ހިތުގެ ނުރައްކާތެރި ހާލަތަކުން ފުރާނަ ސަލާމަތް ކޮށްދޭ, އޮޓޮމެޓިކް އިމްޕްލާންޓަބަލް ކާޑިއޯވާޓާ-ޑީފިބްރިލޭޓާ (އޭއައިސީޑީ) ޓްރާސްޕްލާންޓްކުރުމުގެ ޕްރޮސީޖާ, ޓްރީޓޮޕް ހޮސްޕިޓަލުން ފުރަތަމަ ފަހަރަށް, ކާމިޔާބުކަމާއެކު ފުރިހަމަކޮށްފިއެވެ.
އޭއައިސީޑީއަކީ ހިތުގެ ނުރައްކާތެރި ރިދަމްތަކުގެ ނުރައްކަލުގައި ތިބޭ މީހުންގެ ފުރާނަ ސަލާމަތްކޮށްދޭ ޒަމާނީ އާލާތެކެވެ. މިއީ ކުޑަ ޖެނެރޭޓަރަކާއި ވަޔަރުތަކެއް ހިމެނޭ، ހަށިގަނޑުގައި އިމްޕްލާންޓް ކުރެވޭ ވަސީލަތެކެވެ.
މި ޑިވައިސްއިން ހިތުގެ ވިންދު ދާއިމީކޮށް ބަލަހައްޓަމުން ގެންދެއެވެ. އަދި ނުރައްކާތެރި ރިދަމެއް ދެނެގަނެވިއްޖެނަމަ އެކަށީގެންވާ މިންވަރެއްގެ ކަރަންޓު ޝޮކެއް ދެއެވެ.
ޒަމާނީ އޭއައިސީޑީތަކުގެ އެހީގައި ޕްރޮއެކްޓިވް ކޮށް ބަލިމީހާގެ ކިބައިން އަލާމާތްތައް ފެނުމުގެ ކުރިން ހިތުގެ ހިނގުން ރަނގަޅުކޮށްދެއެވެ. މި ޑިވައިސްގެ ސަބަބުން ބަލި މީހުންނަށް އިތުރު ރައްކާތެރިކަމާއެކު ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމުގެ ފުރުސަތު ލިބިގެންދެއެވެ.
ޓްރީޓޮޕް ހޮސްޕިޓަލްގައި މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ރާއްޖޭގެ ތަޖުރިބާކާރު ކާޑިއޮލޮޖީ ސްޕެޝަލިސްޓް ޑރ. މިގުދާދު ޝަރީފާއި ޓްރީޓޮޕް ހޮސްޕިޓަލްގެ ކާޑިއޯ ޑިޕާޓްމަންޓްގެ ހެޑް ޑރ. އަމިތް އަގަރްވާލްގެ އެހީތެރިކަމާއިއެކުއެވެ. މިގޮތުން ބަލި ދެނެގަތުމާއި، ރޭވުމާއި އަދި އޮޕަރޭޝަންގައި ޑރ. އަމިތް ވަނީ އިސް ރޯލެއް އަދާ ކުރައްވާފައެވެ.
ޓްރީޓޮޕުން ބުނީ މި މަސައްކަތަކީ ދިވެހި ސިއްހީ ދާއިރާގެ ފަންނީ މާހިރުން، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހިތުގެ ބަލިތަކަށް ފަރުވާދިނުމުގައި ކުރިއެރުން ހޯދަމުންދާކަން ދައްކުވައިދޭ މިސާލެއް ކަމަށެވެ.
"ބަލި ދެނެގަނެވުނު ހިސާބުން ފެށިގެން މި ފަރުވާއަށް ބޭނުންވާ އާލާތްތައް އަވަސް މުއްދަތެއްގެ ތެރޭގައި ހޯދައި، ބަލިމީހާއަށް ލަސްވުމެއްނެތި ފަރުވާ ފޯރުކޮށްދިނުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ ޚާއްސަ މަސައްކަތްތަކެއް ކޮށްފަ، މީގެން މި ފެންނަނީ އަޅުގަނޑުމެންގެ ރެސްޕޮންސް ޓައިމް، އަދި އަޅުގަނޑުމެން އަބަދުވެސް މިފަދަ ކަންކަމަށް ތައްޔާރު ވެފައިވާ މިންވަރު ރަނގަޅުކަން," ޓްރީޓޮޕް ހޮސްޕިޓަލުން ބުންޏެވެ.
މި ކާމިޔާބީއާއެކު، ޓްރީޓޮޕް ހޮސްޕިޓަލުން ވަނީ ރާއްޖޭގެ ސިއްހީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އިސް ދައުރެއް އަދާކުރާ މަރުކަޒެއްގެ ގޮތުގައި އިތުރަށް ކުރިއަރާފައެވެ. އަދި އެއާއެކު ފެންވަރު މަތި، ފުރާނަ ސަލާމަތްކުރުމަށް ބޭނުންވާ ފަރުވާތައް ރާއްޖެއިން ލިބޭނެ މަގު ފަހިވެގެން ގޮސްފައެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ދިވެހިރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލްއެކެވެ. މި ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އައު އުސޫލުތަކާއި ޚިދުމަތްތައް ތައާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ސިއްހީ ހިދުމަތުގެ ހަރަދުތައް ކުޑަކުރުމެވެ. އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ލެބޯޓަރީ ހިދުމަތްތަކާއެކު، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.