ކޮންފަރެންސް ލީގުގެ ފައިނަލްގައި ޗެލްސީއާއި ބެޓިސްގެ ކުރިމަތިލުމެއް

ޔުއޭފާ ޔޫރޮޕާ ކޮންފަރެންސް ލީގުގެ ފައިނަލުން ޗެލްސީއާއި ރެއާލް ބެޓިސް ޖާގަ ހޯދައިފިއެވެ.

މި މުބާރާތުގެ ފައިނަލުން ޗެލްސި ޖާގަހޯދީ ސެމީ ފައިނަލްގައި ޔާގާޑެންއާ ބައްދަލުކޮށް 5-1ގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. ދެ ޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގު ޔާގަންގެ ދަނޑުގައި ކުޅެ 4 ލަނޑު އެއް ލަނޑުން ޗެލްސި މޮޅުވިއިރު ޗެލްސީގެ ދަނޑުގައި ރޭ ކުޅުނު ދެވަނަ ލެގު އެއް ލަނޑު ސުން ލަނޑުން ކާމިޔާބުކޮށްފައިވަނީ ވެސް ޗެލްސީންނެވެ. ޗެލްސީގެ ޓީމަށް ގިނަ ބަދަލުތަކެއް ގެނެސްގެން ކުޅުނު ދެވަނަ ލެގުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ވެސް އެ ޓީމުންނެވެ.

ޗެލްސީން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 38 ވަނަ މިނެޓުގައި ކާމިޔާބުކޮށްދީފައިވަނީ ކިއެރެން ޑޫސްބަރީ ހޯލްއެވެ. އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ޗެލްސީންވަނީ އެ ޓީމުގެ ޒުވާން ގިނަ ކުޅުންތެރިންތަކަކަށް މިމެޗުގައި ކުލުމުގެ ފުރުސަތު ދީފައެވެ. މިގޮތުން އުމުރުން 16 އަހަރުގެ ރެޖީ ވޯލްޝް ޗެލްސީއަށް ފުރަތަމަ މެޗު ފުރަތަމަ 11 ގައި ހިމެނިގެން ކުޅުމުގެ ފުރުސަތު ލިބުނުއިރު ދެވަނަ ހާފުގައި އުމުރުން 17 އަހަރުގެ ދެ ކުޅުންތެރިން ކަމަށްވާ ޝިމް އެމްހެއުކާއާއި ޖެނެސިސް އެންޓްވީވަނީ ކުޅެން އަރުވާފައެވެ.

މި ކާމިޔާބީއާ އެކު މި މަހުގެ 28 ވަނަ ދުވަހު ޕޯލަންޑްގެ ވޯސޯގައި ކުޅެން ހަމަޖެހފައިވާ ފައިނަލްގެ ޖާގައެއް ޗެލްސީން ކަށަވަރުކޮށްފައިވާއިރު ފައިނަލުގައި އެ ޓީމުން ބައްދަލުކުރާނީ ބެޓިސްއާއެވެ.

މި މުބާރާތުގެ ފައިނަލްގެ ޖާގަ ބެޓިސްއިން ކަށަވަރުކޮށްފައިވަނީ ސެމީ ފައިނަލްގައި ފިއޮރެންޓިނާއާއި ބައްދަލުކޮށް 4 ލަނޑު 3 ލަނޑުގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. ދެ ޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގު 2 ލަނޑު އެއް ލަނޑުން ބެޓިސްއިން އަމިއްލަ ދަނޑުގައި ކާމިޔާބުކުރިއިރު ރެ ކުޅުނު ދެވަނަ ލެގުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2 ލަނޑު އެއް ލަނޑުން ފިއޮރެންޓީނާ ކާމިޔާބުކުރުމުން ނަތީޖާ ނެރެފައިވަނީ އިތުރު ވަގުތުގެ ދެ ހާފު ކުޅެގެންނެވެ. ފިއޮރެންޓިނާގެ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް މިމެޗުގެ ލީޑު ނަގާފައިވަނީ ބެޓިސް އިންނެވެ. މި ލަނޑު މެޗުގެ 30 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެންތަނީއެވެ. ނަމަވެސް، މި ލަނޑު ޖެހިތާ ހަތަރު މިނެޓް ފަހުން ފިއޮރެންޓީނާގެ ރޮބިން ގޮސެންސް ކާމިޔާބުކޮށްދިން ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަވިއެވެ. އ

މެޗުގެ 42 ވަނަ މިނެޓުގައި ގޮސެންސް ކާމިޔާބުކުރި ދެވަނަ ލަނޑާ އެކު ފިއޮރެންޓީނާއިން މިމެޗުގައި ދެ ލަނޑު އެއް ލަނޑުގެ ލީޑެއް ނެގުމުގެ އިތުރުން އެގްރިގޭޓް ނަތީޖާއިން އެއްވަރުކުރިއެވެ. މެޗުގެ ދެވަނަ ހާފުގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތް ނުވުމުގެ ނަތީޖާއަކަށްވީ އިތުރު ވަގުތުގެ ދެ ހާފު ކުޅެން ޖެހުމެވެ. އިތުރު ވަގުތުގައި ބެޓިސް ފައިނަލަށް ގެންގޮސްދިން ލަނޑު ކާމިޔާބު ކޮށްދިނީ މެޗުގެ 97 ވަނަ މިނެޓުގައި އަބްދޭ އެޒަލްޒޫލީއެވެ.

މި ކާމިޔާބީއާ އެކު ބެޓިސް މިވަނީ އެ ކްލަބްގެ 118 އަހަރުވީ ތާރީޚުގައި ފުރަތަމަ ފަހަރަށް ޔޫރަޕްގެ މުބާރާތެއްގެ ފައިނަލުން ޖާގަ ހޯދައިފައެވެ.

comment ކޮމެންޓް