އިސްމާއީލް ވަޖީހު ބޯބާލައިފި، ސަބަބު ވަރަށް ވެސް ރަނގަޅު

ވަޖީހު ބޯ ބާލާފައި: އޭނާ ބައިވެރިވެފައި ވަނީ ހެއާ ފޮ ހޯޕް" ކިޔާ ކެމްޕެއިނެއްގައި --

ދިވެހި ފިލްމު އިންޑަސްޓްރީގައި 90ގެ ފަހުކޮޅާއި 2000ގެ ކުރީކޮޅު ބޮޑު މަގުބޫލުކަމެއް ހޯދައިފައިވާ އެކްޓަރު އިސްމާއީލު ވަޖީހު، ދުވަސްތަކަކަށްފަހު ބޯ ބާލައިފިއެވެ.

ފިލްމު އިންޑަސްޓްރީން ބޮޑު ބްރޭކެއް ނެގުމަށްފަހު އާންމުންނަށް ވަޖީހު އަލުން ފެނިފައިވަނީ 2019 ވަނަ އަހަރު ޑާކްރެއިންއިން ނެރުނު "ނޮވެމްބަރ" އިންނެވެ. ނޮވެމްބަރުގައި ފެނުނުއިރު ވެސް ވަޖީހު ހުރީ ބޯ ދިގުކޮށެވެ. އެއަށްފަހު އޭނާ އާންމުންނަށް ފެނިފައިވަނީ އެގޮތަށެވެ.

ނަމަވެސް ދާދިފަހުން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ވަނީ އޭނާ ބޯ ބާލާފައިވާ މަންޒަރު ދައްކާލައިފައެވެ. އޭނާ ބުނެފައިވަނީ ބޯ ބާލާފައިވަނީ "ހެއާ ފޮ ހޯޕް" ކިޔާ ކެމްޕެއިނަކަށް ކަމަށެވެ. މި ކެމްޕެއިނަކީ ސިންގަޕޫރުގެ ޗިލްޑްރަންސް ކެންސާ ފައުންޑޭޝަން (ސީސީއެފް)އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ ބޯ ބޭލުމުގެ ކެމްޕެއިނެކެވެ.

ވަޖީހު ބޯ ބޭލުމަށްފަހު: އޭނާ ބުނި ގޮތުގައި ކެމްޕެއިންގެ މަގުސަދަކީ ކުޑަކުދިންނަށް ޖެހޭ ކެންސަރާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމާއި އެ ކުދިންނަށް އެހީވުމަށް ފައިސާ އެއްކުރުން --

ވަޖީހު ބުނެފައިވާ ގޮތުގައި އެ ކެމްޕެއިންގެ މަގުސަދަކީ ކުޑަކުދިންނަށް ޖެހޭ ކެންސަރާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކޮށް ބަލި ޖެހިފައިވާ ކުދިންނަށް އެހީވާން ފައިސާ އެއްކުރުމެވެ.

އޭނާ ބުނެފައިވަނީ ބޯ ބޭލުމަކީ އެއް އިރެއްގައި ވެސް ކުރާނެ ކަމަށް ހީކުރި ކަމެއް ނޫން ކަމަށެވެ. ނަމަވެސް ބައެއް ކަހަލަ ބަދަލުތަކަކީ ވަރަށް މުހިންމު ބަދަލުތަކެއް ކަމަށާއި ރަނގަޅު ބަދަލުތަކެއް ކަމުގައި ވެސް އޭނާ ފާހަގަކޮށްފައިވެއެވެ.

މި ކެމްޕެއިނުގައި ބައިވެރިވުމަށް ޚިޔާލު ދީފައިވަނީ ވަޖީހުގެ ޅިޔަނު ކަމަށްވެސް އޭނާ ބުންޏެވެ.

"ދެން ހިތަށް އެރީ މިއީ ކުރަން ރަނގަޅު ކަމެކޭ. މިކަން ކޮށްލާނީއޭ. މިއީ ސިންގަޕޫރުގައި ހިންގާ މިކަހަލަ ހަމައެކަނި ކެމްޕެއިން،" ވަޖީހު ފާހަގަކުރިއެވެ.

އެ ކެމްޕެއިން އިންތިޒާމުކުރުމުގައި، ސިންގަޕޫރުގެ ފިޓްނެސް ގުރޫޕެއް ކަމަށްވާ 'ތާރުމާރު.ރަނާސް'އިން ވެސް ބައިވެރިވާކަން ފާހަގަކޮށް އޭނާ ބުނީ، ބޯބޭލުމަށް ފަހު ކެމްޕެއިނުގައި ބައިވެރިވި އެންމެން ދުވަން ދިޔަ ކަމަށެވެ. އެގޮތުން ބައެެއް މީހުން ތިން ކިލޯމީޓަރަށް އަދި އެހެން މީހުން ފަސް ކިލޯމީޓަރަށް ދުވި ކަމަށް އޭނާ ބުންޏެވެ.

ވަޖީހު ހިތްވަރު ދެނީ ކަސްރަތު ކުރާ އެހެން މީހުންވެސް ހަރަކާތްތެރިވެ އުޅުމުގެ އިތުރުން މިފަދަ ކެމްޕެއިންތަކުގައި ބައިވެރިވުމަށެވެ. އަދި މިފަދަ ކެމްޕެއިންތަކުން އެކި ފަރާތްތަކަށް އެހީތެރިވުމަށް ވެސް ވަޖީހު ބާރުއަޅައެވެ.

comment ކޮމެންޓް