާ ސެންޓަރު: އެތަން ޑިޒައިންކުރިއިރު، ކުޑަކުދިން ގަޔާވާ ފަދަ ބަދަލުތަކެއް ގެނައި -- ފޮޓޯ/ އެމްއެންޑީއެފް

މީގެ ކުރިން ވެސް ގައުމީ ފެންވަރުގެ މުހިންމު މަޝްރޫއުތައް އަވަސް ކުރުމަށް ޓަކައި ސިފައިން ނެރެފައިވެއެވެ. އެގޮތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި، 2011 ވަނަ އަހަރު އައްޑޫ ސިޓީގައި ސާކް ސަމިޓް ބޭއްވުމަށް އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު ނިންމީ ސިފައިންގެ ވަރަށް ބޮޑު އެހީތެރިކަމާއެކުގައެވެ.

ތެލެސީމިއާ ސެންޓަރު ބަދަލު ކުރުމުގެ މަސައްކަތް އަވަސްކުރަން ނިންމިއިރު، އެ ސެންޓަރުގައި ބޭނުންކުރާ ފިލްޓަރުތައް ހަލާކުވެ، ލޭ ޕެކެޓުތަކުން އިސްރާފުވާ މިންވަރު އިތުރުވާތީ ތެލަސީމިއާ ޕޭޝަންޓުންނާއި، އެ މީހުންގެ އާއިލާތަކުން މާރިޗު މަހު 23 ގައި މުޒާހަރާކޮށްފައިވެއެވެ. އެ މުޒާހަރާއާ އެކު ޖެހިގެން އައި ދުވަހު ރައީސް އެ ސެންޓަރަށް ވަޑައިގެން ހާލަތު ބެއްލެވިއެވެ.

https://sun.mv/205747

މިއަދު ފާހަގަކުރާ ތެލެސީމިއާ ދުވަހާ ގުޅުވައި ރައީސް ދެއްވި ޚިތާބުގައި ވަނީ އެއްވެސް ތަފާތު ކުރުމެއް ނެތި، ދިވެހި މުޖުތަމައުން ލިބެން އޮތް ކޮންމެ ފުރުސަތެއް ތެލެސީމިއާ ކުދީންނަށް ފަހިކޮށް ދޭން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ތެލެސީމިއާ ކުދީންނާއި އާއިލާތަކާ ސީދާ ބައްދަލުކުރައްވައި، އެތައް އަހަރެއް ވަންދެން ބޮއްސުންލާފައިއޮތް ކަންކަން ހަމަމަގަށް އަޅުވަން ފިޔަވަޅު އަޅުއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް