ކުރީގެ އެމްޑީޕީގެ ސަރުކާރުން ފ. މަގޫދޫގައި އެއާޕޯޓު އަޅަން ނިންމީ ރަނގަޅަށް ނޫން ކަމަށާއި، ނަމަވެސް މި ދައުރު ނިމުމުގެ ކުރިން އެ އެއާޕޯޓުގެ މަސައްކަތް ނިންމައި ބޭނުންކުރަން ފެށޭނެ ކަމަށް އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.
މަގޫދޫގައި އަޅަމުންދިޔަ އެއާޕޯޓުގެ މަސައްކަތް ހުއްޓާލާފައިވަނީ މިދިޔަ އަހަރުގެ މާރިޗު މަހުއެވެ. އެ އެއާޕޯޓުގެ މަސައްކަތް ހުއްޓިފައި އޮތުމަށް ފަހު އަނެއްކާ ވެސް އަލުން މަސައްކަތްކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަސްތެރޭގައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވަނީ މަގޫދޫ އެއާޕޯޓު މަޝްރޫއު އަލުން ފަށާނެތޯ އަދި އެ މަޝްރޫއު ނިމޭނީ ކޮންއިރަކުތޯ ސުވާލުކުރައްވައިފައެވެ.
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ރައްޔިތުންގެ މަޖިލީހުގައި -- ފޮޓޯ/ މަޖިލިސް
އެ ސުވާލަށް ޖަވާބުދެއްވައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ، މި ސަރުކާރުން އެ އެއާޕޯޓުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.
"މަގޫދޫ އެއާޕޯޓު މަސައްކަތް އިރާދަކުރެއްވިއްޔާ މި ދައުރު ތެރޭގައި ނިންމާފައި ހުޅުވާނަން،" މުއްތަލިބު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ލަސްތަކެއް އައިސްފިކަން ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް، ކުރީގެ އެމްޑީޕީގެ ސަރުކާރުން މަގޫދޫގައި އެއާޕޯޓު އަޅަން ނިންމީ ރަނގަޅަށް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ގަބޫލުކުރަން ލަސްތަކެއް އައިސްފިކަން. އެންމެ ކުރީގައި ނިލަންދޫގައި އެޅުމަށް، އަބަދު ވެސް ނިލަންދޫގައި އެޅުމަށް ނިންމާފައި އޮތް އެއާޕޯޓެއް މަގޫދުއަށް ބަދަލުކުރީ އެންމެ ރަނގަޅަކަށް ނޫންކަން،" މުއްތަލިބު ވިދާޅުވިއެވެ.

ފ. ނިލަންދޫ އެއާޕޯޓު އެޅުމަށް ބޭނުންވާ ސާވޭތަކާއި އިއައިއޭ ހެދުމުގެ މަސައްކަތް، މޯލްޑިވްސް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އާއި ހަވާލުކުރުން --- ފޮޓޯ: މޫސާ ނަދީމް/ ސަން
އެހެންކަމުން މަގޫދޫ އެއާޕޯޓާ އެއްކޮށް، މި ސަރުކާރުގެ ތަރައްގީގެ ޕްލޭންގެ ދަށުން އެ އަތޮޅުގެ ނިލަންދޫގައި ވެސް އެއާޕޯޓު އެޅުމަށް މި ސަރުކާރުން ނިންމީ ކަމަށް މުއްތަލިބު ވިދާޅުވިއެވެ.
މަގޫދޫ އެއާޕޯޓު މަޝްރޫއަަކީ ގާތްގަނޑަކަށް 232 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ.
ކުރީ ސަރުކާރުން މަގޫދޫ އެއާޕޯޓު ތަރައްގީކުރުމަށް ނިންމާފައިވަނީ، ޖެޓްތައް ޕާކް ކުރެވޭނެ އިތުރު ޕާކިން ސަރަޙައްދަކާއި ވީއައިޕީ ޓާމިނަލެއް ހިމެނޭ ގޮތަށެވެ. އަދި، އެ ތަނަށް ޖައްސާ ބޯޓުފަހަރަށް ތެޔޮއެޅޭނެ ފިއުލް ފާމެއް އެއާޕޯޓުގައި ގާއިމުކޮށް ޖެޓުތަކުގެ ފަޅުވެރިންނަށް މަޑުކުރެވޭނެ ހޮޓަލެއް ވެސް ތަރައްގީކުރާނެއެވެ.
މަގޫދޫ އެއާޕޯޓް ތަރައްގީކުރަން އެމްޓީސީސީއާ މަސައްކަތް ހަވާލުކުރީ 650 ދުވަހުގެ ތެރޭ ނިންމާ ގޮތަށް 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހެވެ.