އިންޑިއާއާއި ޕާކިސްތާނުން ހަމަލާތައް ހުއްޓާލަން އެއްބަސްވެއްޖެ

ޕާކިސްތާނުން ކަޝްމީރުގައި ވެރިކަން ކުރާ ފަޅިއަށް އިންޑިއާއިން ދިން ހަމަލާއެއްގައި މިސްކިތަކަށް ގެއްލުންވެފައި -- ފޮޓޯ/ އޭއެފްޕީ

އިންޑިއާއާއި ޕާކިސްތާނުގެ ގުޅުން ފަހުގެ ތާރީޚެއްގައި ގޯސްނުވާ މިންވަރަކަށް ގޯސްނުވެ، ހަމަލާތައް ދުވަސްތަކަކަށް ފަހު، ދެ ގައުމުން ހަމަލާތައް ހުއްޓާލަން އެއްބަސްވެއްޖެކަން މިއަދު އިއުލާންކޮށްފިއެވެ.

އިންޑިއާއާއި ޕާކިސްތާނުން ވަރުގަދަ ހަމަލާތަކެއް ބަދަލުކުރަން ފެށީ، ކަޝްމީރުގައި އިންޑިއާއިން ވެރިކަން ކުރާ ފަޅިއަށް މިދިޔަ މަހުގެ 22ގައި ދިން ހަމަލާއަކާ ގުޅިގެންނެވެ. އެ ހަމަލާގައި 26 މީހަކު މަރުވިއިރު އޭގެ ތެރޭގައި އިންޑިއާގެ 25 މީހަކާއި ނޭޕާލުގެ ފަތުރުވެރިޔަކު ހިމެނުނެވެ.

އިންޑިއާއިން ތުހުމަތު ކުރި ގޮތުގައި އެ ހަމަލާ ދިނީ ޕާކިސްތާނުން އަޑީގައި އޮވެގެންނެވެ. އެ ހަމަލާއަށް ރައްދު ދިނުމަށް ކަމަށް ބުނެ އިންޑިއާއިން 'އޮޕަރެޝަން ސިންދޫރު'ގެ ނަމުގައި މިދިޔަ ބުދަ ދުވަހު އަސްކަރީ ހަރަކާތެއް ފެށިއެވެ.

އިންޑިއާއިން ބުނާ ގޮތުގައި ހަމަލާތައް އަމާޒުކުރަނީ، ޕާކިސްތާނާއި އެ ގައުމުން ކަޝްމީރުގައި ވެރިކަން ކުރާ ފަޅީގައި، ހަނގުރާމަވެރިން ހަރަކާތްތެރިވާ ސަރަހައްދުތަކަށެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ: ދެ ގައުމުން ހަމަލާ ހުއްޓާލަން އެއްބަސްވެފައިވާ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ/ ރޮއިޓާސް

އެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދާ ގުޅޭ ގޮތުން ދެ ގައުމުން ހާމަކުރަނީ ތަފާތު އަދަދުތަކެވެ.

އެ ހަމަލާތަައް ހުއްޓާލުމާ ގުޅޭ ގޮތުން އެމެރިކާ މެދުވެރިގެން ޕާކިސްތާނާއި އިންޑިއާއާ ދެމެދު ރޭ ވަނީ މަޝްވަރާތައް ފަށައިފައެވެ. މިއަދު ރައީސް ޑޮނަލްޑް ޓްރަމްޕް އެކްސްގައި ވިދާޅުވި ގޮތުގައި ދެ ގައުމުން ވަނީ ވަގުތުން ހަމަލާތައް ހުއްޓާލަން އެއްބަސްވެފައެވެ.

އޭގެ ފަހުން އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް ވަނީ ދެ ގައުމުން، މިއަދު އެ ގައުމުގެ ގަޑިން 17:00އިން ފެށިގެން ހަމަލާތައް ހުއްޓާލަން އެއްބަސްވެފައިވާ ކަމަށް ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ، ޕާކިސްތާނުގެ ޑިރެކްޓާ ޖެނެރަލް އޮފް މިލިޓަރީ އޮޕަރޭޝަންސް (ޑީޖީއެމްއޯ) މިއަދު އިންޑިއާގެ ޑީޖީއެމްއޯއަށް ގުޅުއްވި ކަމަށެވެ. އެ ފޯންކޯލުގައި ދެ ބޭފުޅުން ވަނީ އަސްކަރީ ހަމަލާތައް ހުއްޓާލަން އެއްބަސްވެފައި ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އަންނަ ހޯމަ ދުވަހު ވެސް ދެ ބޭފުޅުން އިތުރަށް މަޝްވަރާކުރައްވަން ނިންމަވައިފައިވާ ކަމަށް މިސްރީ ވިދާޅުވިއެވެ.

އިންޑިއާއާއި ޕާކިސްތާނާ ދެމެދު ޒަމާންވީ ރުޅިވެރިކަމެއް އޮންނައިރު، ދެ ގައުމުގެ ބޯޑަރު ކައިރީގައި ދޭތެރެއަކުން ހަމަލާތައް ބަދަލުކުރެއެވެ. ދެ ގައުމުން ވެސް ކަޝްމީރަށް އެއްކޮށް ވަކާލާތު ކުރާއިރު، އެ ސަރަހައްދުގައި ވެސް ބައެއް ފަހަރު ދެ ގައުމުގެ ތަޅާފޮޅުންތައް ހިނގައެވެ.

comment ކޮމެންޓް