ސައްކެޔޮ: އަނގަޔަށް މީރު ފައިދާހުރި މޭވާއެއް

ސައްކެޔޮ: މިއީ ދުނިޔޭގެ އެންމެ ބޮޑު މޭވާގެ ގޮތުގައި ބެލެވޭ މޭވާ--ފޮޓޯ/ޕިންޓްރެސްޓް

ސައްކެޔޮ ނުވަތަ 'ޖެކް ފްރުޓް' އަކީ އިންޑިޔާ، ބަންގްލަދޭޝް އަދި ސްރީލަންކާ ފަދަ ޤައުމުތަކުގައި ހެދޭ މޭވާއެކެވެ.

ދުނިޔޭގެ އެންމެ ބޮޑު މޭވާގެ ގޮތުގައި ބެލެވޭ ސައްކެޔޮގެ ބަރުދަން ބައެއް ފަހަރު 36 ކިލޯއަށް ވެސް އަރައެވެ. މި މޭވާގެ ދިގު މިނުގައި 90 ސެންޓިމީޓަރު ހުންނައިރު ފުޅާމިނުގައި 50 ސެންޓިމީޓަރު ވެސް ހުންނަކަން ފާހަގަ ކުރެވިފައިވެއެވެ.

ސައްކޭލުގައި ފޮނި މޭވާ ރަހައެއް އެކުލެވޭއިރު މި މޭވާގެ ރަހަ އަކީ އާފަލު، އަލަނާސި އަނބު އަދި ދޮންކޭލުގައި ހުންނަ ކަހަލަ ރަހަތަކާ ދާދި އެއްކަހަލަ ރަހައެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ.

ވީގަން އަދި އެއްވެސް ގޮތަކަށް މަހުގެ ބާވަތްތައް ބޭނުން ނުކުރާ ވެޖިޓޭރިއަންސްއަށް މިއީ މަހުގެ ބާވަތްތަކުގެ ބަދަލުގައި އެ ބައިމީހުންގެ ކެއުމުގައި ބޭނުންކުރާ ވަރަށް މުހިއްމު މޭވާއެކެވެ.

ސައްކޭލަކީ މޭވާގެ ގޮތުގައި ކެއުމުގައި ބޭނުންކުރާ ބާވަތަކަށްވީ ނަމަވެސް އޭޝިއާގެ ގިނަ ޤައުމުތަކުގައި ސައްކޭލުން އުފައްދާ ތަކެތީގެ އަދަދު ވަރަށް ގިނަ--ފޮޓޯ/ޕިންޓްރެސްޓް

އެމެރިކާއަށް ނިސްބަތްވާ ރެޖިސްޓަޑް ޑައިޓީޝަން ބްރިއަންނާ އެލިއޮޓް ބުނެފައިވާ ގޮތުގައި ސައްކޭލަކީ ސިއްހީ ގޮތުން ބަލާނަމަ މީރުކަމާ އެއްވަރަށް އޭގައި ފައިދާތަކެއް ވެސް އެކުލެވޭ މޭވާއެކެވެ.

ބްރިއަންނާ ބުނެފައިވާ ގޮތުގައި ހަށިގަނޑަށް ބޭނުންވާ ހުރިހާ ވިޓަމިންސް އާއި މިނެރަލްސް ސައްކޭލުން ލިބޭއިރު މިއީ ފައިބާގެ މާއްދާއިން މުއްސަނދިވެފައިވާ މޭވާއެކެވެ. މީގެ އިތުރުން ޕްރޮޓީން، މެގްނީޒިއަމް، ޕޮޓޭސިއަމް، ކޮޕާ އަދި މެގަނީޒް އަކީ ސައްކޭލުގައި ހިމެނޭ މުހިއްމު ނިއުޓްރިއެންޓްސްތަކެވެ.

އާއްމުކޮށް އަޅުގަނޑުމެން ކައި އުޅޭ މޭވާތައް ކަމަށްވާ އާފަލާއި، އަނބަށް ވުރެ ސައްކޭލުން ހަށިގަނޑަށް ލިބޭ ޕްރޮޓީންގެ މިންވަރު މަތިވުމަކީ ސައްކޭލަށް ލިބިފައިވާ ވަރަށް ޚާއްސަ ކަމެއް ކަމަށް ޑައިޓީޝަން ބްރިއަންނާ ވަނީ ބުނެފައެވެ.

ހަމައެއާއެކު މިއީ ލޭގައި ހަކުރު ހުންނަ މިންވަރު އެއްވަރެއްގައި ބަހައްޓައިދިނުމަށް އެހީވެދޭ މޭވާއެކެވެ. ހަމައެއާއެކު ސައްކޭލުގައި އެކުލެވޭ އެންޓިއޮކްސިޑެންޓްސްގެ ސަބަބުން ހަށިގަނޑަށް ލިބިދޭ ސިއްހީ ފައިދާތަކާ އެކު ބޮޑެތި ބަލިތަކުން މީހާ ދުރުކޮށްދިނުމަށް އެހީވެދެއެވެ.

ސައްކޭލަކީ މީރު މޭވާއެއް ކަމަށްވިޔަސް ހަކުރު ބަލި ހުންނަ މީހުން އާދަވެގެން ސައްކެޔޮ ކާން ބޭނުންވާ ނަމަ ސިއްހީ މާހިރެއްގެ އިރުޝާދުގެ ދަށުން މި މޭވާ ކެއުމަށް ސަމާލުކަން ދިނުމަށް ޑައިޓީޝަން ބްރިއަންނާ ވަނީ ބުނެފައެވެ. ހަމައެއާއެކު އެކި ކަހަލަ އެލަޖީ މައްސަލަ ހުންނަނަމަ، ޚާއްސަ ބާޗް ޕޮލެންއަށް އެލަޖީވާ މީހެއް ނަމަ ސައްކެޔޮ ކެއުމާ ދުރުވުމަށް ބްރިއަންނާ ވަނީ ބުނެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު