މޯލްޑިވްސް 2.0: ހުވަފެނީ ދުނިޔެއެއްތަ؟

މޯލްޑިވްސް ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓު އިފްތިތާހުކުރުމުގެ ޖަލްސާގައި ރައީސް ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

މިދިޔަ ހުކުރު ދުވަހުގެ ރޭ ސަރުކާރުން އަނެއްކާ ވެސް މި އިފުތިތާހުކުރީ ބޮޑު ނަމެކެވެ. ބޮޑު ބަދަލެއްގެ ވާހަކައެވެ. އެއީ، އެ ކަމެއްގެ ވާހަކަ ފާއިތުވި ދެތިން މަހެއްގެ ތެރޭ، ޕްރޮމޯޓުކުރަމުން އައި "މޯލްޑިވްސް 2.0" ގެ މާ ސިންގާ ތަޞައްވުރެވެ. މާލޭގައި ހުޅުވި އެންމެ އަގުބޮޑު، ފަސްތަރީގެ ހޮޓަލުގައި ބޭއްވި، ބިޔަ ބޮޑު ހަފުލާއެއްގައި، މީގެ ތިން އަހަރެއްހައި ދުވަސްފަހުން ދިވެހީން އުޅޭނެ ފަސޭހައިގެ ކުލަ މަންޒަރުތައް ވެސް ވަނީ ދައްކައިލައިފައެވެ.

ނަމަވެސް، ސުވާލަކީ މިއީ ކިހާ ހަގީގަތެއްގެ މައްޗަށް ބިނާވާ ކަމެއްތޯއެވެ. އަދި މިހާ ބޮޑު ކަމެއް ހަމަ މިހާރު ކުއްލިއަކަށް މުހިންމުތޯއެެވެ.

"މޯލްޑިވްސް 2.0": މިއީ ކޮން ދިވެހިރާއްޖެއެއްގެ ވާހަކަ؟

މޯލްޑިވްސް 2.0 އަކީ ދިވެހި ސަރުކާރުގެ އެންމެހާ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް، ރައްޔިތުންގެ މައުލޫމާތާއި، މުޅި ދައުލަތުގެ ޚިދުމަތް ޑިޖިޓަލް ނިޒާމެއްގެ ތެރެއިން ފޯރުކޮށްދިނުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ގެންގުޅުއްވާ ގައުމީ ތަޞައްވުރެކެވެ. އެސްޓޯނިއާ އަސްލަކަށް ބައްލަވައިގެން ރާއްޖޭގައި މި ކަން ކުރުމުގެ ތަޞައްވުރު އިއުލާނުކުރުމަށް ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވަނީ މި ބަދަލަށް ވާކާލާތުކުރައްވާ ސަބަބުތައް ތަފުސީލާއެކު ހާމަކުރައްވައިފައެެވެ. އެެއް ކަމަކީ ކޮރަޕްޝަން ނައްތައިލުމެވެ.

"...އެހެންވީމާ، ޑިޖިޓަލައިޒްކުރުމުގެ މި މަސައްކަތުގެ އަޅުގަނޑުގެ އެންމެ މައިގަނޑު އެއް މަޤުޞަދަކީ، މި ޤައުމުން ކޮރަޕްޝަންގެ ވަބާ ނައްތާލުން. އިރެޑިކޭޓް ކުރުން،" ރައީސް ވިދާޅުވިއެވެ.

މޯލްޑިވްސް ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓު އިފްތިތާހުކުރުމުގެ ޖަލްސާގައި ރައީސް, އެސްޓޯނިއާގެ ކަމާ ގުޅޭ އިސްވެރިންނާއެކު -- ފޮޓޯ: ރައީސް އޮފީސް

މީގެ އިތުރުން، 2040ވަނަ އަހަރު ރާއްޖެއަކީ 'ތަރައްގީވެފައި'ވާ ގައުމަކަށް ހެދުމުގެ އަމާޒަށް ވާސިލްވާން މި ކަން ކުރުން މުހިންމު ކަމަށް ރައީސް ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި މިއީ ދައުލަތުގެ އެންމެހާ އިދާރާތަކާއި މުއައްސަސާތަކުގައި، ކުރެވޭ މުއާމަލާތްތައް ދެފުށްފެންނަ ހާމަކަން ބޮޑުގޮތެއްގައި ފެންނާނެ ނިޒާމެކެވެ. ތިން އަހަރެއްހައި ދުވަހުން، 2028ގައި މި ނިޒާމު އެކީ ގާއިމުކުރެވޭނެއެވެ. އޭރުން ސަރުކާރުގެ ޚަރަދުތައް ވެސް ވަރަށް ބޮޑަށް ކުޑަކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، އެ ކަން ހާސިލްކުރުމަށް ޓަކައި، ބައިލައްކައެއްހައި ސިވިލް ސާވަންޓުންގެ ތެރެއިން ތިންބައިކުޅަ އެއްބައި ވަކި އުސޫލެއްގެ ތެރެއިން ވޯކް ފްރޮމް ހޯމް އުސޫލަށް ބަދަލުކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، މައުލޫމާތު ހާމަކުރުން ފަސޭހަވެ 'ޕްރެސް ފްރީޑަމް އިންޑެކްސް'އިން ބޮޑު ކުރިއެރުމެއް ހާސިލުކުރުން ހިމެނެއެވެ.

މިއީ މި ތަޞައްވުރުން ހާސިލުވާނެ ކަމަށް ރައީސް ފާހަގަކުރެއްވި އެންމެ މުހިންމު ކަންކަމެވެ.

މިހާރަށް މިކަން ކޮންމެހެން މުހިންމުތަ؟ މިކަމަށް ރާއްޖެ ތައްޔާރުތަ؟

ރައީސްގެ މި ތަޞައްވުރުގައި އެއްވެސް މައްސަލައެއް ނެތެވެ. ނަމަވެސް، މިފަދަ ބޮޑު ބަދަލެއްގެ ތަޞައްވުރު އިއުލާނުކޮށް އަމަލީ ގޮތުން ތަންފީޒުކުރުމުގެ ފުރަތަމަ މަރުހަލާގެ މަސައްކަތް ފެށިއިރު އާންމު ރައްޔިތުންނާއި، ސިޔާސީ ޕާޓީތަކުގެ ޚިޔާލާއި، މަޝްވަރާ އެންމެ އެކަށީގެންވާ ގޮތެއްގައި ހޯދިފައިވޭތޯ މިއީ އުފެދޭ ސުވާލެކެވެ.

ރަައީސް މި ތަޞައްވުރު އިއުލާނުކުރުމާ އެކު އިދިކޮޅު ސިޔާސީ ބޭފުޅުން ވެސް އޮއްސައިލީ ކަންބޮޑުވުމެވެ. އެއީ، ކުރިއާލައި މި ކަމާ ގުޅޭ ފަސް 'ކ' އާ ގުޅޭގޮތުން މަޝްވަރާކުރެވިފައި އޮތްނަމަ ނުވުން ގާތުގައި އޮތް ކަމެކެވެ.

މި ފަދަ ބޮޑު ބަދަލެއް ގެންނައިރު، އެ ތަޞައްވުރު ފުރިހަމަކުރުމުގައި އާންމު ރައްޔިތުންގެ ޚިޔާލު ވެސް ނުހަނު މުހިންމެވެ. އެގޮތުން، މި ކަމާ ގުޅޭގޮތުން ގައުމީ ޔުނިވާސިޓީގައި މަތީ ތައުލީމު ހާސިލުކުރަމުން އަންނަ ބައެއް ދަރިވަރުންނާ ސުވާލުކޮށްލީމެވެ. ނަން ނުޖަހަން ޝަރުތުކޮށް ވާހަކަދެއްކި ދަރިވަރުން މިފަދަ ޑިޖިޓަލް ނިޒާމަކަށް ރާއްޖެ ދިއުމަކީ މައްސަލައެއް ނޫންކަމަށް ބުންޏެވެ. ނަމަވެސް، މިއީ ރާއްޖެ މިހާރު އޮތް އިގުތިޞާދީ ދަތި ހާލަތުގައި ކޮންމެހެން މި ވަގުތު ފަށައިގެން ކުރަންޖެހޭ ކަމެއްތޯ ސުވާލު އުފެއްދިއެވެ.

ޕީއެންސީއަށް ސުޕަމެޖޯރިޓީ ލިބުމުގެ އުފާ ފާޅުކުރުން: އެ ރަސްމިއްޔާތުގައި ހަވާ އެރުވި -- ސަން ފޮޓޯ/ މޫސާ ނަދީމް

"އަޅުގަނޑަށް ހީވަނީ، މިފަދަ ބޮޑު ކަމެއް މޮޅު ނަމެއްގައި ފެށުމަށްވުރެ މާ މުހިންމުހެން ފުރަތަމަ އަނގަޔާއި އަތާ ދިމާވާ ވަރުވުން ނޫންތޯ؟ އެއް ކަމަކަށް ބަލައިނަމަ މި އަޑުއިވެނީ މާލީ ހާލަތު ގޯސް ވާހަކަ. މާ ރަނގަޅު ނޫންތޯ ފުރަތަމަ އަޅުގަނޑުމެންނަށް [ހަޔާ އެޑިއުކޭޝަން މިިނިސްޓްރީން] ދޫކުރަން ޖެހޭ ފައިސާ ވަގުތަށް ލިބޭ ވަރުކޮށްދިނުން،" މަތީ ތައުލީމުގެ ހިލޭ ޑިގްރީ ކޯހެއްގައި ކިޔަވަމުން އަންނަ އެ ދަރިވަރު ބުންޏެވެ.

މި ޑިޖިޓަލް ބަދަލަށް ސަރުކާރުން ޚަރަދުކުރާނީ ކިހާ މިންވަރެއްގެ ފައިސާއެއް ކަމެއް ވެސް ހާމަކޮށްފައެއް ނުވެއެވެ. އެނގޭ ހަމައެކަނި ކަމަކީ މިއީ އެސްޓޯނިއާގެ ޑިޖިޓަލް ނިޒާމުގެ ނަކަލެއް ގެންނަން އުޅޭ ކަމެވެ.

"މިކަމަށް އިތުބާރު ދެވޭނީ، ކޮރަޕްޝަނުގެ ފަސްބައި ތާހިރުކުރުމުން"

ރައީސް ވިދާޅުވި ގޮތުގައި ދެފުށް ފެންނާނެ ޑިޖިޓަަލް ނިޒާމަކަށް ބަދަލުވާން ޖެހެނީ މިހާރު ނިޒާމު އޮތް ގޮތުން، ބާރުވެރިކަން ލިބުމާއެކު އަމިއްލަ ނަފުސު އިސްކުރެވި ކޮރަޕްޝަނުގެ ތެރެއަށް ލެނބޭތީ އެ ކަން ނައްތައިލައި، ހެޔޮ ވެރިކަމެއް ކުރުމަށެވެ.

"އެހެންވީމާ، އަމިއްލައަށް ކުރާ ކަންކަން ކުރުމުގެ ފުރުޞަތު މަދުވާ މިންވަރެއް، މި ޑިޓަމައިން ކުރަނީ، ޚިދުމަތް ދިނުމުގެ ނިޒާމުގެ ތެރޭގައި ކޮރަޕްޝަން ނެތިގެންދާ މިންވަރު. އެހެންވީމާ، ޑިޖިޓަލައިޒް ކުރެވިގެންދާ މިންވަރަކުން މުޅި ނިޒާމު، ޚިދުމަތް ދިނުމުގެ ނިޒާމު، މުޅި ޤައުމުގެ ހުރިހާ މަސައްކަތްތަކެއްގެ ނިޒާމު، އެއީ، މުޅި ދައުލަތް އެކީގައި ހިމެނޭގޮތުން ޑިޖިޓަލައިޒް ކުރެވި، ހިއުމަން އިންޓަވެންޝަން ކުޑަކުރެވުނު ވަރަކުން ކޮރަޕްޝަންގެ ވަބާއިން ސަލާމަތްކުރެވޭނީ،" ހުކުރު ދުވަހުގެ ރޭ ރައީސް ވިދާޅުވިއެވެ.

ނަމަވެސް، މިއީ މި ވަގުތު، މިހާރު ރާއްޖެ މި އޮތް ހާލަތުގައި ކޮންމެހެން ކުރަން މަޖުބޫރުވާ ކަމެއްގެ ގޮތުގައި ދެއްކޭނެ އުޒުރެއް ނޫންކަމަށް އެހެން ދަރިވަރަކު ދެކެއެވެ. އެގޮތުން، މިހާރު ވެސް ރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަތައް ހުށަހަޅައި ބަލަން، "މިނިވަން" މުއައްސަސާއެއްގެ ގޮތުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އެއް އޮވެއެވެ. އެ ތަނާއި، އެހެނިހެން މިނިވަން މުއައްސަސާތަކާއި، ދައުލަތުގެ ބާރުތަކަށް ސިޔާސީ ނުފޫޒު ނުފޯރުވުމާއި، ދެ އަަހަރު ނުފުރޭ މި އާ ސަރުކާރުގައި ކޮރަޕްޝަނުގެ ނިޔަތް ނެތް، ހެޔޮ ވެރިން ތިބިތޯ ބެލުން އެއީ އޭނާ ދެކޭ ގޮތުގައި އެންމެ ފުރަތަމަ ކުރަންވީ ކަންކަމެކެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހުގެ މިއަދު ހާލަތުން ވެސް ފެންނަނީ ކޮރަޕްޝަނާއި، ނުފޫޒު ފޯރުވުން ކަމަށް އޭނާ ބުންޏެެވެ.

"ހިނގާ ޖުޑިޝަރީއަށް ބަލަމާ. ރާއްޖޭގެ އެންމެ މަތީ ކޯޓުން ތިން ފަނޑިޔާރަކާމެދު ރާސްލައިފައި ތަހުގީގެއް ކުރިއަށް ގެންގޮސް އެހައި އިހާނެތި ގޮތަކަށް، ޖަވާބުދާރީވާން ފުރުސަތު ނުދީ، ވަކިކުރުން ކުރިއަށް މި ދަނީ އެ ފަދަ ޑިޖިޓަލް ނިޒާމެއް ނެތީމަތޯ؟ ވެރިންގެ ނިޔަތް ދެއްތޯ މުހިންމީ. ނިޒާމުތަކާއި، ގާނޫނުތައް ވެސް އެބަހުރި. އަމަލުކުރުން ނޫންތޯ މުހިންމީ. މިކަމާ އެއްގޮތަކަށް ވެސް ދެކޮޅީއެއް ނޫން. އެކަމަކު އަހަރެމެންގެ ގައުމުގައި ވެރިކަން ކުރި ކޮންމެ ސަރުކާރެއް، ހަމަ ކޮންމެ ސަރުކާރެއްގައި ވެސް އަޅުވާ އެންމެ ބޮޑު ތުހުމަތަކީ، އިލްޒާމަކީ އެ މީހުން ހަމަ ވައްކަންކުރާ ވަހަކާއި، ކޮރަޕްޓު ވާހަކަ،" ގާނޫނީ ދާއިރާއިން ކިޔަވަމުން އަންނަ އެ ދަރިވަރު ބުންޏެވެ.

އުއްތަމަފަނޑިޔާރާއި ރައީސް މުއިއްޒު -- ފޮޓޯ/ ރައީސް އޮފީސް

އޭނާ ގަބޫލުކުރާ ގޮތުގައި، މި ސަރުކާރަށް އިނގިލި ދިއްކޮށް ކުރާ ކޮރަޕްޝަންގެ ތުހުމަތަކުގެ އަޑު ގަދައެވެ. އޭގެ ތެރެއިން އެއް ކަމަކަށް އޭނާ ފާހަގަކުރީ، ވެރިކަން ކުރާ ޕީއެންސީއަށް މެންބަރުން އިތުރުކުރަން ކުރިއަށް ގެންދިޔަ ކެމްޕެއިނުގައި، ހޯމް މިނިސްޓްރީގެ ދަށުގައި އޮންނަ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު)ގެ އައިޑީކާޑު ޑޭޓާ ބޭސް ބޭނުން ކުރިކަމުގެ ތުހުމަތެވެ.

ނުފޫޒާއި ބާރު ނަހަމަ ގޮތުގައި ބޭނުންކުރަމުން އަންނަކަން ހާމަވާ މި ފަދަ ކަންކަން ވަރަށް ކައިރި މާޒީގައި ވެފައިހުރުމާއެކު، ޑިޖިޓަލް ބޮޑު ބަދަލެއް ގެނައުމުގެ ކުރިން އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ކޮރަޕްޝަނުގެ ތުހުމަތުތަކުން ކިލާވެފައި އޮތް ފަސްބައި ތާހިރުކުރުމެވެ. އެއަށްފަހު މިފަދަ ނިޒާމެއް ގެނެސްގެން އެ ރައްޔިތުންގެ ޒާތީ މައުލޫމާތުތައް ސަރުކާރުން ހިމާޔަތްކުރާނެ ކަމަށް އިތުބާރުކުރެވޭނެ ޔަގީންކަމެއް ދިނުމެވެ.

ގިނަ ބަޔަކު އެހެން ދެކޭނަމަ، 'ކޮރަޕްޝަނުން ސަލާމަތްވެވޭނީ މި ބަދަލު އައިސްގެން' ކަމަށް ވިދާާޅުވުމަކީ ގޯހެކެވެ.

މޯލްޑިވްސް 2.0 -- ފޮޓޯ: ރައީސް އޮފީސް

ކޮންމެއަކަސް، އެކި ވެރިކަންތަކުގައި ތަފާތު އެކި ނަންނަމުގައި، ރާއްޖޭގެ އެކިއެކި ވައްތަރުތައް ރައްޔިތުން ދެކެފިއެވެ. ދިވެހިން ފޮނި ހުވަފެން ދުށް "ވިހިވިހީގެ ތަޞައްވުރު" އާއި، "އަނެއް ދިވެހިރާއްޖެ" އާއި، "ޖަޒީރާ ރާއްޖެ" ވެސް ރައްޔިތުން ދެކެފިއެވެ.

ގިނަ ފަހަރު ނަންތައް ވެފައިވަނީ ރައްޔިތުންގެ މެދުގައި އުންމީދެއް ނެތް ޖޯކުތަކަކަށެވެ. ސަބަބަކީ މިއިން ކޮންމެ ތަޞައްވުރެއް ބާރުލައި އިއުލާނުކުރިއެއް ކަމަކު، އެ ކަން ހާސިލުކުރާނެ ގޮތެއް ބުނެ ނުދެވުމެވެ. އަދި، އެ ކަންކަން ފުރިހަމަކުރެވިފައި ނެތުމެވެ. "މޯލްޑިވްސް 2.0"އާ އެކު ވެސް ސުވާލުތަކަކާއި، ކަންބޮޑުވުންތަކެއް ފެންމަތިވަމުން އަންނަ ސަބަބަކީ އެއީ ކަމުގައި ވެދާނެއެވެ.

"އަޅުގަނޑުމެންގެ ޕްރޮޖެކްޓްގެ ތެރޭގައި ވަރަށް ގިނަ މައިލްސްޓޯންތައް ހުންނާނެ، ކުރިއަށް އޮތް ތިން އަހަރު ދުވަހަށް ބަހާލައިގެން، އަޅުގަނޑުމެން ކަނޑައަޅާ މި ވަރަށް އެމްބިޝަސް، އެހެންނަމަވެސް، އެޗީވަބަލް މި ޓާގެޓްތަކުގެ ތެރޭގައި،" އުންމީދާއެކު ރައީސް ވިދާޅުވިއެވެ.

ނަމަވެސް މޯލްޑިވްސް 2.0، ރައީސްގެ އެންމެ ބޮޑެތި ތަޞައްވުރުތަކުގެ ތެރެއިން ފަށާ މަޝްރޫއެއްގެ ގޮތުގައި ހިމަނާއިރު، މިއީ މިއަދު ރާއްޖޭގެ އިގުތިޞާދީ، އިޖުތިމާއީ އަދި ފަރުދުންގެ ހާލަތު އޮތް ހަގީގަތުގެ މައްޗަށް ބިނާކުރާ ކަމަކަށް ހެދުން ކޮންމެހެން މުހިންމެވެ. ވެރިކަމުގެ ދައުރު ނިމޭއިރު ހާސިލުނުވި، ހުވަފެނީ ކަމަކަށް މިކަން ވެއްޖެނަމަ މިއީ ތާރީޚުގެ ތެރެއަށް ދޫވާނެ "ޖޯކެކެވެ".

comment ކޮމެންޓް