ޓްރެވެލް އެންޑް ލެޝާ ޗައިނާ ޓްރެވެލް އެވޯޑްސްގެ ރީޑާސް ފޭވަރިޓް އޯވާސީސް ހޮޓަލަކަށް ސަން ސިޔާމް އިރުފުށި ހޮވައިފިއެވެ.
ޓްރެވެލް އެންޑް ލެޝާ ޗައިނާއިން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ދޭ ޓްރެވެލް އެވޯޑްސްއަކީ އެ ގައުމުގެ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ މަންޒިލްތަކާއި ހޮޓެލްތަކަށް ދޭ އެވޯޑެކެވެ.
އެ އެވޯޑުތައް ލިބޭނެ ފަރާތްތައް ކަނޑައަޅަނީ ފަތުރުވެރިންގެ ވޯޓާއި، ކަމާ ގުޅުންހުރި މާހިރުންގެ ދިރާސާތަކާއި، އެކި ގޮތްގޮތަށް ކުރިއަށްގެންދާ އެސެސްމެންޓުތަކަށް ފަހުގައެވެ.
އެ އެވޯޑުތައް ދެނީ ތަފާތު ތަޖުރިބާތަކާއި ގިނަ ބަޔަކު ހިތްހަމަޖެހޭ ފަދަ ޚިދުމަތްތައް ފޯރުކޮށްދިނުމާއެކު، މުޅި ސިނާއަތުގައި ވެސް އެންމެ ފާހަގަކޮށްލެވޭ ހޮޓެލްތަކާއި މަންޒިލްތަކަށެވެ.
އެފަދަ އެވޯޑެއް އިރުފުށްޓަށް ލިބުމުން، އިރުފުށީގެ ރީތިކަމާއި، ރިސޯޓުން ދައްކުވައިދޭ ސަގަފަތާއި ތަރިކައާއި، އިރުފުށިން ބަހައްޓާ މެހެމާންދަރީގެ ފުރިހަމަކަން ފާހަގަވެއެވެ.

ސަން ސިޔާމް އިރުފުށި: މި ރިޒޯޓުން ލިބޭ ތަޖުރިބާތަކުގެ ތެރޭގައި ގޮނޑުދޮށުގައި، ކެއުމަކަށް އިންސާފު ކުރުން ހިމެނޭ -- ފޮޓޯ/ ސަން ސިޔާމް އިރުފުށި
އިރުފުށީގެ ރިސޯޓް މެނޭޖަރު އަބްދުﷲ އަތަމް ވިދާޅުވީ، ޗައިނާއަކީ ރާއްޖެއަށް އެންމެ މުހިންމު އެއް މާކެޓު ކަމަށްވާއިރު، އެ އެވޯޑް ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
އެހެންވެ، ޗައިނާގެ ފަތުރުވެރިންނަށް ޚާއްސަ ތަޖުރިބާތަކެއް ފޯރުކޮށްދިނުމުގައި އިރުފުށި ދެމިއޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އެކި ބަސްބަހުން ވާހަކަދައްކާ ފަތުރުވެރިންނަށް އިރުފުށިން ފޯރުކޮށްދޭ އެހީއާއި، ރިސޯޓުން ލިބެން ހުންނަ ތަފާތު ކެއުންބުއިމުން، ޗައިނާގެ ސަގާފަތަށް އޮންނަ އިޙްތިރާމު ދައްކުވައިދޭ ކަމަށާއި، މުސްތަގުބަލުގައި ވެސް އެ ރިސޯޓުން ފަތުރުވެރިންގެ ތަޖުރިބާތައް އިތުރަށް ފުރިހަމަ ކުރުމަށް މަސައްކަތް ކުރާނެ ކަމަށް އަތަމް ވިދާޅުވިއެވެ.
ނ. އަތޮޅުގައި އޮންނަ ސަން ސިޔާމް އިރުފުށްޓަކީ ފަސް ތަރީގެ ރިސޯޓެކެވެ. އެ ރިސޯޓުގައި އޯވަވޯޓާ އަދި ބީޗް ވިލާތަކާއި، ވީއައިޕީ ރިޓްރީޓްތައް ހިމެނެއެވެ.

ސަން ސިޔާމް އިރުފުށި: މި ރިޒޯޓުގައި ބީޗް ވިލާތަކާއި ވޯޓާ ވިލާތަކާއި ރިޓްރީޓްތަކުގައި ތިބެވޭނެ -- ފޮޓޯ/ ސަން ސިޔާމް އިރުފުށި
އިރުފުށިން ފާހަގަކޮށްލެވޭ ތަޖުރިބާތަކުގެ ތެރޭގައި، ކައިރީގައި އޮންނަ ތަނބުރުދޫއަށް ގޮސް، ސްނޯކްލިންއާއި މެންދުރުގެ ކެއުން ވެސް އެ ރަށުން ލިބޭނެ ގޮތަށް އިންތިޒާމުކުރާ ދަތުރެއް ހިމެނެއެވެ.
މީގެ ކުރިން ވެސް މި ރިސޯޓަށް އެކި ގައުމުތަކުންނާއި ދުނިޔޭގެ ފެންވަރުގެ އެވޯޑްތައް ވެސް ލިބިފައިވެއެވެ. އޭގެ ތެރޭގައި ވޯލްޑް ލަގްޒަރީ ހޮޓެލް އެވޯޑްސްގެ ލަގްޒަރީ ބީޗް ރިސޯޓް ގްލޯބަލް އެވޯޑާއި ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސް (ސަޓާ)އިން އެކި އަހަރުތަކުގައި ލިބުނު އެވޯޑްތައް ހިމެނެއެވެ.
ސަން ސިޔާމް ގްރޫޕް އޮފް ކޮމްޕެނީސްގެ ޗެއާމަން އަދި މެނޭޖިންގް ޑިރެކްޓަރު، އަދި މީދޫ ދާއިރާގެ މެންބަރު އަޙުމަދު ސިޔާމް މުޙައްމަދުގެ ސަން ސިޔާމް ރިސޯޓްސްގެ ދަށުން, ރާއްޖޭގައި އަންނަނީ ވަރަށް ފެންވަރު ރަނގަޅު ފަސް ރިސޯޓް ހިންގަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ސިޔާމް ވޯލްޑާއި, އިރުފުއްޓާއި ވިލުރީފުގެ އިތުރުން އިރުވެއްޔާއި އޮޅުވެއްޔެވެ. މީގެ އިތުރުން ސްރީ ލަންކާގައި ވެސް ރިސޯޓެއް ހިންގައެވެ.
ސަން ސިޔާމް ގުރޫޕަށް 35 އަހަރު ފުރުން މިހާރު ފާހަގަކުރަމުން އަންނައިރު، މި ގުރޫޕުގެ އިތުރު ރިސޯޓުތަކަށް ވެސް ފާހަގަކޮށްލޭވެ އެވޯޑުތަކާއި ޝަރަަފުތައް ލިބިފައިވެއެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމާއި ދަތުރުފަތުރާ ގުޅުންހުރި އެންމެ ބޮޑު ޕްލެޓްފޯމް ކަމަށްވާ ޓްރިޕްއެޑްވައިޒާގެ، ދުނިޔޭގެ އެންމެ މޮޅު 10 ހޮޓެލްތަކުގެ ތެރޭ، ފަސް ތަރީގެ ލަގްޒަރީ ހޮޓެލް، ސިޔާމް ވޯލްޑް މި އަހަރު ވަނީ ހިމެނިފައެވެ.
ހަމައެއާއެކު ސިޔާމް ވޯލްޑް ވަނީ އޭޝިއާއިން ހަތަރު ވަނަ އަދި މުޅި ރާއްޖެއިން އެއްވަނަ ހޮޓެލްގެ ގޮތުގައި ފަތުރުވެރިން ހޮވައިފައެވެ.