ވޮޝިންޓަން (8 މެއި 2025): ޔަމަންގެ ހޫޘީންނާއެކު ރަނގަޅު ނަތީޖާއަކަށް އާދެވިފައިވާކަމަށް ވިދާޅުވެ ހޫޘީންނަކީ އާދަޔާ ޚިލާފަށް ހިތްވަރުގަދަ ބައެއްކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސިފަކުރައްވައިފިއެވެ.
ވައިޓް ހައުސްގައި ދެއްވި ބަޔާނެއްގައި ޓްރަމްޕް ވިދާޅުވީ ހަމަލާތައް ހުއްޓާލުމަށް ހޫޘީން ވެފައިވާ ވައުދަށް އެމެރިކާ އިޙްތިރާމް ކުރާކަމުގައެވެ. އަދި ހޫޘީންނާއެކު ހަމަލާ ބަދަލުކުރަން ޖެހުނު މައްސަލަ އެމީހުންނާއެކު ހެދި ޑީލްއާއެކު ހައްލުވީ ކަމަށްވެސް ބައްލަވާނެ ކަމުގައެވެ.
އެމެރިކާވަނީ އުމާން މެދުވެރިކޮށް ހޫޘީންނާ ވާހަކަ ދައްކައިގެން ހަމަލާތައް ހުއްޓާލުމަށް އެ ޖަމާއަތާއެކު ޑީލްއެއް ހަދާފައެވެ. މި ޑީލް ބިނާކޮށްފައިވަނީ ހޫޘީން އެމެރިކާގެ އަސްކަރީ އަދި މަދަނީ ބޯޓުތަކަށް ހަމަލާދިނުން ހުއްޓާލުމުން އެމެރިކާވެސް ހޫޘީންނަށް (ޔަމަނަށް) ހަމަލާ ނުދިނުމުގެ މައްޗަށެވެ.
މި ޑީލްގައި ޙޫޘީން އިސްރާއީލަށް ދޭ ހަމަލާތައް ނުހިމެނެއެވެ. އެހެންކަމުން ޙޫޘީންވަނީ އިސްރާއީލަށް ހަމަލާދިނުމުގެ ކަންތައް ހުއްޓާނުލައި ކުރިޔަށް ގެންދާނެކަމަށް ބުނެފައެވެ. މިގޮތުން ޑީލްއަށް ފަހުވެސް ޙޫޘީންވަނީ އިސްރާއީލަށް ހަމަލާދީފައެވެ. ނަމަވެސް އެމެރިކާގެ މަނަވަރުތަކަށާއި އާގު ބޯޓުތަކަށް ދެން ހަމަލާ ނުދޭނެކަމަށް ޙޫޘީން ބުނެއެވެ.
އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންއިން ވަނީ ހޫޘީންނަށް އަމާޒުކޮށް ޔަމަނަށް ދޭ ހަމަލާތައް ހުއްޓާލިކަން އިއްޔެ ރަސްމީކޮށް އިއުލާންކޮށްފައެވެ. ޓްރަމްޕް ޙޫޘީންނާއެކު ޑީލް ހެއްދެވީ ޙޫޘީން ބަލި ކުރުމަށް އޭނާ އިސްވެ ފެއްޓެވި ހަމަލާތައް މުޅިން ނާކާމިޔާބުވުމުންނެވެ. އެ ހަމަލާތަކުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވެ އެކަމުން އެމެރިކާއަށް ފައިސާގެ ގޮތުންނާއި ޚަރަދުގެ ގޮތުން ބޮޑު ގެއްލުމެއް ލިބޭތީއެވެ.
ހޫޘީންވަނީ އެމެރިކާ އުފައްދާ އެންމެ އަގުބޮޑު އަދި އެންމެ ޓެކްނޮލޮޖީގެ ގޮތުން މޮޅު ޑްރޯންތަކުގެ ތެރެއިން އެތައް ޑްރޯންތަކެއް ވައްޓާލާފައެވެ. މީގެއިތުރުން ޙޫޘީންގެ ހަމަލާތައް އެމެރިކާގެ ދެ މަނަވަރަކަށްވެސް އަރައި ބޮޑެތި ގެއްލުންތަކެއް ލިބުނުކަމަށްވެއެވެ. ނަމަވެސް އެމެރިކާ މަނަވަރުތަކަށް ހޫޘީންގެ ހަމަލާ އެރިކަމަށް އިއުތިރާފު ވުމަށް އެމެރިކާ ވަނީ ފަސްޖެހިފައެވެ.

ޔަމަންގެ ހޫޘީންގެ ސަރުކާރުގެ އަސްކަރީ ތަރުޖަމާން ކާނަލް ޔަހްޔާ ސަރީއު އަދި ޓްރަމްޕް
ޙޫޘީންގެ ހަމަލާތަކުން ރެކެން މަސައްކަތް ކުރުމުގެ ތެރޭގައި އެމެރިކާގެ އެފް-18ގެ ދެ ފައިޓާޖެޓް ވެއްޓި ހަލާކުވިކަމަށް އެމެރިކާ އެއްބަސްވެއެވެ. ޙޫޘީންގެ ހަމަލާތަކުގައި އެމެރިކާގެ އަގުބޮޑު އެތައް ޑްރޯންތަކެއް ވެއްޓުނު ކަމަށްވެސް އެމެރިކާވަނީ އެއްބަސްވެ އިއުތިރާފު ވެފައެވެ. ހޫޘީން ބުނެފައިވާ ގޮތުން އެމެރިކާގެ އެފް-18ގެ ދެ ފައިޓާޖެޓް ވެސް ވެއްޓުނީ އެ ޖަމާއަތުން ދިން ހަމަލާތަކެއް އެރުމުންނެވެ.
ހޫޘީންނަށް އިސްވެ ހަމަލާ ދިނީ އެމެރިކާއެވެ. އެއީ ޣައްޒާގައި އިސްރާއީލު ހިންގި ގަތުލުއާންމުތައް ހުއްޓާލުމަށްފަހު މީގެ ދެމަސް ކުރިން އަލުން ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ހަމަލާތައް ފެށުމުން އިސްރާއީލަށް ރައްދުދޭން ހޫޘީން ތައްޔާރުވަމުން ގެންދަނިކޮށެވެ. އެމެރިކާ ހީކުރީ ހޫޘީން ފަސޭހައިން ބަލިކޮށްލެވިދާނެކަމަށެވެ.
ނަތީޖާއަކަށްވީ އިސްރާއީލަށް ހަމަލާ ދިނުމުގެ އިތުރުން ރައްދުގައި އެމެރިކާގެ އާގު ބޯޓުތަކަށާއި އެމެރިކާގެ މަނަވަރުތަކަށްވެސް ހޫޘީންގެ ގަދަފަދަ ހަމަލާތައް އަމާޒުވުމެވެ. މިކަން އެމެރިކާއަށް އާދަޔާ ޚިލާފު ބޮޑު މައްސަލައަކަށްވީ ހޫޘީން ފަސޭހައިން ބަލިކޮށްލެވޭނެ ކަމަށް ބަލައި އެމެރިކާ ޖެހި ހިސާބުތައް އެއްގޮތަކަށްވެސް ދިމާ ނުވުމުންނެވެ. ހޫޘީން އަވަހަށް ބަލިކޮށްލެވޭނެކަމަށް ކުރި ލަފާކުރުންތައް ދިމާނުވުމުންނެވެ.
ޙޫޘީންގެ އަމާޒުތަކުގެ ނަމުގައި އެމެރިކާ މައިގަނޑު ގޮތެއްގައި ހަމަލާދިނީ ޔަމަންގެ އާންމުންގެ ގެދޮރަށާއި މަދަނީ ތަންތަނަށެވެ. ވަރަށް ގަދަފަދަ އަދި ވަރަށް އަނިޔާވެރި ލާއިންސާނީ ހަމަލާތަކެއް އެމެރިކާ ދިނެވެ. ބޭނުމަކީ ޔަމަންގެ ރައްޔިތުން ނަފްސާނީ ގޮތުން ބަލިކޮށް އެމީހުންގެ އަޒުމް ގުޑުވާލުމެވެ. އެމެރިކާގެ ހަމަލާތަކުގައި ޔަމަންގެ ހާހަކަށް ވުރެގިނަމީހުން ޝަހީދުވެ އެތަށް ހާސް ބަޔަކު ޒަޚަމްވެ އާންމުންގެ ގެދޮރާއި ކަރަންޓް އުފައްދާ ތަންތަނާއި މާކެޓްތަކާއި މިނޫންވެސް މަދަނީ އިންފްރާސްޓަރަކްޗަރ ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.
ނަމަވެސް އެމެރިކާގެ ގަދަފަދަ ހަމަލާތަކުން ހޫޘީންގެ އަސްކަރީ ގާބިލްކަމަށް ކުޑަވެސް ބަލިކަށި ކަމެއް އައިސްފައެއް ނުވެއެވެ. ހޫޘީންގެ އަސްކަރީ ބާރު އޮތީ އެމެރިކާ އަތްފޯރާ ހިސާބެއްގައެއް ނޫނެވެ. އެއަށްވުރެެ މާބޮޑަށް ރައްކާތެރި ތަންތަނުގައެވެ. ޔަމަންގެ ފަރުބަދަ ތަކުގެ އަޑީގައެވެ.
ޔަމަންގެ ރައްޔިތުންނާއި ހޫޘީންގެ ހިއްވަރާއި ފަންވަރާއި ޖޯޝާއި އަޒުމު ގުޑުވާލުމުގައި އެމެރިކާ މުޅިން ފެއިލްވެ ގޮތް ހުސްވީއެވެ. އެހެންކަމުން އެމެރިކާ އެންމެފަހުން މިޖެހުނީ ހޫޘީންގެ ކުރިމަތީގައި ހޯހޯ ގޮވާށެވެ. އަދި އެންމެފަހުން ޖެހުނީ ހޫޘީންގެ ކުރިމަތީގައި ހަތިޔާރު ބަހައްޓާށެވެ. ހޫޘީން ބަލިކުރުމަށް އެއްގަމުން ހަނގުރާމަ ފަށައިފިނަމަ ހޫޘީންވަނީ އެމެރިކާ ސިފައިން ބަނދެ ވާޖަހައިގެން ގަންހިންގާނެ ކަމުގެ އިންޒާރު ދީފައެވެ. ސޮމާލިޔާގެ ހަނގުރާމަވެރިންވެސް އެމެރިކާ ސިފައިންނާ މެދު ކަންތައް ކުރީ މިގޮތަށެވެ. އެއްގަމު ހަނގުރާމައަކީ އެެމެރިކާ ވަރަށް ފަސޭހައިން ބަލިކޮށްލެވޭނެ ހަނގުރާމައެއްކަން ވިއެޓްނާމް އާއި އަފްޣާނިސްތާނުންވެސްވަނީ ފެނިފައެވެ.
ޙޫޘީން އިސްރާއީލަށް ދޭ ހަމަލާތަށް ނުހިމަނައި އަދި އިސްރާއީލާ ނުލައި ޙޫޘީންނާއެކު އެމެރިކާ ވަކިން ޑީލް ހެދުމުން އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވަނީ ވަރަށް ބޮޑަށް ރުޅި ގަދަވެފައި ކަމަށް ރިޕޯޓްތައް ބުނެއެވެ. މިއީ އީރާނަށް ލިބުނު ނަސްރެއްގެ ގޮތުގައި އިސްރާއީލުގެ ނޫސްތަކުންވަނީ ސިފަކޮށްފައެވެ.