ގްލަޑްބެކް މެޗަށް ފަހު ކޭންގެ އިންތިޒާރު ނިމިއްޖެ، އެންމެ ފަހުން ތަށި އުފުލާލައިފި

ޖަރުމަނު ބުންޑެސްލީގާގެ އާ ޗެމްޕިއަނުން ކަމަށްވާ ބަޔާން މިޔުނިކުން ބޮރޫޝިއާ މުންޗެންގްލަޑްބެކް ބަލިކުރި މެޗަށް ފަހު ލީގު ތަށި އުފުލާލައިފިއެވެ.

ބަޔާންގެ ދަނޑު ކަމަށްވާ އަލިއާންޒް އެރީނާގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 2-0 އިންނެވެ.

މި މެޗު ވެފައިވަނީ ބަޔާންއަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅެދިން ތޯމަސް މުލާ ބަޔާންގެ ކުޅުންތެރިއެއްގެ ގޮތުން އެ ދަނޑުގައި ކުޅޭ ފަހު މެޗަށެވެ. މިއާއެކު މެޗު ފެށުމުގެ ކުރިން ބަޔާންއަށް 750 މެޗު މިމެޗުގައި ފުރިހަމަ ކުރި މުލާއަށް އެކަމުގެ ޝަރަފު އެރުވުން އޮތެވެ. އުމުރުން 35 އަހަރުގެ މުލާއަށް މެޗުގައި ލަނޑެއް ކާމިޔާބުނުކުރެވުނު ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ތިން ފުރުސަތެއް ލިބުނެވެ.

މެޗުގެ 84 ވަނަ މިނެޓުގައި އޭނާ ބަދަލުކުރުމާ އެކު ސަޕޯޓަރުންގެ ފަރާތުން ހޫނު މަރުހަބާއެއް ކިޔާފައިވާއިރު އެ ޓީމުގެ ހުރިހާ ކުޅުންތެރިންވަނީ އޭނާއަށް ގާޑް އޮފް އޮނާއެއް އަރުވާފައެވެ. ބަޔާންއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗުގެ 31 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ފޯވަޑް ހެރީ ކޭންއެވެ. އޭނާ ވަނީ މެޗުގައި ކާމިޔާބުކުރި ލަނޑާ އެކު 25 ލަނޑު މި ފަހަރުގެ ބުންޑެސްލީގާގައި ކާމިޔާބކޮށްފައެވެ. ބަޔާންގެ ދެވަނަ ލަނޑު މެޗުގެ ފަހު މިނެޓުގައި ކާމިޔާބުކޮށްދިނީ މައިކަލް އޮލީސޭއެވެ.

މެޗަށް ނުކުތްއިރު ވެސް ލީގު ކާމިޔަބުކުރެވިފައިވާކަން ކަށަވަރުވެފައިވާ ބަޔާންއަށް ވަނީ މެޗަށް ފަހު ލީގުގެ ޝީލްޑް ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައެވެ.

މި ކާމިޔާބީއާ އެކު ހެރީ ކޭން އޭނާގެ ކެރިއަރުގެ ފުރަތަމަ ތަށި ކާމިޔާބުކުރިއިރު، މުލާއަށް މިވަނީ ލީގު ތައްޓާ އެކު ބަޔާނަށް އަލްވަދާއު ކިޔުމުގެ ފުރުސަތު ލިބިފައެވެ. ބަޔާން މި ސީޒަންގައި ކުޅޭ ލީގުގެ ފަހު މެޗަކަށް ވާނީ މިއަންނަ ހޮނިހިރު ދުވަހު ރަށުން ބޭރުގައި ހޯފެންހެއިންއާ ދެކޮޅަށް ކުޅޭ މެޗެވެ.

މުބާރާތުގައި ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު އާރްބީ ލެއިޕްޒިގާއި ވާޑާ ބްރޭމަން ބައްދަލުކުރި މެޗު އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި އެއްވަރުވެގެން ނިމުނުއިރު ފްރެއިބާގާއި ހޯލްސްޓެއިން ބައްދަލުކުރި މެޗު 2-1 އިން ކާމިޔާބުކޮށްފައިވަނީ ފްރެއިބާގެވެ. އަދި، މެއިންޒް ޒީރޯ ފައިވްއާއި ބޯކުމް ބައްދަލުކުރި މެޗު 4-1 އިން މެއިންޒް ކާމިޔާބުކުރިއިރު ހެއިޑެންހެއިމްއާއި ޔޫނިއަން ބާލިން ބައްދަލުކުރި މެޗު 3-0 އިން ކާމިޔާބުކޮށްފައިވަނީ ހެއިޑެންހެއިމްއެވެ.

comment ކޮމެންޓް