ސަރުކާރުން މިއަދު އިފްތިތާހުކުރި، ސަރުކާރުގެ ހުރިހާ ޚިދުމަތެއް ޑިޖިޓަލްކޮށް، ރާއްޖެ ޑިޖިޓަލްކުރުމުގެ "މޯލްޑިވްސް 2.0" ގެ މަސައްކަތް ނިމުމުން ސަރުކާރު މުވައްޒަފުންގެ ތިންބައިކުޅަ އެއްބައި ވަޒީފާ އަދައިކުރާނީ އެ މުވައްޒަފަކު ހުރި ތަނެއްގައި ހުރެ، 'ވޯކް ފްރޮމް ހޯމް' އުސޫލުން ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ސަރުކާރުން މިރޭ ވަނީ ޑިޖިޓަލައިޒޭޝަން ޕްރޮގްރާމް "މޯލްޑިވްސް 2.0"އާ ގުޅޭގޮތުން ޚާއްސަ އެކްސްޕާޓުންނާއެކު ކުރިއަށް އޮތް ދެ ދުވަހަށް ބާއްވާ ސަމިޓު އިފްތިތާހުކޮށްފައެވެ.
އެކަމަށް މިރޭ އޮތް ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މިރޭ ސަރުކާރުން ފެށި ޑިޖިޓަލައިޒޭޝަން މަސައްކަތް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭ ނިންމައިލުމަކީ އަމާޒު ކަަމަށެވެ.
އޭރުން އެންމެ ބޮޑު އެއް ފައިދާއެއް ކުރާނީ ސަރުކާރުގެ އެކި ޚިދުމަތްތައް ދޭ އިދާރާތަކުގެ ހިންގުމަށް ކަމަށެވެ. އެގޮތުން ޑިޖިޓަލައިޒޭޝަންގެ އަމާޒަށް ވާސިލްވުމުން އޮފީހުގައި ތިބެގެން ޚިދުމަތް ދޭން ތިބެންޖެހޭ މުވައްޒަފުންގެ އަދަދު މަދުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު މޯލްޑިވްސް 2.0 ސަމިޓު ފެށުމުގެ ހަފްލާގައި -- ފޮޓޯ: ރައީސް އޮފީސް
އެއާއެކު އެ މަނިކުފާނު ވިދާޅުވީ އަމާޒަކީ ސިވިލް ސާވިސް މުވައްޒަފުންގެ ތިންބައިކުޅަ އެއްބައި މުވައްޒަފުން، 2028ވަނަ އަހަރުން ފެށިގެން، ގޭގައި ތިބެގެން މަސައްކަތްކުރާ ގޮތަށް ބަދަލުކުރުންކަމަށް ވިދާޅުވިއެވެ.
އަދި ވަކި އުސޫލެއްގެ ތެރެއިން، ހަފުތާއަކަށް ކަނޑައެޅޭ ވަކި ގަޑިއެއްގައި، ވަގުތު ހަމަކުރަން އޮފީހަށް އަންނަ ގޮތަށް އުސޫލުތައް ބަދަލުކުރުން ކަމަށް ވިދާޅުވިއެވެ.
ނަމަވެސް ޓީޗަރުންފަދަ، ކޮންމެހެން އަންނަން ޖެހޭ މުވައްޒަފުން އޮފީސްތަކަށް ހާޒިރުވެ މިހާރެކޭ އެއްގޮތަށް މަސައްކަތް ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއީ ސަރުކާރުގެ ޚަަރަދުތައް ކުޑަވާނެ ކަމެއް ކަމަށެވެ. އަދި މާލެ ފަދަ ތޮއްޖެހިފައިވާ ތަނެއްގައި، އެންމެން އެއް ވަގުތެއްގައި ވެހިކަލް ފަދަ ތަކެތި ބޭނުންކުރުމުން ކުރިމަތިވާނެ ތިމާވެށީގެ ގެއްލުންތައް ވެސް ކުޑަކުރެވޭނެ ކަމެއް ކަމަށެވެ.
ސަރުކާރަކީ ރާއްޖޭގައި ވަޒީފާ އުފައްދާ މައި ބާރެވެ. ޕްރައިވެކްޓް ސެކްޓަރުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދަށްވުރެ ސިވިލް ސާވިސް މުވައްޒަފުންގެ އަދަދު އެތައް ގުނައެއް ބޮޑެވެ.
ސިވިލް ސާވިސްގައި މިހާރު ވެސް 40،000 އެއްހައި މުވައްޒަފުން އަންނަނީ މަސައްކަތްކުރަމުންނެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު މޯލްޑިވްސް 2.0 ސަމިޓު ފައްޓަވައިދެއްވަނީ --- ފޮޓޯ: ރައީސް އޮފީސް
މި ވާހަކަފުޅުގެ އިތުރުން، ޑިޖިޓައިލައިޒޭޝަންގެ މި ބޮޑު މަސައްކަތާ ގުޅޭގޮތުން މިރޭގެ ހަފްލާގައި ރައީސް ވިދާޅުވީ، މިއީ 2040 ވަނަ އަހަރު އަންނައިރު ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ކުރާ މަސައްކަތުގެ ބައެއް ކަމަށެވެ.
އެ އަމާޒަށް ވާސިލްވުމަށް ވަށައިޖެހޭ ގޮތެއްގައި، މާނަހުރި ކަންކަން ކުރަން ޖެހޭ ކަމަށާއި، ތަރައްގީގެ މަގުގައި ބޭނުންވަނީ ހަމައެކަނި އުސް އިމާރާތްތަކެއް ނޫން ކަމަށް ވިދާޅުވިއެވެ.
އެއާ އެއްވަރަށް ހިންގުމުގެ ނިޒާމު ހަރުދަނާކޮށް، ދެ ފުށް ފެންނަ ނިޒާމެއް ގާއިމްކުރުމަކީ 'ވަކި އުސްމިން ކުޑަކަމެއްނޫން' ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރީގައި ކަމެއް ކުރަމުން ދިޔަ ގޮތް ދޫކޮށް އާ ކަމެއް ކުރުމަކީ އެ މީހަކު ކުށްވެރިވާން ޖެހޭ ކަމެއް ނޫން ކަމަށެވެ. ސަބަބަކީ ޒަމާނުއްސުރެ ކަމެއް ކުރާނަމަ އެ ކަމެއް ދޫކުރަން ބަޔަކަށް އުނދަގޫވެދާނެތީ ކަމަށެވެ.
ނަމަވެސް އެއީ މައްސަލައެއް ނޫން ކަމަށާއި، ހޭލުންތެރިކަން އިތުރުކުރެވި، ހެޔޮ ބަދަލު ބަލައިގަނެ މަސައްކަތްކުރާނަމަ ނަތީޖާ ރަނގަޅުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.