''ރަނދި 27'' ގަންނާނެ މީހަކު ނުވި، އަނެއްކާ ވެސް އިއުލާން ކޮށްފި

މިފްކޯއިން ދުއްވި މަސްކިރާ ބޯޓެއް ކަމަށްވާ, "ރަނދި 27": އެ ބޯޓް ވިއްކާލަން އަނެއްކާ ވެސް ވަނީ އިއުލާން ކޮށްފައި-- ފޮޓޯ: މިފްކޯ

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)އިން ދުއްވި މަސްކިރާ ބޯޓެއް ކަމަށްވާ, "ރަނދި 27" ވިއްކުމަށް އަނެއްކާ ވެސް އިއުލާން ކޮށްފިއެވެ.

މިފްކޯއިން ބުނީ އެ ކުންފުނިން 25 ނޮވެމްބަރު 2024 ވަނަ ދުވަހު އެ ބޯޓް ވިއްކާލުމަށް ކުރި އިއުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައި ނުވާ ކަމަށެވެ. އެހެންވެ އެ އިއުލާން ބާތިލްކޮށް، އަލުން "ރަނދި 27" ސިޓީލައި ނީލަމުގައި ވިއްކާލުމަށް މިއަދު ވަނީ އިއުލާން ކޮށްފައެވެ.

މި އުޅަނދު އޮތީ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް ހިންގާ ޅ. ފެލިވަރުގައެވެ. މިއީ ކަލެކްޓާ ވެސަލް (ފައިބާ ގްލާސް) އުޅަނދެކެވެ. މި އުޅަނދު ގަތުމަށް ނީލަން ފެށޭ އަގަކީ 400،000 ރުފިޔާ ކަމަށް މިފްކޯއިން ބުނެއެވެ. އަދި ނީލަމުގައި މަދުވެގެން އިތުރު ކުރެވޭނެ އެންމެ ކުޑަ އަގަކީ 25000 ރުފިޔާ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

މިފްކޯއިން ބުނީ އުޅަނދުގެ ހާލަތު ބެލުމަކީ ނީލަމުގައި ބައިވެރިވާ ފަރާތުގެ ކަމެއް ކަމަށެވެ. މި އުޅަނދު ބަލަން ބޭނުންވާ މީހުން, ފެލިވަރަށް ދިއުމުން ބެލޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށް ވެސް މިފްކޯއިން ބުންޏެވެ.

ސަރުކާރުގެ މަސް ކުންފުނި މިފްކޯއަކީ ވަރަށް ބޮޑު ގެއްލުމެއްގައި ހިންގަމުން އަންނަ ކުންފުންޏެކެވެ. އެ ކުންފުނީގެ ހާލަތު ދަށްވެ, ދަރަނި އިންތިހާއަށް މަތިވެފައި ވަނީ މާކެޓްގައި ވިއްކޭ އަގަށް ވުރެން ބޮޑު އަގުގައި މަސްވެރިންގެ އަތުން ފައިސާ ގަންނަން ޖެހިފައި ވުމާއި ހިންގުމުގެ ދޯދިޔާ ކަންކަމުގެ ސަބަބުންނެވެ.

މިފްކޯގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި މިސަރުކާރުން ވަނީ އެ ކުންފުނި ހިންގުން ޔޫކްރެއިންގެ ބޭފުޅަކާ ހަވާލު ކޮށްފައެވެ. ނަމަވެސް ފަހުން ކުއްލި ގޮތަކަށް އޭނާ ވަކިކޮށް މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯގެ މަގާމަށް ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް، ފަރުހަތު ޝަހީރު މި ފަހުން ވަނީ އައްޔަން ކުރައްވައިފައެވެ.

comment ކޮމެންޓް