ހިޔާތަކުގައި ތިބި 72 ކުދިން އާއިލާތަކާ ހަވާލު ކޮށްފި

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު, ޑރ ޢާއިޝަތު ޝިހާމް-- ފޮޓޯ: މިނިސްޓްރީ

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 72 ކުދިންނަށް މިހާތަނަށް އާއިލީ ވެއްޓެއް ހޯދައިދީފައިވާ ކަމަށް, އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު, ޑރ ޢާއިޝަތު ޝިހާމް މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަ ކުރާ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން މިނިސްޓަރު ދެއްވި މެސެޖުގައި ވިދާޅުވީ މި އަހަރުގެ ކުޑަކުދިންގެ ދުވަހުގެ ޝިޢާރަކީ "އުފާވެރި ގުޅުން، އުފާވެރި ވަގުތު، އުފާވެރި ކުދިން" ކަމަށެވެ. މި ޝިޢާރުން ކުދިންނަށް އުފާވެރި ކުރިމަގެއް ހޯދައިދިނުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ދެކަމެއްގެ ވާހަކަ ބުނެދޭ ކަމަށާއި އޭގެ ތެރެއިން އެއް ކަމަކީ މައިންބަފައިން ކުދިންނާއެކު ހޭދަކުރާ އަގުހުރި ވަގުތުތަކުގެ ތެރެއިން ކުދިންނަށް ލިބޭ ލޯތްބާއި އަޅައިލުމާއި ސަމާލުކަމަކީ ކުދިންގެ ޝަޚުސިއްޔަތު ބިނާވުމުގައި އަސާސީ ދައުރެއް އަދާކުރާ ކަންކަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދެ ވަނަ ކަމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަ ކުރެއްވީ, ދަރިންނާއި މައިންބަފައިންގެ މެދުގައި އޮންނަ ގުޅުންތަކެވެ. މައިންބަފައިންނާ ދަރިންގެ މެދުގައި އޮންނަ ހަރުދަނާ ލޮބުވެތި ގުޅުމުގެ ސަބަބުން ކުދިންނަށް ލިބޭ އަޅައިލުމާއި، އެހީތެރިކަމާއި ހިތްވަރަކީ ކުދިންގެ އިޖުތިމާޢީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް މުހިންމު ކަންކަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ޝައްކެއްނެތް ގޮތުގައި ކުދިންގެ ހެދިބޮޑުވުމާއި، ކުދިންގެ ޝަޚުސިއްޔަތު ބިނާކުރުމާއި، އަޚުލާގީ މިންގަނޑުތަކާއި، އިޖުތިމާޢީ ހުނަރުތައް ދަސްކޮށްދިނުމަށް އެންމެ ރަނގަޅީ ޢާއިލާގެ ލޯތްބާއި އަޅައިލުން ލިބޭ، ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރެވިފައިވާ، ޢާއިލީ ވެއްޓެއް." މިނިސްޓަރު އައިޝަތު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކަން މިހެން އޮތް ނަމަވެސް، ތަފާތު އެކި ސަބަބުތަކާހުރެ ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ނަގަންޖެހޭ ޙާލަތްތައް ވެސް މެދުވެރިވާ ކަމަށެވެ. މަރުކަޒުގައި ކުދިން ބެލެހެއްޓުމަކީ ކުދިންގެ ހެދިބޮޑުވުމާއި، ކުދިންގެ ނަފްސާނީ އަދި އިޖުތިމާޢީ ދުޅަހެޔޮކަމަށް އެންމެ ފައިދާހުރި ގޮތް ނޫންކަން ދިރާސާތަކުގެ އަލީގައި ވެސް ފެންނަން އެބަ އޮތްކަން މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން، ކޮންމެ ކުއްޖަކީ ވެސް ޢާއިލީ ވެއްޓެއްގެ ޙިމާޔަތާއި ރައްކާތެރިކަން ލިބިގެން، ޢާއިލީ ގުޅުންތަކުގެ ތެރެއިން ބޮޑުވާ ކުދިންކަން ކަށަވަރުވެގެން ދިއުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރެއްކަން މިނިސްޓަރު ފާހަގަ ކުރެއްވެވިއެވެ.

"އެކަމަށްޓަކައި، އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި 'ކޮންމެ ކުއްޖަކަށް ޢާއިލާއެއް' ނަމުގައި ޚާއްޞަ ޕްރޮގްރާމެއް ފައްޓަވާފައިވޭ. މިއީ ޢާއިލާތަކުގެ ޙާލަތު ބަދަލުކޮށްގެން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނާއި އެ ކުދިންގެ އުފަން ޢާއިލާ ގުޅުވައިދިނުމާއި، ފޮސްޓަރިން ނިޒާމު ހަރުދަނާކޮށް، ވަގުތީގޮތުން ވެސް ކުދިން ފޮސްޓާކޮށް ޢާއިލާގައި ބެހެއްޓޭނެ ނިޒާމު ޤާއިމުކޮށް، ކުދިންނަށް ޢާއިލީ ވެއްޓެއް ހޯދައިދިނުމަށް ކުރެވެން ފެށި ވަރުގަދަ މަސައްކަތެކެއް. އަދި މި މަސައްކަތުގެ ތެރެއިން މިހާތަނަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 72 ކުދިންނަށް ވަނީ ޢާއިލީ ވެއްޓެއް ހޯދައިދެވިފައި." މިނިސްޓަރު ވިދާޅުވިއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންނަށް ޢާއިލާއެއް ހޯދައިދިނުމުގެ މަސައްކަތަށް ރައްޔިތުން ދެއްވާ ތަރުޙީބަކީ، ކުޑަކުދިންގެ ރައްކާތެރިކަމަށް މުޖުތަމަޢުން ކުރާ މަސައްކަތްތަކާއި، ކޮންމެ ކުއްޖަކީވެސް ރައްކާތެރި، ލޯބިވެތި މާޙައުލެއްގައި ހެދިބޮޑުވާނެ ކުދިންތަކެއްކަން ކަށަވަރުކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރެވޭކަމުގެ ރީތި މިސާލެއްކަން މިނިސްޓަރު ފާހަގަ ކުރެއްވެވިއެވެ.

comment ކޮމެންޓް