އޭޕްރިލް މަހުގެ ކަރަންޓު ބިލު ކުޑަވީ، ހޫނު މަހަކަށް ވުމުން ޑިސްކައުންޓު ދިނުމުން: ސްޓެލްކޯ

ކަރަންޓު ބިލާއި ފެން ބިލުތަކެއް: އޭޕްރިލް މަހުގެ ކަރަންޓު ބިލު ކުޑަވީ، ހޫނު މަހަކަށް ވުމުން ޑިސްކައުންޓު ދީފައިވާތީ ކަމަށް ސްޓެލްކޯއިން ބުނޭ --- ސަން ފޮޓޯ

މި އަހަރުގެ ރޯދަމަސް ކަމަށްވާ، މާރިޗު މަހުގެ ކަރަންޓު ބިލުން ޑިސްކައުންޓު ދީފައި ވަނިކޮށް، ޖެހިގެން އައި މަހުގެ ކަރަންޓު ބިލު ވެސް އެ ބިލާ އެއްވަަރުވޭ، އޭޕްރިލް މަހަށް ވެސް ޑިސްކައުންޓު ދިނުމުން ކަމަށް ސްޓެލްކޯއިން މިއަދު ބުނެފިއެވެ.

މާރިޗް މަހާއި އޭޕްރިލް މަހުގެ ކަރަންޓު ބިލަށް އެއްވަރަކަށް ފައިސާ ދައްކަން ޖެހުމުން، ބައެއް މީހުން ވަނީ ދެ ބިލަށް ވީގޮތާ ގުޅޭ ގޮތުން ސުވާލު އުފައްދައިފައެވެ.

އެ ސުވާލުތަކާ ގުޅިގެން ސްޓެލްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މާރިޗު މަހުގެ ކަރަންޓު ބިލަށް ޑިސްކައުންޓު ދީފައިވާ ފަދައިން އެޕްރީލް މަހުގެ ކަރަންޓު ބިލަށް ވެސް ޑިސްކައުންޓު ދީފައިވާ ކަމަށެވެ. އެގޮތުން މާރިޗު މަހުގެ ދުވަސްތައް ނިމުމަށްފަހު، އޭޕްރީލް މަހުގެ ބިލްތަކުން ވެސް ޑިސްކައުންޓެއް ދީފައިވަނީ، އޭޕްރީލް މަހަކީ ހޫނު ގަދަވުމުގެ ސަބަބުން އާންމުކޮށް ކަރަންޓު ބިލުތައް ވަރަށް ބޮޑުވާ މަހަކަށްވާތީ، ރައްޔިތުންނަށް އިތުރު ލުޔެއް ދިނުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

"ވުމާއެކު، އޭޕްރީލްމަހުގެ ކަރަންޓުބިލު މިކުންފުނީގެ ކަސްޓަމަރުންނަށް ފޯރުކޮށްދިންއިރު، އެ ބިލުގައިވާ "ކަރަންޓު ބޭނުންކުރެވުނު ވަރު" އޭގެ ކުރީ މަހާ ތަފާތުވި ނަމަވެސް، ބައެއް ބިލްތަކުގައި ބިލް އަމައުންޓު (ފައިސާގެ އަދަދު) މާރިޗު މަހުގެ (ރަމަޟާން މަހު) ބިލާއި ސީދާ އެއް އަދަދެއްގެ ގޮތުގައި އޮތީ މިދެންނެވި ލުއި ދިނުމުން ކަމުގައި ދެންނެވީމެވެ،" އެ ބަޔާނުގައިވެއެވެ.

މީގެ ކުރިން "ސަން"އަށް އެނގިފައިވާ ގޮތުގައި، ގިނަ ގެތަކަކަށް ރޯދަ މަހުގެ ކަރަންޓް ބިލާއި ސީދާ އެއްވަރުގެ ކަރަންޓް ބިލެއް ލިބިފައި ވަނީ ބިލުކުރުމުގައި މި ފަހަރު ގެނައި ބަދަލަކުންނެވެ. އެގޮތުން، މި ފަހަރު ގިނަ ގެތަކަށް ބިލުކުރިއިރު ބިލުކޮށްފައިވަނީ ރޯދަ މަހުގެ ބިލަށް ވުރެ ބިލު ބޮޑު ނުވާވަރަށެވެ. އެއަށް ވުރެ ބިލު ބޮޑުވާނަމަ ރޯދަ މަހުގެ ޑިސްކައުންޓް ބިލާ އެއްވަރުގެ ބިލެއް ފޮނުވީއެވެ.

https://sun.mv/205725

އެނގިފައިވާ ގޮތުގައި ސްޓެލްކޯއިން މިގޮތަށް ބިލުކޮށްފައި މިވަނީ ކަރަންޓް ބިލުތައް ބޮޑު ނުކުރުމަށް ސަރުކާރުން ބޭނުންވާތީ, އެ ގޮތަށް އަންގައިގެންނެވެ.

މި އަހަރުގެ ރަމަޟާން މަހުގެ ފެން ބިލާއި ކަރަންޓު ބިލުން މުޅި ޖުމްލަ 160 މިލިއަން ރުފިޔާ ޑިސްކައުންޓު ރައްޔިތުންނަށް ވަނީ ދީފައެވެ. މި އަހަރުގެ ރަމަޟާންމަހު ކަރަންޓާއި ފެންބިލުން 10 ޕަސެންޓު ޑިސްކައުންޓެއް ވަނީ ދީފައެވެ.

ކަރަންޓް ބިލުތައް މިހާރު ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑުވާ ކަމަށާއި މިކަމުގެ ފަހަތުގައި އޮޅުވާލުންތަކެއް އުޅޭ ކަމަށް ގިނަ ބަޔަކު ތުހުމަތުކުރެއެވެ. ނަމަވެސް، ސްޓެލްކޯއިން ބުނަނީ ބިލުކުރަނީ ރަނގަޅަށް ކަމަށާއި އެކަމުގައި ގޯހެއް ނުހަދާ ކަމަށެވެ. އަދި، ބިލުތައް މިހާރު ބޮޑު ވަނީ ހޫނުގަދަވުމުން ކަރަންޓް ބޭނުން ކުރާ މިންވަރު އިތުރުވުމުން ކަމަށް ސްޓެލްކޯއިން ބުންޏެވެ.

comment ކޮމެންޓް