ނަށައި، ޓިކްޓޮކް ހެދި ރަސްމީ ފާލަން މިހާރު އާއްމުންނަށް ބަންދު

ރަސްމީ ފާލަން: ރަސްމީ ފާލަމުގައި ނަށައި ޓިކްޓޮކް ހެދުން ފަދަ ކަންކަމަށް ފުރުސަތު އޮތް ނަމަވެސް މިހާރު އެ ފާލަން އެފަދަ ކަންކަމަށް ވަނީ ބަންދުކޮށްފައި -- ފޮޓޯ/ ރައީސް އޮފީސް

ބޮޑު ހޭދައެއް ކޮށްގެން ހަދައި, މިދިޔަ ފެބްރުއަރީ މަހު ހުޅުވި, ރަސްމީ ފާލަމަށް އާއްމުން އަރައި, ނަށައި ޓިކްޓޮކް ހެދުން ފަދަ ކަންކަމަށް ފުރުސަތު އޮތް ނަމަވެސް މިހާރު އެ ފާލަން އެފަދަ ކަންކަމަށް ބަންދުކޮށްފިއެވެ.

ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު ރައީސް ޑރ. މުޙައްމަދު މުއިއްޒު ހުޅުވައިދެއްވި, ރަސްމީ ފާލަން ނުވަތަ އިއްޒުއްދީން ފާލަމަކީ 11.7 މިލިއަން ރުފިޔާގެ އަގު ބޮޑު މަޝްރޫއެކެވެ. އެމްޓީސީސީން އެ ފާލަން އަލުން ހަދަން ވަރަށް ދުވަސްވެސް ނެގިއެވެ. މި ފާލަމަކީ، ގައުމިއްޔަތު ދިރުވައި އާލާކުރުމުގެ ފިކުރު ބިނާކުރުން ހިމެނޭ ގޮތަށް، މި ސަރުކާރުގެ ގައުމީ ތަރައްގީގެ ސިޔާސަތާ ގުޅިލާމެހޭ ގޮތަށް ފަރުމާކޮށްފައިވާ ފާލަމެކެވެ.

https://www.sun.mv/204264

ފާލަން ތަރައްގީކޮށް ނިމިފައިވާއިރު، މިހާރު މި ފާލަން ބަލައިލަން ހިތްގައިމެވެ. ފާލަމުގައި މައިގަނޑު ގޮތެއްގައި ބޭނުންކޮށްފައި ހުރީ ހުދުކުލައާއި ރަން ކުލައެވެ. ރޭގަނޑު ފާލަން ދިއްލާފައި ހުންނައިރު، އެ ސަރަހައްދަށް އުފާވެރިކަން ގެނުވައެވެ.

މި ރީތި ފާލަން ހުޅުވުމަށް ފަހު އެތަނަށް އަރައި ހެދުމަށް އޮތީ އާއްމުކޮށް, ހުޅުވާލައިފައެވެ. އެއާއެކު ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ދައުރުވާން ފެށީ އެތަނުގައި ނަށައި މީހުން ހަދާފައި ހުންނަ އެކިއެކި ވީޑިއޯތަކެވެ. ބޮޑަށް އެފަދަ ވީޑިއޯތައް ހަދަމުން ދިޔައީ އެކިއެކި މަސައްކަތް ކުރުމަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނެވެ.

ނަމަވެސް ކުޑަ ދުވަސްކޮޅެއް ކުރިން ފެށިގެން، އެ ފާލަމަށް އާއްމުން އެރުން އޮތީ މަނާ ކޮށްފައެވެ. އެގޮތުން ފާލަމުގެ އެތެރެއަށް ނުވަދެވޭ ގޮތަށް މިހާރު ވަނީ ބަންދުކޮށްފައެވެ. އަދި އެ ފާލަމުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް 24 ގަޑިއިރު އެމްޓީސީސީގެ މުވައްޒަފުން މިހާރު އަންނަނީ ކުރަމުންނެވެ.

ދައުލަތުގެ ވެރިންނާއި ރާއްޖޭން ބޭރުން ވަޑައިގަންނަވާ އިއްޒަތްތެރީން ބޭނުން ކުރާ ރަސްމީ ފާލަމަކީ މީގެ ކުރިން ވެސް އާއްމުންނަށް އަބަދު ހުޅުވާލާފައި އޮންނަ ތަނެއް ނޫނެވެ. އެތަން ބަންދު ކޮށްފައި ބާއްވަނީ ސަލާމަތީ ސަބަބުތަކަށާއި ތަނުގެ ސާފުތާހިރުކަމުގެ ބޭނުމުގައެވެ.

comment ކޮމެންޓް