ދިރާގަށް ދިގު މުއްދަތައް ޚިދުމަތްކޮށް، ފާހަގަކޮށްފައިވާ ކާމިޔާބީތައް ހޯދި މުވައްޒަފުންގެ އަގުވަޒަންކޮށްފިއެވެ.
ރޭ ދިރާގުންވަނީ އެ ކުންފުނީގެ އަހަރީ އެވޯޑް ދިނުމުގެ ހަފުލާ ބާއްވައިފައެވެ. އެއީ މުވައްޒަފުން ކުންފުންޏަށް ހޯދައިދީފައިވާ ކާމިޔާބީތަކާއި ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް އެ ކުންފުނިން ބާއްވާ ޚާއްސަ ހަފުލާއެކެވެ.
ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ހަފުލާގައި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު، އިސްމާއިލް ރަޝީދު އަދި ދިރާގުގެ އިސް ބޭފުޅުންނާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ ދިރާގުގެ ގިނަ އަދަދެއްގެ މުވައްޒަފުން ވެސް ވަނީ ބައިވެރިވެފައެވެ.
މި ހަފުލާގައި ދިރާގަށް ދިގު މުއްދަތައް ޚިދުމަތްކޮށްފައިވާ މުވައްޒަފުންނާއި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދައިފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް، 96 މުވައްޒަފުންނަށް ވަނީ އެވޯޑް ހަވާލުކޮށްފައެވެ. އެގޮތުން ދިރާގަށް 10 އަހަރު، 15 އަހަރު އަދި 25 އަހަރު ޚިދުމަތްކޮށްފައިވާ 53 މުވައްޒަފުންނަށް ވަނީ އެވޯޑް ހަވާލުކޮށްފައެވެ.
ވޭތުވެދިޔަ އަހަރު ދިރާގުގެ ކާމިޔާބީގައި އެކި ގޮތްގޮތުން ހިއްސާވެފައިވާ 42 މުވައްޒަފުންނަށް ވެސް ވަނީ އެވޯޑް ހަވާލުކޮށްފައެވެ. އޭގެ ތެރޭގައި 14 ޑިވިޝަނަލް މެރިޓް އެވޯޑް، 11 ސްޕެޝަލް މެރިޓް އެވޯޑް، 15 އިނޮވޭޝަން އެވޯޑް އަދި ދެ އައުޓްސްޓޭންޑިން ލީޑާސް އެވޯޑް ހިމެނެއެވެ.
ރޭގެ އެންމެ ޝަރަފުވެރި އެވޯޑް ކަމުގައިވާ ޗެއާޕާސަންސް އެވޯޑް ލިބިފައިވަނީ ދިރާގުގެ ޓްރާންސްޕޯޓް ނެޓްވޯކްސްގެ މުޙައްމަދު ޝަންމޫން ޝަފީގަށެވެ.
ދިރާގުން ބުނީ ޝަންމޫންއަކީ ދިރާގު ޓްރާންސްޕޯޓް ނެޓްވޯކްސް ޓީމްގެ މުހިންމު މެންބަރެއްގެ ގޮތުގައި ފާހަގަކޮށްލެވޭ މުވައްޒަފެއް ކަމަށެވެ. މިގޮތުން، އޭނާ ވަނީ މިދިޔަ އަހަރުގެ ތެރޭގައި ދިރާގުގެ އިންފްރާސްޓްރަކްޗާ ވަރުގަދަކޮށް، ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް މުހިންމު އަދި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންނެވެ.
އޭނާގެ ފާހަގަކޮށްލެވޭ މަސައްކަތްތަކުގެ ތެރޭގައި، ޑޮމެސްޓިކް ސަބްމެރިން ކޭބަލް ސިސްޓަމްގެ ފަސް އައު ސަބްމެރިން ކޭބަލް ލިންކް ގާއިމުކުރުމުގެ މަޝްރޫއު ހިންގައި، މޯލްޑިވްސް ސްރިލަންކާ ކޭބަލް ސިސްޓަމްގެ އަޕްގުރޭގް މަސައްކަތުގައި އަމަލީ ގޮތުން ހަރަކާތްތެރިވެ، ސީމީވީ6 ލޭންޑްރޫޓް ގާއިމްކޮށް އަދި ބީޗް މޭންހޯލް އިމާރާތްކުރުމުގައި މުހިންމު ދައުރެއް އަދާކުރުން ހިމެނޭ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން އަބަދުވެސް ދަނީ އެ ކުންފުނީގެ މުވައްޒަފުން ބާރުވެރިކޮށް، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް މުވައްޒަފުން ކުރަމުންދާ ހީވާގި މަސައްކަތް ފާހަގަކޮށް އަގުވަޒަންކުރަމުން ކަމަށް އެ ކުންފުނިން ބުނެއެވެ.