ތެހެރާން (11 މެއި 2025) : އެމެރިކާއާއެކު ކުރިޔަށްދާ ނިއުކްލިޔާ ވާހަކަތައް ނާކާމިޔާބު ވެއްޖެނަމަ ދެން އީރާނަށް ކުރިމަތިވެދާނެ ފިއްތުންތަކަކަށް ނޫނީ ކުރިމަތި ވެދާނެ ބިރުވެރި ސިނާރިއޯ އަކަށް ތައްޔާރުވަމުން ދާކަން އީރާނުން ހާމަކޮށްފިއެވެ.
ސީއެންއެންއަށް ދެއްވި ބަސްދީ ގަތުމެއްގައި އީރާނުގެ އިސް މަސްއޫލުވެރިއަކު ވިދާޅުވީ ނިއުކްލިޔާ ވާހަކަތައް ނާކާމިޔާބު ވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން އެ މައްސަލާގައި ކުރިމަތިވެދާނެ ކަންކަމަށް ރިއާޔަތްކޮށް އީރާން ގެންދަނީ އަސްކަރީ ގޮތުންނާއި އިގްތިސާދީ ގޮތުންނާ އަދި ފަންނީ ގޮތުންވެސް ވަރަށް ބޮޑަށް ތައްޔާރު ވަމުންނެވެ.
ނަންހާމަ ކުރަންނޭދޭ އީރާނުގެ މަސްއޫލުވެރިއާ ވިދާޅުވިގޮތުގައި ނިއުކްލިޔާ ޕްރޮގްރާމު ރޫޅާލުމާއި ޔޫރޭނިޔަމް ފައްކާކުރުމުގެ ހައްގު ދޫކޮށްލުމާ އަދި އީރާނުގެ ބަލިސްޓިކް މިސައިލް ޕްރޮގްރާމު ހުއްޓާލުންފަދަ ކަންކަމަކީ އީރާން ނުކުރާނެ ކަންކަމެވެ. ހުރަސް ނުުކުރާނެ ރަތްރޮނގުތަކެވެ. މި ރަތްރޮނގު ހުރަސްކުރަން އީރާނަށް މަޖުބޫރު ނުކުރެވޭނެއެވެ. އެފަދަ ހާލަތެއްގައި އަމިއްލަ ނަފްސުގެ ދިފާއުގައި ބޮޑު ހަނގުރާމައަކަށް ދާންޖެހުނަސް އީރާން އެކަން ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.
އެމެރިކާއާއި އީރާނާ ދެމެދު ކުރިޔަށްދާ ނިއުކްލިޔާ ވާހަކަތަކުގެ އަސާސް ބިނާކޮށްފައިވަނީ އީރާނުން ތިން އިންސައްތައަށް ވުރެ މައްޗަށް ޔޫރޭނިޔަމް ފައްކާ ނުކުރާނެކަމުގެ ގެރެންޓީއާއި ނިއުކްލިޔާ ހަތިޔާރު ނުއުފައްދާނެކަމުގެ ގެރެންޓީ އެމެރިކާއަށް ދިނުމުގެ މައްޗަށެވެ. އަދި މިކަންކަން ބެލޭނެ ބައިނަލްއަގްވާމީ މެކޭނިޒަމެއް އުފެއްދުމުގެ މައްޗަށެވެ. މީގެބަދަލުގައި އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ މައްޗަށެވެ.
ނަމަވެސް މިކަމާ އިސްރާއީލު މުޅިން ދެކޮޅެވެ. މިކަން ޚަރާބު ކޮށްލަން ޔަހޫދީ ލޮބީ ގުރޫޕްތަކާއި ޔަހޫދީ މަހުޖަނުންގެ އެހީގައި އިސްރާއީލު ގެންދަނީ އެެމެރިކާގެ ތެރެއިން މަސައްކަތް ކުރަމުންނެވެ.
އިސްރާއީލު ބޭނުންވަނީ އީރާން ނިއުކްލިޔާ ޓެކްނޮލޮޖީން މަހުރޫމް ކުރާށެވެ. ބައިނަލްއަގްވާމީ ގާނޫނުން ލިބިދޭ ނިއުކްލިޔާ މަދަނީ ޓެކްނޮލޮޖީންވެސް އީރާން މަހުރޫމް ކުރާށެވެ. އަދި އީރާނުގެ އަމިއްލަ ދިފާއުގެ މައިބަދަކަމަށްވާ ބަލިސްޓިކް މިސައިލް ޓެކްނޮލޮޖީންވެސް އީރާން މަހުރޫމް ކުރާށެވެ. ނިއުކްލިޔާ ގާބިލްކަމާއި އަސްކަރީ އެ ނޫން ގާބިލްކަންވެސް ހަމައެކަނި އިސްރާއީލުގެ އަތުގައި ބަހައްޓާށެވެ.
އެއީ އީރާން އަސްކަރީ ގޮތުން ބަލިކަށިކޮށް އިސްރާއީލު ބޭނުންވާ ކޮންމެ ވަގުތަކު ބޭނުންގޮތަކަށް ހަމަލާ ދެވޭ އަދި އެ ހަމަލާތަކަށް ރައްދު ނުދެވޭ ހާލަތުގައި އޮންނަ ގައުމަކަށް އީރާން ހެދުމުގެ ބޭނުމުގައެވެ.
ޓްރަމްޕްގެ ސަރުކާރުގައި އެމެރިކާގެ ގައުމީ މަސްލަހަތަށްވުރެ ބޮޑަށް އިސްރާއީލުގެ ޔަހޫދީ ޒަޔަނިސްޓް މަސްލަހަތަށްޓަކައި މަސައްކަތްކުރާ އިސްފަރާތްތަކެއް އުޅެއެވެ. އަދި އެމެރިކާގެ ކޮންގްރެސްގައިވެސް ޔަހޫދީ މަހުޖަނުންނާއި ޔަހޫދީ ކުންފުނިތަކުން ގަނެލާފައިވާ ކޮންގްރެސް މެންބަރުން ވަރަށް ގިނައެވެ. އެފަރާތްތަކުން ގެންދަނީ އެމެރިކާއާއި އީރާން ކުރިޔަށް ގެންދާ ނިއުކްލިޔާ ވާހަކަތައް ކާމިޔާބުކޮށްލުމަށް އިސްރާއީލާ ގުޅިގެން ބޮޑެތި ރޭވުންތަކެއް ރާވަމުންނެވެ.
އެމެރިކާގެ ގައުމީ ސަލާމަތާބެހޭ މުސްތަޝާރަކަށް ހުންނެވި މައިކަލް ވޯލްޓްސް އަކީވެސް މިފަދަ ބޭފުޅެކެވެ. ޓްރަމްޕަށް ސިއްރުން އޭނާ ގެންދެވީ އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ އާ ގުޅިގެން އީރާނާއި އެމެރިކާގެ ނިއުކްލިޔާ ވާހާކަތައް ޚަރާބުކޮށް އީރާނާ ދެކޮޅަށް އަސްކަރީ ގޮތުން އެމެރިކާ ނެރުމަށް އަޑިއަޑިން ރާވަމުންނެވެ.
ނިޔުޔޯކް ޓައިމްސް ބުނާގޮތުން ދާދިފަހުން ކުއްލި ގޮތަކަށް އޭނާ މަގާމުން ދުރުކުރުމަށް ޓްރަމްޕް ނިންމެވީ މިކަން އެނގިވަޑައިގަތުމާ ގުޅިގެންނެވެ. ވޯލްޓްސް މިހާރުވަނީ މަގާމުން ދުރުކޮށްފައެވެ.
އެމެރިކާއާއި އީރާން ކުރިޔަށްދާ ނިއުކްލިޔާ ވާހަކަތަކުގެ 4 ވަނަ ބުރު މިއަދު ފެށޭނެއެވެ. މިވާހަކަތައް ނާކާމިޔާބު ވެއްޖެ ހާލަތުގައި ދެން އީރާން އަމަލު ކުރާނެ ގޮތުގެ ތަފްސީލް އީރާނުގެ މަސްއޫލުވެރިޔާ ދެއްވާފައެއް ނުވެއެވެ.
ނަމަވެސް އީރާން ދާދިފަހުން ވަނީ މަތީ ޓެކްނޮލޮޖީގެ އައު މިސައިލެއް އުފައްދައި އެ މިސައިލް ތަޖުރިބާ ކޮށްފައެވެ. ޔަމަންގެ ހޫޘީންގެ ކުރިމަތީގައި އެމެރިކާ ހަދާނެ ގޮތް ހުސްވެ ފަހަތަށް ޖެހެން އެމެރިކާއަށް މަޖުބޫރު ވުމުން އެމެރިކާ ވަނީ އިސްރާއީލަށް އަންގައިވެސް ނުލައި ޙޫޘީންނާއެކު އެކަހެރި ގޮތެއްގައި ޑީލެއް ހަދައި ހޫޘީންނަށް އަމާޒުކޮށް ހަމަލާނުދޭގޮތަށް ނިންމާފައެވެ. އޭގެބަދަލުގައި ޙޫޘީން ވެސް ވަނީ އެމެރިކާގެ އަސްކަރީ އަދި އާގުބޯޓުތަކަށް ހަމަލާ ނުދޭން އެއްބަސްވެފައެވެ.
މި މައްސަލާގައި އިސްރާއީލަށް ވަނީ ބޮޑު ސިހުމެއް ލިބިފައެވެ. އިސްރާއީލަށް ނާންގާ އެމެރިކާ ހޫޘީންނާއެކު ޑީލް ހެދުމުންނެވެ.
ހޫޘީން އިއްޔެ ވެސް ވަނީ އިސްރާއީލުގެ މައި އެއާޕޯޓަށް ހަމަލާދީ އެތަނުގެ ދަތުރު ފަތުރު ހުއްޓުވައި އިސްރާއީލުގެ ދެ މިލިޔަނަށް ވުރެ ގިނަ މީހުން ބިންގަރާސްތަކަށް ވަނުމަށް މަޖުބޫރުކޮށް މުޅި އިސްރާއީލުގައި ބިރު ވެރިކަން އުފައްދާލުމުގައި ކާމިޔާބު ހޯދާފައެވެ.