އުއްތަމަފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ފަނޑިޔާރުކަމުން ރިޓަޔާ ކުރައްވަން މިއަދު ހުށަހަޅުއްވައިފިއެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި، ރިޓަޔާ ކުރައްވާނެ ކަމަށް ވަރަށް ފަހުން އިޝާރާތް ކުރައްވާފައިވާ މުއުތަސިމް މިއަދު ވަނީ ރިޓަޔާކުރައްވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ސިޓީ ހުށަހަޅުއްވައިފައެވެ.
މީގެ ދެ މަހެއްހާ ދުވަސް ކުރިން ފެބުރުވަރީ މަހުގެ 17 ވަނަ ދުވަހު އުއްތަމަފަނޑިޔާރު މުއުތަސިމް ވަނީ ފަނޑިޔާރުކަމުން ރިޓަޔާކުރައްވަން އުޅުއްވާކަމުގެ އިޝާރާތެއް ކުރައްވައިފައެވެ. ޝަރުއީ ދާއިރާއާ އަލަށް ގުޅުނު ވަކީލުން ހުވާކުރަން އެ ދުވަހު ބޭއްވި ރަސްމިއްޔާތުގައި މުއުތަސިމް ވިދާޅުވީ، އެ މަނިކުފާނަކީ މިހާރު ދުވަސްވީ ބޭފުޅެއް ކަމަށާއި އެފަދަ ޖަލްސާތަކުން ކުރިއަށް އޮތްތަނުގައި ނުފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
"އަޅުގަނޑަކީ މިހާރު ދުވަސްވީ މީހެއް. ހަމަ އެކަށީގެންވާ ކަމެއް މިފަދަ ޖަލްސާއަކުން މި ހައިސިއްޔަތުން ދެން ނުފެނުމަކީ ވެސް،" އެ ދުވަހު އެ މަނިކުފާނު ވިދާޅުވިއެވެ.
މުއުތަސިމް ރިޓަޔާ ކުރައްވަނީ ޝަރުއީ ދާއިރާއަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާކަމުގެ ތުހުމަތުތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.
މިދިޔަ ފެބްރުވަރީ މަހުގެ 26ގައި ޖޭއެސްސީން ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ ހުސްނުއްސުއޫދާއި ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ސަސްޕެންޑުކޮށްފައެވެ. އެ ތިން ބޭފުޅުން ސަސްޕެންޑުކުރީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލަމުން ދަނިކޮށެވެ.
އޭގެ ތެރެއިން ހުސްނުއްސުއޫދު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. އަދި، މަހާޒާއި އަޒްމިރަލްދާގެ ސުލޫކީ މައްސަލައެއް ބަލައި ޖޭއެސްސީން ވަނީ ދެ ފަނޑިޔާރުން ވަކިކުރަން ނިންމައިފައެވެ. އެ މައްސަލަ މިހާރު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ދަނީ ބަލަމުންނެވެ.
ހުސްނުއްސުއޫދާއި އަޒްމިރަލްދާ ވެސް ވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ހިމެނިވަޑައިގަންނަވާ ގޮތަށް، ސުޕްރީމް ކޯޓުގައި އޮތް ދުސްތޫރީ މައްސަލަ ހުއްޓުވަން ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކުރައްވައިފައެވެ.
އުއްތަމަފަނޑިޔާރު މުއުތަސިމް ބެޗެލާ އޮފް ލޯސް ހާސިލުކުރައްވާފައިވަނީ 1992 ވަނަ އަހަރު އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ބަކިންހަމް އިންނެވެ. އަދި، 1994 ވަނަ އަހަރު، ސްކޮޓްލޭންޑްގެ ޔުނިވާސިޓީ އޮފް ގްލެސްގޯ އިން މާސްޓާ އޮފް ފިލޯސޮފީ ހާސިލުކުރައްވާފައިވެއެވެ.
މުއުތަސިމް، 1994އިން 2001ގެ ނިޔަލަށް ފޮރިން މިނިސްޓްރީގެ ލީގަލް ސެކްޝަނުގެ ޑިރެކްޓަރުގެ ވަޒީފާ އަދާކުރެއްވިއެވެ. ދެހާސް އެއްވަނަ އަހަރުން 2005 ވަނަ އަހަރުގެ ނިޔަލަށް މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަން (މިހާރު ގައުމީ ޔުނިވާސިޓީ)ގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ޑީން އެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ.
އެއަށް ފަހު 2005އިން 2010 ވަނަ އަހަރުގެ ނިޔަލަށް އެ މަނިކުފާނު މަސައްކަތްކުރައްވާފައިވަނީ ކްލިޕާ އެންޑް ގެލިއޮން ލޯ އެސޯސިއޭޓްސްގެ ޕާޓްނަރެއްގެ ގޮތުގައެވެ. މުއުތަސިމް ވަނީ ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރެއްގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ.
ދެހާސް އަށްވަނަ އަހަރު ތަސްދީގުކުރެއްވި ގާނޫނުއަސާސީގެ ދަށުން އެކުލަވައިލެވުނު ދާއިމީ ސުޕްރީމް ކޯޓުގެ ބެންޗަށް މުއުތަސިމް ނަންފުޅު އޭރުގެ ރައީސް މުޙައްމަދު ނަޝީދު ހުށަހެޅުއްވިއެވެ. އަދި، އެ މަގާމަށް 10 އޮގަސްޓު 2010ގައި އެ މަނިކުފާނު އައްޔަން ކުރެއްވުމާ ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި 2014 ވަނަ އަހަރުގެ ނިޔަލަށް ޚިދުމަތް ކުރައްވާފައިވެއެވެ.
މުއުތަސިމް އުއްތަމަފަނޑިޔާރު ކަމަށް ވަޑައިގަތީ، 2019 ވަނަ އަހަރެވެ. އެގޮތުން، ރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް އެ މަނިކުފާނުގެ ނަންފުޅު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ހުށަހެޅުއްވިއެވެ. އެ މަނިކުފާނު އެ މަގާމުގެ ހުވާކުރެއްވީ 2019 ވަނަ އަހަރުގެ ޑިސެންބަރު 8، 2019ގައެވެ.