އޭރު އޭނާގެ ކަންފަތުގައި ގުގުމަމުން ދިޔައީ ރިސާމާ އޭނާގެ ގާތުގައި ދެންމެ ބުނެލި ޖުމްލަ ތަކެވެ.

"މައުވާ ހީނުކުރައްޗޭ އަފްނާންގެ މަންމައަށް ވީތީ މައުވާގެ އިޙްސާސްތަކަށް ޤަދަދުނުކުރަނީ އޭ. އަންހެނަކަށް ނޫނީ އެހެން އަންހެނެއްގެ އިޙްސާސްއެއް އިޙްސާސްއެއްނުވާނެ. މަައުވާ ދައްކާ ކޮންމެ ވާހަކައެއް ވެސް ޤަބޫލުކުރާނަން. އަދި އިތުބާރުވެސް ކުރާނަން."

ރިސާމާގެ އެ ޖުމްލަތައް ދޭހަކޮށްދެނީ އޭނާ އަފްނާންކު ކުރި ކުށް ޤަބޫލުކުރާކަމެވެ. ވިސްނަމުން ދިޔަ މައުވާގެ ސިކުނޑި ގޮވަން ފެށީ އަފްނާންއަށް މާފުކުރުމަށެވެ. ރިސާމާއާ ބައްދަލުވެ ދެކެވުނު ވާހަކަތަކެއްގައި ސަބަބުން އޭނާގެ ހިތުގައިވާ އަފްނާންގެ ލޯބި އުތުރި އަރަަން ފެށިއިރު، ހިތުގައި ބިރުވެރިކަން އުފެދުނެވެ. އަފްނާން އޭނާއާ ދިމާލަށް ބުނެފައިވާ ޖުމްލަތައް ހަނދާނަށް އަންނަމުންދިޔަ ވަރަކަށް އޭނާގެ ހިތުގައި ބޭޤަރާރުކަމެއް އުފެދެމުން ދިޔައެވެ. ގެއާ ހިސާބަށް ދެވެންދެންވެސް އޭނާއަށް އިނދެވުނީ އެ ވިސްނުންތަކުގައެވެ. ސިހުން ލިބުނީ ޖާވިދު ގޮވައިލުމުންނެވެ.

އޭނާ މަޑުމަޑުން ކާރުން ފަައިބާ ޖާވިދާއެކު ގެއަށް ވަނުމަށް ހިނގަައިގަތެވެ.

*****

ރިސާމާ ގޮވައިގެން އަޒްލަފް ތިރިއަށް ދާންވެގެން ކޮޓަރިން ނުކުތް ވަގުތު ރިސާމާ ވާހަކަ ނުދެއްކި ނަމަވެސް އޭނާގެ ހިތާ ސިކުނޑި ދިޔައީ އަމިއްލަ ނަފްސާ ވާހަކަ ދައްކަމުންނެވެ. އޭނާއަށް މަައުވާ ކަމު ދިޔައެވެ. މައުވާގެ މަޑުމަައިތިރިކަން ހަމަ ގަައިމުވެސް އޭނާގެ ހިތުން ޖާގައެއް ކަށަވަރުކުރިއެވެ. އޭނާގެ ވާހަކަތައް އަޑު އަހާފައި މަައުވާ މާގިނަ ވާހަކަތަކެއް ނުދެއްކި ނަމަވެސް، މަައުވާ އަފްނާންއަށް ގުޅާފާނެ ކަމުގައި އުންމީދުކުރެވުނީ، ސަބަބުތަކެއް ނެތިއެއް ނޫނެވެ. އަފްނާންގެ ވާހަކަ އޭނާ މައުވާގެ ގާތުގައި ދެއްކިއިރު، އެ މޫނުމަތިން ނަފްރަތުގެ ޒައްރެއްގެ މިންވަރު ވެސް ނުފެނުނެވެ. އަފްނާން ކަންތައް ކުުރި ގޮތުން ހިތް ހަލާކުވެ މާޔޫސްކަން ނޫނީ އެ މޫނުމަތީގައި ނުވެއެވެ. އެ ލޮލުން ފޭދުނު ކަރުނަތައް ބުނެދެމުން ދިޔައީ ޚުދު އޭނާގެ ހިތުގައި ވެސް އަފްނާންއާ މެދު ކޮންމެވެސް ޖަޒުބާތުތަކެއް ވާކަމެވެ.

ރިސާމާ ގޮވައިގެން ހޮސްޕިޓަލުން ނުކުމެގެން ކާރާ ހިސާބަށް ވެސް އަޒްލަފް ދިޔައެވެ. ރިސާމާ ފެނުމާއެކު ޑްރައިވަރު ވެސް ނުކުމެލި ނަމަވެސް އަޒްލަފް އޭނާއަށް މަޑުކޮށްލުމަށް އިޝާރާތްކޮށްލާފައި ރިސާމާއަށް ކާރުގެ ދޮރުފަތް ހުޅުވައިލަ ދިނީ އަމިއްލައަށެވެ. ރިސާމާ ކާރަށް އަރަމުން އަޒްލަފްގެ ކައިރީގައި ދެން ދާށޭ ބުނެލިއެވެ. ކާރު ސްޓާރޓްކޮށްލުމުން އޭނާ ވެސް ހިޔާގަނޑާ ދިމާލަށް ހިނގަައިގަތީ އިރުގެ އަލި ސީދާ މޫނަށް ހުރުމުންނެވެ.

ރިސާމާ ދިޔުމުން އަޒްލަފް ހޮސްޕިޓަލަށް ވަންނަން ހިނގައިގަތް ތަނާ އޭނާގެ ލޮލުގައި ތަންކޮޅެއް ދުރުގައި މީހަކާ ވާހަކަ ދައްކަން ހުރި ލުޔޫނާ އަޅައިގަތެވެ. ލުޔޫނާއަށްވެސް އޭނާ ފެނުނުކަން ރަމްޒުކޮށްދިނީ އަޒްލަފް ފެނުމާއެކު ހިނިތުންވެލުމުންނެވެ. ލުޔޫނާގެ ކައިރީގައި ހުރި މީހާ ދިޔުމާއެކު އަޒްލަފް ގޮސް ލުޔޫނާގެ ގާތުގައި މަޑުކޮށްލީ ލުޔޫނާ ވެސް އޭނާގެ އިންތިޒާރުގައި މަޑުކޮށްލީކަން އެނގުމުންނެވެ. ލުޔޫނާގެ ތުންފަތް މައްޗަށް ވެރިވި ރަކި ހިނިތުންވުމާއެކު އޭނާ އިސްޖަހައިލިއެވެ. ހީވީ އަޒްލަފް ކައިރީގައި ހުރުމުން އޭނާއަށް ލަދުވެތިކަން އިޙްސާސްވީލެއް ބޮޑުކަމުން ކޮށްލި އަމަލެއް ހެންނެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ އޭނާގެ ކުރިމަތީގައި މިއަދު އެހުރީ ހަމައެކަނި ޑޮކްޓަރ އަޒްލަފްއަށް ނޫނެވެ. އެހެންނަމަވެސް، މިހާރު އެއީ އޭނާގެ ލޯބިވެރިޔާވެސް މެއެވެ. އޭނާގެ ހިތުން ޖާގަ ދިން ޒުވާނާއެވެ. ވީއިރު ކައިރީގައި ހުންނަންވުމުން އަސަރުކުރާނެ ނޫން ހެއްޔެވެ؟

"ކިހިނެއްވީ އިސްޖަހަނީ؟ ދެން އަހަންނަށް ބަލާލާފަ ވާހަކަވެސް ނުދައްކާނީތަ؟" ލުޔޫނާގެ މޫނުމަތީގައިވި ކުލަވަރުތަކުން އޭނާ އިތުރަށް ލަދުގަންނުވާލުމުގެ ނިޔަތުގައި އަޒްލަފް ބުނެލިއެވެ. އޭނާގެ މިލާމޯޅިވި ހިތަށް ދިރުން ދިން އަންހެން ކުއްޖަކީ ލުޔޫނާއެވެ. ދެވަނަ ފަހަރަށްވެސް ލޯބި ވެވިދާނެކަމަށް އެހިތަށް އިޙްސާސްކޮށްލަދިނީ ލުޔޫނާއެވެ. މިހާރު އޭނާ ބޭނުންވަނީ ވީ އެންމެ އަވަހަކަށް ކައިވެނީގެ ގުޅުމުން ގުޅޭށެވެ. ލުޔޫނާއަކީ އޭނާގެ މީހަކަށް ހަދާށެވެ.

"އަޒްލަފް މަންމަ ދޯ ދެންމެ ދިޔައީ. ފެނުނޭ. އެކަމް ގޮވާލާކަށް ނުކެރުނު." އަޒްލަފްގެ ވާހަކައިން ލުޔޫނާ އިސް އުފުލައިލުމަށްފަހު، ބުނެލިއިރު ހީވީ އިތުރަށް ލަދުގަންނަވާލަފާނެތީ ވާހަކަ އޮޅުވައިލީ ހެންނެވެ.

"ހޫމް. ގޮވާލި ނަމަ. ދުވަސްކޮޅަކުން ލުޔޫގެ ވެސް މަންމައަަކަށްނު ވާނީ. " އަޒްލަފް ބުނެލިއެވެ.

"ދެން ނުކެރޭނެއެއްނު." ލުޔޫނާ ހީނލިއެވެ.

"އެއީ ކީއްވެ؟ މަންމަ ވަރަށް އުފާވާނެ އެހެން އަންހެން ކުއްޖަކަށް އަހަރެންގެ ޙަޔާތުން ޖާގައެއް ދިންކަން އެނގުނީމަ. އިންޝާ ﷲ، ވަރަށް އަވަހަށް ފެމެލީއާ މީޓްކުރަން ގެންދާނަން އިނގޭ. " އަޒްލަފް ބުނެލިއެވެ. އެއީ އޭނާ ބޭނުންވާ ގޮތްވެސް މެއެވެ. އެހެންނަމަވެސް އޭނާ މަޑުކޮށްލަން ގަސްތުކުރީ، އަފްނާންގެ ސަބަބުން ގޭތެރޭގައިވި ހާސްކަމުގެ ސަބަބުންނެވެ. ހުރިހާކަމެއް ހަމައަކަށް އެޅިލުމުން ލުޔޫނާ ގެންދަން ނިންމީ އެހެންވެގެންނެވެ.

"ހިނގާ އެތެރެއަށް." އަޒްލަފް އެހެން ބުނެލާފައި ހިނގައިގަތުމުން ލުޔޫނާވެސް އަޒްލަފްއާ އެއް ހަމައެއްގައި ހުރެ އެތެރެއަށް ހިނގައިގަތެވެ.

*****

ރޭގަނޑެވެ. ހޮސްޕިޓަލުން އައި ގޮތަށް މައުވާ ހުރީ ނެގިމަޑުވެފައިކަން ރާމިޒާއަށް ފަހުމްވިއެވެ. އެ ސުވާލު ކޮށްލަން އުޅެފައިވެސް ރާމިޒާ މަޑުކޮށްލިއެވެ. އެހެންނަމަވެސް ރޭގަނޑު ކައިގެން ކޮޓަރިއަށް ވަނުމަށްފަހު، އެނދުގެ ހެޑްބޯޑުގައި ލެނގިލައިގެން ފޯނަށް ނަޒަރު ހުއްޓާލައިގެން މައުވާ އިންނަން ފެށުމުން ސުވާލުނުކޮށެއް އޭނާއަކަށް ނީނދެވުނެވެ.

"ދަރިފުޅާ. ކިހިނެއްވީ؟ މީހަކު އެއްޗެކޭ ކީތަ؟" ރާމިޒާ ސުވާލުކޮށްލިއެވެ.

"ނޫން! ނޫން މަންމާ.." މައުވާ ހިނިތުންވާން މަސައްކަތްކުރިއެވެ. އެހެންނަމަވެސް ހިތުގެ އުދާސްކަން އެކަމަށް ތަނެއް ނުދިނެވެ.

"ކަމެއް ނުވާނަމަ ތިހެން ނީންނާނެ އެއްނު." ރާމިޒާ ބުނެލިއެވެ.

"މަންމާ…." ހިނދުކޮޅަކު ވިސްނާލަން އިނުމަށްފަހު، މައުވާ ރާމިޒާއަށް ގޮވައިލިއެވެ. ރާމިޒާ ނޫނީ އޭނާގެ ހިތުގެ އުދާސްތައް ހާމަކޮށްލާނެ އިތުރު މީހަކު އެވަގުތު ނެތްކަން އެނގުމުންނެވެ. އޭގެ އިތުރުން ރާމިޒާގެ ޚިޔާލެއްވެސް އޭނާއަށް މުހިންމުވީތީއާވެސް އެކުގައެވެ.

"އަފްނާންއާ މެދު މަންމަ ދެކެނީ ކިހިނެއް؟" ކުއްލިއަކަށް އެފަދަ ސުވާލެއް މައުވާ ކުރުމުން ރާމިޒާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އެ ސުވާލަށް ޖަވާބު ދޭނެ ގޮތެއް އޭނާއަކަށް ނޭނގުނެވެ. މައުވާގެ މޫނުމަތިން ފެނުނު އަސަރުތައް ބުނެދެމުން އެދާ ވާހަކަތައް ޤަބޫލުނުކުރެވިފައި އިނދެވުނުއިރު މައުވާ އަނެއްކާވެސް އޭނާއާ ސުވާލު ތަކުރާރުކޮށްލައިފިއެވެ.

"މަންމާ…. ބުނެބަލަ. އަފްނާން ދެކެ ރުޅި އާދޭތަ؟" މައުވާއަށް އަހައިލެވުނެވެ.

"ދަރިފުޅު ކޮން ކަހަލަ ވާހަކައެއް ތި ދައްކަނީ؟" ރާމިޒާއަށް ބުނެވުނެވެ. ދަރިފުޅުގެ ފަރާތުން އިވުނީ އޭނާ އުންމީދުކޮށްގެން ހުރި ޖުމްލަތެކެއް ނޫނެވެ. މައުވާ އަލުން އަފްނާންއާ ގުޅެން ބޭނުންވަނީ ހެއްޔެވެ؟ "ދަރިފުޅު އަނެއްކާ އަފްނާންއަށް ފުރުސަތު ދޭން ބޭނުންވަނީތަ؟"

ރާމިޒާއަށް ވެސް އެ ސުވާލަށް ދޭނެ ޖަވާބެއް ނޭނގޭތީ ރައްދުގައި ކޮށްލެވުނީ ސުވާލެކެވެ. މައުވާގެ އެއްވެސް ނިންމުމަކަށް އޭނާ ފާޑެއް ނުކިޔާނެއެވެ. އެހެންނަމަވެސް އަފްނާންއާ ގުޅެން ބޭނުންވެއްޖެނަމަ އެކަން ކުރުމުގެ ހުއްދަ އޭނާ ދޭނީ ކިހިނަކުން ހެއްޔެވެ؟ އޭނާގެ ދަރިފުޅުގެ ހިތް ހަލާކުކޮށްލި މީހަކަށް ދެވަނަ ފުރުސަތެއް ދޭނީ ކިހިނަކުން ހެއްޔެވެ؟ އޭނާ އަކީވެސް މައެކެވެ. އިންތިހާއަށް މައުވާ ދެކެ ލޯބިވެއެވެ. ވީއިރު ދެވަނަ ފަހަރަށް މީހެއްގެ އަތުން އެ ދަރިފުޅުގެ ހިތް ކުދިކުދިކޮށްލަން ފުރުސަތު ދޭނީ ކިހިނަކުން ހެއްޔެެވެ؟

"މަންމާ.. އަހަރެން އަފްނާންނާ… އަފްނާންއާ ބައްދަލުކޮށްލިޔަސް އޯކޭތަ؟" ރާމިޒާ ހިތްހަމަނުޖެހޭނެކަން އެނގި މައުވާ ހުއްދައަށް އެދުނުއިރު އޭނާގެ އަޑު ނުކުތީ ކެނޑިކެނޑިގެންނެވެ. އެކަމާ ރާމިޒާގެ ޚިޔާލު ހުންނާނެ ގޮތް އޭނާއަށް އަންދާޒާކޮށްލެވޭތީއެވެ.

"ކީއްކުރަން؟" ރާމިޒާއަށް ބުނެވުނެވެ.

"މަންމާ! ޕްލީޒް." މައުވާއަށްވެސް އޭނާގެ ޖަޒުބާތުތައް ކިޔަމަން ކުރުވޭ ގޮތެއް ނުވިއެވެ. އެންމެފަހުން އޭނާގެ ދެލޮލުންވެސް ކަރުނަތައް ފައިބަން ފަށައިފިއެވެ. ކޯތާފަތް މައްޗަށް ކަރުނަތައް ރޮނގުދެމިގެން ދާން ފެށުމާއެކު ރާމިޒާ ގޮދަޑިން ތެދުވެ އެނދުގައި އިށީނދެލިއެވެ. އަދި މައުވާގެ އަތުގައި ހިފައްޓައިލިއެވެ.

"ދަރިފުޅާ." ރާމިޒާއަށް ގޮވައިލެވުނެވެ.

"އަހަރެން ބޭނުން އަފްނާންއާ ބައްދަލުކޮށްލަން." މައުވާ ބުނެލިއެވެ. އޭނާގެ އެތެރެ ހަށި ވަނީ ގުޑާފައެވެ. މޭގައި އުފެދިފައިވާ ތޫނު ރިހުމުގެ އަސަރުތައް އޭނާގެ ހަށިގަނޑަށްވެސް ކުރަން ފެށި ފަދައެވެ. އަފްނާންގެ ދެލޮލުން އޭނާއަށް ފެނިފައިވާ އިންތިހާ ދަރަޖައިގެ ވޭން އޭނާއަށް އުނދަގޫކުރަން ފެށިއެވެ. އަފްނާންއާ ބައްދަލުކުރަން އޭނާގެ ހިތް އެދި ގޮވަން ފެށި ގޮވުމަށް އިޖާބަ ނުދީ ހުންނާކަށް އެ ހިނދު އެ ހިތުގެ ވިންދުވެސް އެއްބަހެއް ނުވިއެވެ. ވީ ހުރިހާކަމަކަށްފަހުވެސް، އެ ހިތުން އަފްނާންގެ ލޯބި ފުހެއެއް ނުލެވުނެވެ. އެ ހިތުގައި އެ ލޯބި އެއްވެސް ފަނޑުވުމެއް ނެތި އަދިވެސް އެބަ ވެއެވެ. އެހެން މީހަކަށް އެހިތުން ޖާދަ ނުދެވޭވަރަށް އަފްނާން އޭނާގެ ހިތުރެ އެތެރޭގައި ދިރިއުޅެމުން އެބަ ދެއެވެ. އެހިތުގައި ޖަހާ ކޮންމެ ވިންދެއްވެސް، އަފްނާންއަށްޓަކައި އެހިތުގައިވާ ލޯބި މައުވާއަށް ޔަޤީންކޮށްދޭން ބޭނުންވެގެން އުޅޭ ފަދައެވެ. އަފްނާން އެންމެ ފަހުން ދެއްކި ވާހަކަތަކުން ވެސް ހިތުގައި އުފެދުނީ ބިރުވެރިކަމެވެ. އޭނާގެ ލޯބި ލިބޭނެކަމަށް އުންމީދު ކަނޑާލާފައި އަފްނާން އުމުރަށް އޭނާ ދޫކޮށްލާފައި ދާކަމުގެ ޚިޔާލާއެކު އެ ހިތް ތެޅި ފޮޅިގަތެވެ. ހީވަނީ އެ ޚިޔާލުން ކެތްނުކުރެވުނު ހެންނެވެ.

"ޕްލީޒް މަންމާ… އެންމެ ފަހަރަކު…" މައުވާއަށް ބުނެވުނެވެ. ރާމިޒާއަށް ދޮގު ހަދާފައި ދާން މައުވާގެ ހިތް އެއްބަހެއް ނުވެއެވެ. އެހާވަރުން ހުއްދައަށް އެދެވުނީ އެހެންވެގެންނެވެ. "ޕްލީޒް."

ދަރިފުޅުގެ ކަރުނަތައް ފުހެލާފައި ރާމިޒާ މައުވާ ގެނެސް މޭގައި ޖައްސައިލިއެވެ. އެ ދަރިފުޅުގެ ހިތުގައި އަފްނާންއަށްޓަކައި ވާ ލޯބި އެގޮތުގައި އެއްވެސް ފަނޑުވުމެއްނެތި ވާކަން އޭނާއަށް އެނގޭތާ އެތަކެއް ދުވަހެކެވެ. މައުވާ އެ އަސަރުތައް ކިތަންމެ ފޮރުވަން އުޅުނު ނަމަވެސް، އެކަން ނުވާނެކަންވެސް ރާމިޒާއަށް އެނގެއެވެ. މައުވާގެ ހިތްހަމަޖެހުމަކީ އަފްނާންކަން އޭނާއަށް އެނގުނު ނަމަވެސް، ޖެހިލުންވަނީއެވެ. އެހެންނަމަވެސް، މައުވާގެ އެދުމަށް ދެކޮޅު ހަދާނެ ހިތްވަރެއް އޭނާގެ ނެތެވެ. މައުވާ އެތަކެއް ވޭނެއް ތަޙައްމަލްކޮށްފިއެވެ.

"އަހަރެން އަފްނާންއާ ދައްކަން ބޭނުންވާ ބައިވަރު ވާހަކަތައް އެބަހުރި." މައުވާ ނޭފަތް އެތެރެއަށް ދަމާލަމުން ފުންނޭވާއެއް ދޫކޮށްލިއެވެ. ރާމިޒާ ބޯ ޖަހައިލީ އެންމެ ރަނގަޅޭ ބުނަމުންނެވެ. މައުވާގެ ހިތަށް ހަމަޖެހުމެއް ލިބޭނެ ހަމައެކަނި ގޮތަކީ އެއީ ކަމަށް ވާނަމަ އެކަމަށް އޭނާގެ މައްސަލައެއް ނެތެވެ. އަފްނާންގެ ލޮލުންވެސް އޭނާއަށް ވަނީ މައުވާއަށްޓަކައި ވާ ލޯބި ފެނިފައެވެ. ޖެހިލުންވި ނަމަވެސް މައުވާއަށް އެ ފުރުސަތު ދޭން ބޭނުންވީ އެހެންވެގެންނެވެ.

މައުވާ އޭނާގެ ލޯ ފުހެލާ ހަަމަޖެހިލިއެވެ. އަދި ރާމިޒާއަށް ޝުކުރު އަދާކުރިއެވެ. ފޯނު ނަގާފައި އަފްނާންއަށް މައުވާ މެސެޖެއްކޮށްލިއެވެ.

*****

ގޭގެ ޓެރެސްގައި ހުރި އަފްނާން ހުރީ ފުން ވިސްނުމަކަށް ގެއްލިފައެވެ. ޖެހިގެން އަންނަ ހަފްތާގައި ފުރުމުގެ ހުރިހާކަމެއްވެސް ވަނީ ހަމަޖެހިފައެވެ. ދިޔުމުގެ ކުރިން މައުވާ އާ ވާހަކަ ދައްކާލަން ކިތަންމެ ހިތް އެދުނު ނަމަވެސް، އޭނާ އަމިއްލަ ހިތަށް ބާރު ފޯރުވީ މައުވާގެ ލޯބި އޭނާގެ ނަސީބުގައި ލިޔެވިފައި ނުވާތީއެވެ. ތަޤުދީރުގައި އޭނާއަށް މައުވާ ލިބޭކަށް ނެތެވެ. އޭނާ ދެކެ އެހާ ލޯބިވާ ކުއްޖަކަށް އަނިޔާ ދިނީ ޚުދު އޭނާއެވެ. ވީއިރު މި ސަޒާ އޭނާ ހިތުން ރުހުމުން ޤަބޫލުކުރަން ޖެހެއެވެ. ޖެހެމުން ދިޔަ ތެތްފިނި ވައިރޯޅިތަކާއެކު، އަފްނާންގެ މުށިކުލައިގެ އިސްތަށިގަނޑު ނަށަން ފެށިއެވެ. ކުޑަކޮށް ދިގުވެފައި ހުރި އިސްތަށިތައް މޫނުމައްޗަށް ވެއްޓި ގޯނާކުރަން ފެށުމުންވެސް އެކަމަށް ސަމާލުކަން ނުދީ ރެއިލިންގައި އަތް އަޅުވާލައިގެން އަފްނާން ހުއްޓެވެ. ފުންނޭވާއެއް ދޫކޮށްލުމާއެކު، ހަށިގަނޑުގައި ހުރި އުދާސްކަމަށް ލުޔެއް ލިބޭނެކަމަށް އަފްނާން ހީކުރިނަމަވެސް އެއީ ކުށްހީއެއްކަން އިޙްސާސްވީ އޭނާގެ ހިތުގެ ހައިޖާނުގަނޑަށް ލުޔެއް ނުލިބުމުންނެވެ. އެހިތުގެ އެންމެ އެތެރޭގައި ފެވިފައިވި މައުވާގެ ނަން ނުފޮހެވޭނެކަން އެނގުމުންނެވެ. އެހެންނަމަވެސް މިއަދު އަމިއްލަ އެދުން އިސްކުރާކަށް އަފްނާންގެ ޒަމީރު އޭނާގެ ނަފްސަށް ތަނެއް ނުދެއެވެ. ލޯތްބަކީ ގަދަބާރުން ހޯދޭނެ އެއްޗެއް ނޫނެވެ. ލޯބީގެ މާނައަކީ އަބަދުވެސް އަނެކާގެ އުފަލަށް އިސްކަން ދިނުމެވެ. އަނެކާގެ ހިތްހަމަޖެހުމަށް އެދުމެވެ. އެ ހިތުގެ އިޙްސާސްތަކަށް ޤަދަރުކުރުމެވެ. އިޙްތިރާމްކުރުމެވެ. މި ސިފަތައް ނުވާނަމަ އެއީ ހަޤީޤީ ލޯތްބަކަށް ނުވެއެވެ.

"އައިލް މިސް ޔޫ މައު… އަބަދުވެސް އެދެނީ މައުގެ އުފަަލަށް. ހުރިހާ އުފަލެއް ލިބެން އޮށްވަ އެހުރިހާ އުފަލައް ނިގުޅައިގަތީ އަހަރެންގެ ދެ އަތުން. ވީއިރު މިއަދު ޝަކުވާކުރުމުގެ އެއްވެސް ފުރުސަތެއް އަހަންނަކަށް ނެތް. އައި ރިއަލީ ލަވް ޔޫ." މޭތެރޭގައި އޮތް ހިތުގެ އަޑަކީ އެއީއެވެ.

ސޯޓުގެ ޖީބުގައި އޮތް ފޯނު ވައިބްރޭޓްވުމުންވެސް އޭނާ ފޯނު ނަގާ ބަލައިލުމުގެ ޚިޔާލެއް ނުކުރެއެވެ. އެހެން ހުއްޓާ ދެވަނަ ފަހަރަށްވެސް ފޯނު ވައިބްރޭޓް ވެއްޖެއެވެ. އަފްނާން ފޯނު ނަގާ ބަލައިލީ ދެނެވެ. ފޫހިކަމާއެކު އައި މެސެޖަށް އޭނާ ބަލައިލީ ފަހަރެއްގައިވެސް މައުވާއަށް ވާނެކަމަށް އުންމީދުކޮށްގެނެއްނޫނެވެ. އެހެންނަމަވެސް، ފޯނަށް ބަލަހައްޓައިގެން އޭނާއަށް ހުރެވުނީ އެ މެސެޖު ފެނިފައެވެ. އެއީ މައުވާގެ މެސެޖެކެވެ. ޔަޤީންނުވެފައި ހުރި ފަދައަކުން އަވަސް އަވަހަށް އެސްފިޔަވެސް އޭނާއަށް ޖަހައިލެވުނެވެ. މެސެޖުހުޅުވައިލުމަށްފަހު އެ ކިޔައިލުމާއެކު ހައިރާންކަން ދެގުނަވެގެން ދިޔައެވެ. ފޯނު ތިރިކޮށްލެވުނުއިރު އެމޫނުމަތިން ފެންނަމުން ދިޔައި ހައިރާންކަމުގެ ކުލަވަރުތަކެވެ. ފޯނު އޮތް އަތް ނޫން އަނެއް އަތުން، ބޮލުގެ އިސްތަށިގަނޑުގައި ފިރުމާލާފައި މައުވާގެ ނަން ދުލުން ކިޔައިވެސް ލެވުނެވެ. އެއާއެކު އަނެއްކާވެސް އެމެސެޖަށް އޭނާ ނަޒަރު ހުއްޓާލިއެވެ. އެއީ ހަމަ މައުވާ ހެއްޔެވެ؟ އޭނާއާ ބައްދަލުކުރަން އެދިފައި މެސެޖު ފޮނުވާފައި އެވަނީ ހަމަ މައުވާ ހެއްޔެވެ؟ އެ މެސެޖަށް ދޭނެ ޖަވާބެއް ނޭނގިފައި އަފްނާންއަށް ހުރެވުނެވެ. މައުވާއާ އަލުން ގުޅުމަކީ އޭނާގެ ތަޤުދީރުގައި ވާން ނެތްކަމެއްކަމަށް ނިންމާފައި ވަނިކޮށް ވާން މިއުޅެނީ ކިހިނެއް ހެއްޔެވެ؟ ދިރިއުޅުމުގައި ކުރިއަށް ފިޔަވަޅެއް އަޅަން ނިންމި ހިނދު މައުވާ އަލުން މެސެޖުކުރީ ކީއްވެހެއްޔެވެ؟ އޭނާގެ ހިތަށް އިތުރު ތަކުލީފުތައް ދޭން ހެއްޔެވެ؟ ހިތް އެދި ގޮވަން ފެށީ މައުވާއާ ބައްދަލުކުރަން ނަމަވެސް، ސިކުނޑި ވިސްނައިދިނީ މައުވާއާ އަލުން ބައްދަލުކޮށްފިނަމަ އޭނާއަށް ކުރިއަށް އެޅި ފިޔަވަޅު ފަހަތަށް އަޅަން މަޖުބޫރުވެދާނެކަމުގައެވެ. އެހެންނަމަވެސް ހިތުގެ ގޮވުމަށް އިޖާބަ ނުދީ އަފްނާންއަށް ކެތްވާނީ ކިހިނަކުން ހެއްޔެވެ؟ ހިތުގެ އިޙްސާސްތަކާ ޖަޒުބާތުތައް ވެފައިވަނީ ކޮންމެ އިންސާނެއްގެވެސް ބަލި ފަޔަށެވެ. ގިނަ ފަަހަރަށް ހިތާ ސިކުނޑީގެ އަރާރުންވުންގަނޑުތެރޭގައި ކޮންމެ މީހަކަށްވެސް ބުރަވެވެވީ ހިތާ އެއްކޮޅަށެވެ. ހިތާ ދެކޮޅަށް ކަންކަން ނިންމުން އުނދަގޫވުމަކީ އިންސާނީ ތަބީޢަތެވެެ. އަފްނާންއަށްވެސް ވީ އެހެންނެވެ. ސިކުނޑީގެ އިންޒާރުތަކަށް ފުރަގަސް ދީފައި އޭނާއަށް ވެސް އިޚްތިޔާރުކުރެވުނީ ހިތުގެ އެދުމެވެ.

"އޯކޭ… ކޮންތާކަށް ކޮން އިރަކުން ދާންވީ؟" އަފްނާން ހަލުވިކަމާއެކު ޓައިޕްކޮށްލާފައި މެސެޖު ފޮނުވާލިއެވެ. އެއަށްފަހު ކެތްތެރިކަމެއް ނެތި މައުވާގެ ޖަވާބެއްގެ އިންތިޒާރުގައި އޭނާއަށް ދެކޮޅަށް ހިނގެން ފެށުނެވެ. މައުވާގެ ޖަވާބެއް އަންނާނެ ގޮތެއް ނޭނގޭތީ އޭނާގެ ހިތްވެސް ތެޅެމުން ދިޔައެވެ.

ފޯނު ވައިބްރޭޓްވުމާއެކު އަފްނާން އަވަސް އަވަހަށް އެ މެސެޖު ހުޅުވާލާފައި ކިޔައިލިއެވެ.

"އަހަރެން މާދަމާ ރޭ އަފްނާންއަށް ގުޅާނަން." މެސެޖުގައި އޮތީ އެހެންނެވެ.

"އޯކޭ. އަހަރެން އިންތިޒާރުކުރާނަން." ޖަވާބު ފޮނުވާލާފައި އަފްނާންއަށް ފޯނަށް ބަލަހައްޓައިގެން ހުރެވުނީ މައުވާގެ އިތުރު މެެސެޖެއް ލިބޭނެކަމުގެ އުންމީދުގައި ނަމަވެސް، މާޔޫސްވެ ކަރު އެލުވައިލަން ޖެހުނީ އޭގެފަހުން މައުވާގެ އެހެން މެސެޖެއް އޭނާއަށް ނުލިބުމުންނެވެ. ޝަކުވާތަކުން ހިތް ބަދެވިގެން ދިޔައީ މައުވާ އޭނާ ތަޅުވަނީ ހެއްޔޭ ހިތަށް އަރާފައެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު