ބޮލީވުޑް އެކްޓަރު ސަލްމާން ޚާނާ ލޯބީގެ ގުޅުމެއް އޮންނަ ކަމަށް މީޑިއާތަކުން ބުނާ އޫލިއާ ވަންތޫރު ފިލްމީ ދާއިރާއަށް ތައާރަފުވާން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ދީޕަކް ތިޖޯރީއާ އެކު އޫލިއާ މުހިންމު ރޯލަކުން ފެންނާނެ މި ފިލްމަކީ އިނގިރޭސި ކުރު ފިލްމެއް ކަމަށްވާ "އެކޯސް އޮފް އަސް"އެވެ. ދީޕަކްއަކީ 90އިގެ އަހަރުތަކުގައި ރިލީޒްކުރި ބޮލީވުޑްގެ ގިނަ ފިލްމުތަކެއްގައި ސަޕޯޓިންގް ރޯލް ކުޅުނު އެކްޓަރެކެވެ.
ދީޕަކްއާއި އޫލިއާ އެކު ފިލްމުން ދެން ފެންނާނީ ސްޕެނިޝް އެކްޓަރެއް ކަމަށްވާ އެލެސަންދްރާ ވެލަން މެރެޑިޒްއެވެ. ޖޯ ރަޖަން ޑައިރެކްޓްކުރާ މި ފިލްމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށް ބޮލީވުޑް ރިޕޯޓުތައް ބުނެއެވެ.
ފިލްމީ ދާއިރާއަށް ތައާރަފުވުމަކީ އޫލީއާ އަބަދުވެސް ދުށް ހުވަފެނެއް ކަމަށާއި ނަމަވެސް ފާއިތުވެދިޔަ ދެތިން އަހަރު ގިނަ ވަގުތުތައް އޫލިއާ ބޭނުންވީ މިއުޒިކް ކެރިއަރަށް ހުސް ކުރުމަށް ކަމަށް އޭނާ ވަނީ ބުނެފައެވެ.

އޫލިއާ ބޮލީވުޑް އެކްޓަރު ސަލްމާން ޚާނާ އެކު--ފޮޓޯ/ސްޕޮޓްބޯއި
އިންޑިއާއަށް އައުމުގެ ކުރިން އޭނާއަކީ ރޮމޭނިއާގެ ތިއޭޓަރުގައި މަސައްކަތް ކުރި މީހެއް ކަމަށާއި އެކްޓު ކުރުމަކީ ހިތުގައި އުފެދޭ ޝުއޫރުތައް ވަރަށް ފުރިހަމައަށް ބެލުންތެރިންނަށް ގެނެސްދެވޭނެ އެންމެ ވަރުގަދަ ހަތިޔާރު ކަމަށް އޫލިއާ ވަނީ ބުނެފައެވެ.
ކުރީގެ ބަތަލާ ޕޫޖާ ބަޓްރާ ޕްރޮޑިއުސްކުރާ "އެކޯސް އޮފް އަސް"ގެ ސްކްރިޕްޓް އޫލިއާއަށް ވަރަށް ކަމުދާ ކަމަށާއި ދީޕަކް އަދި ޕޫޖާ ފަދަ ބޮލީވުޑްގެ ތަޖުރިބާހުރި ފިލްމީ ތަރިންނާ އެކު މަސައްކަތް ކުރުމަކީ ވަރަށް ބޮޑަށް އޫލިއާ އުފާވާ ކަމެއް ކަމަށް ވަނީ ބުނެފައެވެ.
ފިލްމުފެއާއަށް ދިން އިންޓަވިއުއެއްގައި އޫލިއާ ބުނެފައިވަނީ އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި ސާބިތުކަމާ އެކު ދެމި ހުރެވުނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާ އެކު ކަމަށާއި އޭގެ ތެރެއިން އެންމެ ބޮޑު އެއްބާރުލުމެއް ލިބެނީ ސަލްމާނާއި އެކްޓަރުގެ އާއިލާއިން ކަމަށް ލަވަކިޔުންތެރިޔާ ވަނީ ބުނެފައެވެ.
އޫލިއާގެ ކިބައިގައި ލަވަކިޔުމުގެ ހުނަރު ހުރިކަން އެންމެ ކުރިން ފާހަގަކުރެވުނީ ސަލްމާނަށް ކަމަށާއި މިއުޒިކު ދާއިރާއިން ކުރިއަށް ދިއުމަށް ސަލްމާންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ ކަމަށް އޫލިއާ ވަނީ ބުނެފައެވެ. އޫލިއާ ވަނީ ސަލްމާން ޚާންގެ އެންމެ ފަހުން ރިލީޒްކުރި ފިލްމު "ސިކަންދަރު"ގެ ލަވައެއް ވެސް އޭނާގެ އަޑުން ރިކޯޑުކޮށްދީފައެވެ.