އެމްޑީޕީގެ ވެރިކަމުގައި 19ވަނަ ރައްޔިތުންގެ މަޖިލީހުން އުއްތަމަފަނޑިޔާރާއެކު ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރުން ވަކިކުރުން އެ ޕާޓީއަށް މައްސަލައަކަށް ނުވިކަން ފާހަގަކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ، ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ މުގައްރިރު ހުސްނީ މުބާރިކު އެމްޑީޕީއަށް ރައްދު ދެއްވައިފިއެވެ.
ސުލޫކީ މައްސަލަތަކެއް ބެލުމަށް ފަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމީ މި މަހުގެ ހަތަރުވަނަ ދުވަހެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން، ދިރާސާކޮށް ގޮތެއް ނިންމުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވީ މި މަހުގެ ފަސްވަނަ ދުވަހެވެ.
ކޮމިޓީގައި ޖަވާބުދާރީވުމަށް ފަނޑިޔާރުންގެ ފަރާތުން އެދުމުން، އެ ފުރުސަތު ނުދޭން ނިންމުމަށްފަހު، މިއަދު ބޭއްވި ކޮމިޓީ ވަނީ ސިއްރުކޮށްފައެވެ. އެ ބައްދަލުވުން ސިއްރުކުރަން ނިންމުމުން ކޮމިޓީގައި ހިމެނޭ އެމްޑީޕީގެ ދެ މެންބަރުން ކަމަށްވާ ޕީޖީ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލާއި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވަނީ ކޮމިޓީ ބޮއިކޮޓް ކުރައްވައިފައެވެ.
އެއަށްފަހު ކޮމިޓީން ވަނީ ޖޭއެސްސީން ފަނޑިޔާރުން ވަކިކުރަން ނިންމީ ރަނގަޅަށް ކަމަށް ފާސްކޮށް، މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވައިފިއެވެ.
މި ކަމާ ގުޅިގެން ސަރުކާރާއި ޕީއެންސީގެ ސުޕަމެޖޯރިޓީ މަޖިލީހަށް އިދިކޮޅުން ދަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުވަމުންނެވެ.
މި ކަމާ ގުޅިގެން ހުސްނީ މިރޭ އެކްސްގައި ވިދާޅުވެފައިވަނީ އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮތް 19ވަނަ މަޖިލީހުން ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ވަކިކުރީ "ހަވާ ފަޓާސްބަރި"އެއްހެން ކަމަށެވެ. އެހެން ނަމަވެސް އެ ދުވަހު އެ ބޭފުޅުންނަށް އެ ކަން މައްސަލައަކަށް ނުވި ކަމަށް އޭނާ ވިދާޅުވިއެވެ.
"މަޖިލީހަށް ހުށަހެޅި ދުވަހު، ކޮމެޓީއަށް ފޮނުވާ، ހަމަ އެދުވަހު ކޮމެޓީން ގޮތް ނިންމި. ރިޕޯޓް ކިޔާލަންވެސް ވަގުތު ނުދެ. ހަވާ ފަޓާސް ބަރިއެއްހެން. އޭރު އޯކޭ." ހުސްނީ ލިޔުއްވާފައިވެއެވެ.
އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހުން 2019ގައި ފަނޑިޔާރުކަމުން ވަކިކުރީ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ކުރީގެ ފަނޑިޔާރުން އާދަމް މުހައްމަދާއި އަބްދުލްޣަނީ މުހައްމަދާއި އަބްދުﷲ ދީދީއެވެ. އޭގެ ތެރެއިން ދީދީ ފަނޑިޔާރު ކަމުން ވަކިކުރަން މަޖިލީހުން ފާސްކުރީ އޮގަސްޓު މަހު ކަމަށްވާއިރު، ނޮވެމްބަރު މަހު ޑރ. އަހުމަދު އަބްދުﷲ ދީދީއާއި އާދަމް މަގާމުން ވަކިކުރަން މަޖިލީހުން ފާސްކުރިއެވެ.
އެއަށްފަހު ޑިސެމްބަރު މަހު އަބްދުލްޣަނީ މަގާމުން ވަކިކުރީއެވެ.
އެމްޑީޕީގެ ސަރުކާރުގައި ސުޕްރީމް ކޯޓުގެ ނިންމުންތަކާ ދެކޮޅަށް ފާޅުގައި ނިކުމެ، ފަނޑިޔާރުންނަށް ވަރަށް ބޮޑެތި ތުހުމަތުތައްކޮށްފައި ވެއެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޝަރުތު ހަމަވޭތޯ ބެލުމަށް ވެސް ފާސްކުރިއެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓަށް ލިބޭ ބާރުތަކުން ބޭރުވެ ރައްޔިތުންގެ މަޖިލީހަށް އަރައިގަންނަކަމަށް ބުނެ އިންޒާރު ދިނުމަށް ވެސް ހުށަހެޅިއެވެ.
ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ބެލުމަށްފަހު އެމްޑީޕީގެ ވެރިކަމުގައި ސުޕްރީމް ކޯޓުގެ މުޅި ބެންޗު އެއްކޮށް ބަދަލުކުރިއެވެ.
ސުޕްރީމު ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި އެންމެ ފުރަތަމަ ތިބީ ހަތް ފަނޑިޔާރުންނެވެ. ނަމަވެސް 2014 ވަނަ އަހަރު ފަނޑިޔާރުންގެ ބެންޗު ވަނީ ފަހަކަށް ކުޑަކޮށްފައެވެ. އެއާއެކު އޭރުގެ އުއްތަމަފަނޑިޔާރު އަހުމަދު ފާއިޒު ހުސައިނާއި، ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވަނީ މަގާމުން ވަކިކޮށްފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު އަނެއްކާ ހަތަކަށް އިތުރުކުރުމަށް ޓަކައި ކޯޓުތަކުގެ ގާނޫނު އިސްލާހުކުރީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަމުގައެވެ.