ސަންސިޔާމް ގުރޫޕުގެ އަހަރީ ދުވަހާ ގުޅުވައި ބާއްވާ ލޭ ހަދިޔާކުރުމުގެ ހަރަކާތް ފަށައިފި

ސަން ސިޔާމް ގުރޫޕުގެ އަހަރީ ދުވަހާ ގުޅުވައި ލޭ ހަދިޔާ ކުރުމުގެ ހަރަކާތް ފެށުމަށް ހެޑް އޮފީހުގެ ބައެއް މުވައްޒަފުން މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް) ގައި-- ފޮޓޯ: މާނިއު މުޙައްމަދު

ސަން ސިޔާމް ގުރޫޕުގެ އަހަރީ ދުވަހާ ގުޅުވައި ކޮންމެ އަހަރަކު ވެސް ބާއްވާ ލޭ ހަދިޔާކުރުމުގެ ހަރަކާތް މިއަދު ފަށައިފިއެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން ދުނިޔޭގެ ފެންވަރުގެ ޚިދުމަތްތަކެއް ދެމުން އަންނަ, ދިވެހި ބްރޭޑެއް ކަމަށްވާ, ސަން ސިޔާމް ގުރޫޕަށް މިދިޔަ ބުރާސްފަތި ދުވަހު ވަނީ 35 އަހަރު ފުރިފައެވެ. ސަން ޓްރެވަލްގެ ނަމުގައި ފެށި މި ވިޔަފާރި މިވީ 35 އަހަރު ތެރޭގައި މި ވަނީ ދުނިޔެ ބަލައިގަންނަ ހޮސްޕިޓާލިޓީ ބްރޭޑަކަށް ހަދައިފައެވެ.

ސަން ސިޔާމް ގުރޫޕުގެ އަހަރީ ދުވަހާ ގުޅުވައި, 2015 ވަނަ އަހަރުން ފެށިގެން އަންނަނީ ލޭ ހަދިޔާ ކުރުމުގެ ހަރަކާތްތަކެއް ހިންގަމުންނެވެ. ނަމަވެސް ކޮވިޑާ ގުޅިގެން މި ހަރަކާތް މެދުކަނޑާލިއެވެ. އޭގެފަހުން އަލުން ލޭހަދިޔާ ކުރުމުގެ ހަރަކާތް ފެށީ 2023 ވަނަ އަހަރެވެ.

ސަން ސިޔާމް ގުރޫޕުގެ އަހަރީ ދުވަހާ ގުޅުވައި ލޭ ހަދިޔާ ކުރުމުގެ ހަރަކާތް ފެށުމަށް ހެޑް އޮފީހުގެ ބައެއް މުވައްޒަފުން މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް) ގައި-- ފޮޓޯ: މާނިއު މުޙައްމަދު

މި އަހަރުގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ވެސް މި ހަރަކާތް ބާއްވަން ނިންމައި މިއަދު ވަނީ އެކަން ފަށައިފައެވެ. އެގޮތުން އެ ހަރަކާތް ފެށުމުގެ ގޮތުން މިއަދު ވަނީ ސަން ސިޔާމް ގުރޫޕުގެ ހެޑު އޮފީހުގެ ބައެއް މުވައްޒަފުން, މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް)އަށް ވަޑައިގެން އެތަނުން ފަރުވާ ހޯދާ ކުދިންގެ ހާލުއަހުވާލު ބައްލަވައި, އަހަރީ ދުވަހާ ގުޅިގެން ހަދިޔާ ވެސް ދީފައެވެ.

ލޭ ހަދިޔާ ކުރުމުގެ ހަރަކާތް އަންގާރަ ދުވަހު އޮޅުވެލީގައި ފަށާއިރު, މިމަހާއި އަންނަ ޖޫން މަހުގެ އެކި ދުވަސްތަކަށް ބަހާލައިގެން މިހަރަކާތް ސަން ސިޔާމް ރިސޯޓުސްއިން ހިންގާ އެކި ރިސޯޓްތަކުގައި ބޭއްވުމަށް ވަނީ ނިންމައިފައެވެ. އެގޮތުން, މި މަހު 29ގައި ސަންސިޔާމް އިރުވެލީގައި މި ހަރަކާތް ބާއްވާއިރު, ސަން ސިޔާމް އިރުފުށީގައި ލޭ ހަދިޔާ ކުރުމުގެ ހަރަކާތް އޮންނާނީ އަށެއް ޖޫންގައެވެ.

ސަން ސިޔާމް ވިލުރީފްގައި މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ, 19 ޖޫންގައެވެ. އަދި, ސިޔާމް ވޯލްޑުގައި ލޭ ހަދިޔާ ކުރާ ޕްރޮގްރާމް އޮންނާނީ 26 ޖޫންގައެވެ. ލޭ ހަދިޔާ ކުރުމުގެ އެންމެ ފަހު ހަރަކާތުގެ ގޮތުން, ހެޑް އޮފީހުގެ މުވައްޒަފުން ލޭ ހަދިޔާ ކުރަން ނިންމާފައި ވަނީ, 28 ޖޫންގައި ހުޅުމާލޭގައި ހުންނަ, އެމްބީއެސްގައެވެ.

މި ހަރަކާތާ ގުޅުވައި ސަން ސިޔާމް ގުރޫޕުގެ, ޗެއާމަން އަދި މެނޭޖިން ޑިރެކްޓާސް ބިއުރޯގެ އެސިސްޓެންޓު ޑިރެކްޓަރު ފާތިމަތު ރީނާ ވިދާޅުވީ, އިންސާނިއްޔަތަށް އެހީވުމަށްޓަކައި ލޭ ހަދިޔާ ކުރާ މި ހަރަކާތުގައި ކޮންމެ އަހަރަކު ވެސް 400 އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވާ ކަމަށެވެ. މި އަހަރު އެ އަދަދަށް ވުރެ ގިނަ މުވައްޒަފުން ބައިވެރިވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރީނާ ވިދާޅުވިއެވެ.

ލޭ ހަދިޔާކުރުމުގެ ހަރަކާތަށް ކޮންމެ އަހަރަކު ވެސް ސަން ސިޔާމް ރިސޯޓުތަކުން ވަރަށް ފުރިހަމައަށް ތައްޔާރުވާކަން ރީނާ ފާހަގަކުރެއްވިއެވެ.

"ކޮންމެ އަހަރަކު ވެސް އަޅުގަނޑުމެން ވަރަށް ލުކް ފޯވާޑް ކުރެވޭ ކަމެއް މިއީ ބްލަޑް ޑޮނޭޝަން ކޭމްޕަކީ. މެއި 13ގައި ފަށާއިރު, ޖޫން ފަހުކޮޅާ ހަމައަށް ކުރިއަށްދާނެ," ރީނާ ވިދާޅުވިއެވެ.

ސަން ސިޔާމް ގުރޫޕުގެ އަހަރީ ދުވަހާ ގުޅުވައި ލޭ ހަދިޔާ ކުރުމުގެ ހަރަކާތް ފެށުމަށް ހެޑް އޮފީހުގެ ބައެއް މުވައްޒަފުންނާއި މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް)ގެ ބައެއް މުވައްޒަފުން އެމްބީއެސްގައި-- ފޮޓޯ: މާނިއު މުޙައްމަދު

މި އަގު ހުރި ޚިދުމަތުގެ އަގު ތެލްސީމިއާ ސެންޓަރު ހިންގާ, އެމްބީއެސްއިން ވަރަށް ބޮޑަށް އަގު ވަޒަން ކުރެއެވެ. މި ހަރަކާތާ ގުޅުވައި އެމްބީއެސްގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އިބްރާހިމް އަޝްރަފް 'ސަން'އަށް ވިދާޅުވީ, އެހެން އަހަރުތަކެކޭ އެއްގޮތަށް ސަން ސިޔާމް ގުރޫޕުގެ ފަރާތުން ލޭ ހަދިޔާކުރުމުން މާލެ ސަރަހައްދުން ޚިދުމަތް ހޯދާ ތެލަސީމިއާ ކުދިންނަށް ލޭ ލިބުމުގައި ފަސޭހަވާ ކަމަށެވެ.

އެގޮތުން, މި ހަރަކާތުގެ ތެރެއިން ކޮންމެ އަހަރަކު ވެސް 400އަށްވުރެ ގިނަ ލޭ ޕޮއިންޓް ލިބޭކަން ފާހަގަކުރައްވައި, އަޝްރަފް ވަނީ އެހެން އަހަރުތަކަށް ވުރެ ކާމިޔާބުކޮށް, މި އަހަރުގެ ލޭ ހަދިޔާކުރުމުގެ ހަރަކާތް ކުރިއަށްދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

"ކޮންމެ އަހަރަކު ވެސް ސަންސިޔާމް ރިސޯޓްސްގެ ފަރާތުން އަމިއްލައަށް އިސްނަގައިގެން މިފަދަ ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމްތައް ހިންގަވާ ކަމަށްޓަކައި, މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ފަރާތުން ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އުންމީދު ކުރަނީ މިފަދަ ޕްރޮގްރާމްތައް މިއަށްވުރެ ފުޅާކޮށް, ކުރިއަށް އޮތް އަހަރުތަކުގައި ވެސް ކުރިއަށް ގެންދެވޭނެ ކަމަށް," އަޝްރަފް ވިދާޅުވިއެވެ.

ތެލެސީމިއާ ކުދިންގެ ގަޔަށް ވަކި ތާވަލަކުން އަބަދު އަޅަން ޖެހޭ ލޭ ހޯދުމަށް ދަތިވާ ފަހަރުތައް ވަރަށް ގިނައެވެ. ސަން ސިޔާމް ގުރޫޕުފަދަ ބޮޑު ކުންފުންޏެއްގެ އެތައް ސަތޭކަ މުވައްޒަފުންނެއް މިގޮތަށް ލޭ ހަދިޔާ ކުރުމަކީ އެފަދަ މީހުންނަށް ބޭނުންވާ ލޭ ފަސޭހައިން ލިބުމުގެ އިންތިޒާމު ހަމަޖެހިގެން ދާ ކަމެކެވެ.

ސަން ސިޔާމް ގުރޫޕުގެ ޗެއާމަން, އަޙްމަދު ސިޔާމް މުޙައްމަދަކީ މީހުންނަށް އެހީތެރިވުމުގައި ރީތި ނަމޫނާއެއް ދައްކަވައި އެކަމަށް ވަރަށް ހިތްވަރު ދެއްވާ ބޭފުޅެކެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މުޖުތަމައުއަށް ސީދާގޮތުންނާއި ނުސީދާ ގޮތުން ފައިދާ ވާނެ ގިނަ ކަންތައްތަކެއް އެ މަނިކުފާނުގެ ލީޑާޝިޕްގެ ދަށުން އަންނަނީ ކުރައްވަމުންނެވެ.

ލޭ ހަދިޔާ ކުރުމުގެ މުހިންމު ކަމާއި ބޭނުންތެރި ކަމަށް, ސަން ސިޔާމް ރިސޯޓްސްގެ މުވައްޒަފުން ހޭލުންތެރި ކޮށްފައިވާއިރު މިއީ އެ މުވައްޒަފުން ވަރަށް ކުރާ ގަޔާވެގެން ބައިވެރިވާ ހަރަކާތެކެވެ. އެގޮތުން މިއަހަރުގެ ވެސް ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމަށް ގިނަ މުވައްޒަފުންތަކެއް އިސްނަގައިގެން އަންނަނީ ނަން ނޯޓް ކުރަމުންނެވެ.

ސަން ސިޔާމް ގުރޫޕުގެ އެންމެ ފުރަތަމަ ކުންފުނި އުފެދުނުތާ 35 އަހަރުވީއިރު، މި ދަތުރު މިއަދު ބިނާވެފައި މި ވަނީ އެތައް ގޮންޖެހުމަކުން އަރައިގަނެ، ހޯދުނު ކާމިޔާބީގެ ވަރުގަދަ ތާރީޚެއްގެ މައްޗަށެވެ.

މިއަދު ސަން ސިޔާމް ގްރޫޕް އޮފް ކޮމްޕެނީޒްއަކީ ރާއްޖޭގައި ހޮސްޕިޓާލިޓީ ސިނާއަތުގެ އެންމެ ކާމިޔާބު އެއް ކުންފުންޏެވެ. ސަން ސިޔާމް ރިސޯޓްސްގެ ދަށުން މިއަދު އަންނަނީ ރާއްޖޭގައި މަތީ ފަންތީގެ އެންމެ ފުރިހަމަ ޚިދުމަތް ލިބޭ ފަސް ރިސޯޓު ހިންގަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ސިޔާމް ވޯލްޑާއި, އިރުފުއްޓާއި ވިލުރީފުގެ އިތުރުން އިރުވެއްޔާއި އޮޅުވެއްޔެވެ. މީގެ އިތުރުން ސްރީ ލަންކާގައި ވެސް ރިސޯޓެއް ހިންގައެވެ.

ސަން ޓްރެވަލް ކުންފުނީގެ ކާމިޔާބީ، ހާމަވަނީ ޚިދުމަތް ލިބިގަންނަ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ފަތުރުވެރިންގެ މެދުގައި ލިބިފައިވާ ބޮޑު މަގުބޫލު ކަމެވެ.

އެގޮތުން މި އަހަރަށް ބަލައިލި ނަމަވެސް ، ފަތުރުވެރިކަމާއި ދަތުރުފަތުރާ ގުޅުންހުރި އެންމެ ބޮޑު ޕްލެޓްފޯމް ކަމަށްވާ ޓްރިޕްއެޑްވައިޒާގެ، ދުނިޔޭގެ އެންމެ މޮޅު 10 ހޮޓެލްތަކުގެ ތެރޭ، ފަސް ތަރީގެ ލަގްޒަރީ ހޮޓެލް، ސިޔާމް ވޯލްޑް ވަނީ ހިމެނިފައެވެ.

ހަމައެއާއެކު ސިޔާމް ވޯލްޑް ވަނީ އޭޝިއާއިން ހަތަރު ވަނަ އަދި މުޅި ރާއްޖެއިން އެއްވަނަ ހޮޓެލްގެ ގޮތުގައި ފަތުރުވެރިން ހޮވައިފައެވެ.

މުސްތަގްބަލުގައި ސަން ސިޔާމް ގްރޫޕް އޮފް ކޮމްޕެނީޒްގެ އަމާޒަކީ، ބައިނަލްއަގްވާމީ މައިދާނުގައި ފާހަގަކޮށްލެވޭ ކުންފުންޏަކަށްވުމެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން ދުނިޔެއަށް އިޝްތިހާރުކޮށް، ކުރިއެރުވުމުގައި މުޅިން އައު، ޒަމާނީ ވަސީލަތްތަކާއި އައު އުފެއްދުންތެރި، އުކުޅުތައް ބޭނުންކުރުމެވެ.

comment ކޮމެންޓް