ބޮޑު ތަފާތަކުން ބިލްބާއޯ ބަލިކޮށް ޔުނައިޓެޑް ފައިނަލަށް

ޔުއޭފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލްގައި އެތުލެޓިކް ބިލްބާއޯގެ މައްޗަށް ކުރި ހޯދައި، މެންޗެސްޓާ ޔުނައިޓެޑުން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މި މުބާރާތުގެ ފައިނަލުން ޔުނައިޓެޑް ޖާގަ ހޯދީ ބިލްބާއޯގެ މައްޗަށް 7-1ގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. ދެ ޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގު ބިލްބާއޯގެ ދަނޑުގައި 3-0އިން ޔުނައިޓެޑް ކާމިޔާބު ކުރިއިރު ޔުނައިޓެޑްގެ ދަނޑުގައި ރޭ ކުޅުނު ދެވަނަ ލެގު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 4-1 އިންނެވެ.

މެޗުގައި ޔުނައިޓެޑުން ގިނައިރު ބޯޅަ ގެންގުޅުނުއިރު ހަމަލާ އުފެއްދިފައިވަނީ ދެ ޓީމަށް ވެސް ހަމަހަމަކޮށެވެ. މެޗުން ބިލްބައޯ ބަލިވި ނަމަވެސް އެ ޓީމުން ވަނީ މެޗުގެ ބޮޑު ބައިގައި މޮޅު ކުޅުމެއް ދައްކާ ޔުނައިޓެޑް ހާސްކަމުގެ ތެރޭގައި ބަހައްޓަފައެވެ. ދެ ޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގުން 3 ލަނޑު ސުން ލަނޑުން ބަލިވެފައިވުމުން މިމުބާރާތުގެ ފައިނަލުން ޖާގައެއް ހޯދަން ބޭނުންނަމަ ދެވަނަ ލެގުގައި ރަނގަޅު ނަތީޖާއެއް ނެރެން މަޖުބޫރު ބިލްބާއޯއިން މި މެޗުގައިވަނީ ހިތްވަރު ގަދަ ކުޅުމެއް ދައްކާފައެވެ.

ނަތީޖާއެއްގެ ގޮތުން ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ ވެސް ބިލްބާއޯއިންނެވެ. މި ލަނޑު 31 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިކޭލް ހައުރެގީޒާއެވެ. މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑްގެ އަލަހެންޑްރޯ ގެނާޗޯއަށްވަނީ ލަނދު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ވެސް ބޮޑަށް ފެނުނީ ބިލްބާއޯއިން ހަމަލާ އުފެއްދުމަށް މަސައްކަތްކުރި ތަނެވެ. ނަތީޖާއަކަށްވީ ޔުނައިޓެޑުން އެ ޓީމަށް ބަދަލުތަކެއް ގެނައުމެވެ. މިގޮތުން ގެނައި ބަދަލުތަށްވީ މެޗުގެ އޮއިވަރު ޔުނައިޓެޑާ އެއްކޮޅަށް އެނބުރުނު ބަދަލުތަކަށެވެ. މިގޮތުން އަމަޑް ޑިއާލޯއާއި މޭސަން މައުންޓްގެ ފަރާތުން ފެނުނީ ބިލްބާއޯގެ ޑިފެންސަށް ނުރައްކާ އިހުސާސްކުރެވިގެންދިޔަ ކުޅުމެކެވެ.

މެޗުގެ 72 ވަނަ މިނެޓުގައި މައުންޓް ވަނީ ޔުނައިޓެޑްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނދު ކާމިޔާބުކުރިތާ ހަތް މިނެޓްފަހުން ޔުނައިޓެޑުން ލީޑު ނަގާފައިވަނީ ކަސެމީރޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި ލަނޑާ އެކު ބިލްބާއޯގެ ހިތްވަރު އެލުނެވެ. ޔުނައިޓެޑުން ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗުގެ 85 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރަސްމުސް ހޮއިލުންޑެވެ. އަދި، ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓްގައި ބިލްބާއޯގެ ކީޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން މައުންޓެވެ.

މުބާރާތުގެ ފައިނަލްގައި ޔުނައިޓެޑް ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ އަމިއްލަ ލީގަށް ނިސްބަތްވާ ޓޮޓްނަމް ހޮޓްސްޕާއާއެވެ. އެހެންކަމުން މި މަހުގެ 21 ވަނަ ދުވަހު ސްޕެއިންގެ ބިލްބާއޯގައި ކުޅޭ ފައިނަލް މެޗު ވާނީ އިންގްލަންޑަށް ނިސްބަތްވާ ދެޓީމުގެ ކުރިމަތިލުމަކަށެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ޔޫރަޕްގެ މުބާރާތްތަކުގެ ފައިނަލްގެ ތަޖުރިބާ ބޮޑުވުމުގެ ފައިދާ ޔުނައިޓެޑަށް ނެގުމުގެ ފުރުސަތު ބޮޑެވެ. ނަމަވެސް، މި ސީޒަންގައި ދެ ޓިމުގެ މެދުގައި މިހާތަނަށް ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށްފައިވަނީ ސްޕާސްއިންނެވެ. އަދި، ފައިނަލް މެޗު ކާމިޔާބުކުރާ ޓީމަކަށް އަންނަ ސީޒަންގެ ޗެމްޕިއަނަސް ލީގުގެ ޖާގައެއް ލިބޭނެތީ މި ކުރިމަތިލުން އިތުރަށް ފޯރިގަދަވާނެކަމަށްވަނީ ބެލެވިފައެވެ.

comment ކޮމެންޓް