ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ގެ މެންބަރުންގެ ދައުރުގައި ބާކީ 548 ދުވަސް އޮތް ނަމަ، ބައި-އިލެކްޝަން ބާއްވަން ނުޖެހޭ ގޮތަށް ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ސަރުކާރު ފަރާތުން, މި އިސްލާހު ހުށަހެޅުއްވީ ހޯރަފުށި ދާއިރާގެ ޕީއެންސީގެ މެންބަރު އަލީ މޫސާއެވެ.
މި އިސްލާހު ހުށަހަޅާފައި ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 15، 29، 45 އަދި 56-6 ވަނަ މާއްދާއަށެވެ.
މި އިސްލާހު ހުށަހަޅާ ސަބަބެއްގެ ގޮތުގައި މެންބަރު ފާހަގަކުރެއްވީ، ކައުންސިލްތަކުގެ މެންބަރުންގެ ގޮނޑި ހުސްވާ ހާލަތްތައް އިތުރުވުމެވެ. ތަކުރާރުކޮށް ގިނަ އަދަދަކަށް ބައި-އިލެކްޝަންތައް ބާއްވަން ޖެހޭކަމަށާއި، އޭގެ ސަބަބުން އެ އިންތިޚާބުތައް ބާއްވަންޖެހޭ ޚަރަދު އިތުރުވާކަމަށް މެންބަރު ފާހަގަކުރެއްވިއެވެ.
އިސްލާހުގައި ވަނީ ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ މެންބަރުންގެ ދައުރުގެ ބާކީ 548 ދުވަހަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ، ބައި-އިލެކްޝަން ނުބޭއްވޭނެ ކަމަށެވެ.
މިހާރު ގާނޫނު އޮތް ގޮތުން ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ މެންބަރުންގެ ދައުރުގެ ބާކީ 365 ދުވަސް އޮތް ނަމަ، ބައި-އިލެކްޝަނެއް ބޭއްވުން ލާޒިމު ނޫން ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިހާރު އޮތް ކައުންސިލް ދައުރު ހަމަވާނީ އަންނަ އަހަރުގެ މެއި މަހަށެވެ.
މި ސަރުކާރުން މި އަހަރު ރައްޔިތުންގެ މަޖިލީހަށް އިތުރު 30 ބިލެއް ފޮނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މެއި 03، 2025ގައި ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިއުލާނުކުރައްވައިފައެވެ.
އޭގެ ތެރެއިން ލާމަރުކަޒީ ގާނޫނަށް ގެންނަން ހުށަހަޅާ އިސްލާހުތަކެއްވެއެވެ. އެ އިސްލާހުތަކަކީ:
- 2،000 މީހުންނަށް ވުރެ މަދު އާބާދީއެއްގައި ނަމަ ތިން ކައުންސިލަރުން، 2000އަށް ވުރެ އާބާދީ ގިނަ ނަމަ ފަސް ކައުންސިލަރުން ތިބޭ ގޮތަށް ކަނޑައެޅުން.
- އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އަދަދު ވެސް އެފަދައިން ކަނޑައެޅުން.
- އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސަކީ ސީދާ ވޯޓަކުން ހޮވާ ފަރާތެއް ކަމުގައި ކަނޑައެޅުން.
- ސިޓީ ކައުންސިލަރުންގެ އަދަދު މިހާރު ހުރި މިންވަރަށްވުރެ އިތުރުނުވާނެހެން ހަމަޖެއްސުން.
- ކައުންސިލްތަކުގައި އަންހެނުންނަށް ޚާއްސަކުރެވޭ އިންސައްތަ 33 ޕަސެންޓުން 40 ޕަސެންޓަށް މަތިކުރުން.
މި އަހަރު ކައުންސިލްތަކަށް ގްރާންޓްގެ ގޮތުގައި 2.15 ބިލިއަން ރުފިޔާ ބަޖެޓުކޮށްފައިވެއެވެ.
ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި ގްރާންޓް ފައިސާގެ ތެރެއިން، މިދިޔަ މަހުގެ 24ގެ ނިޔަލަށް ޚަރަދުކޮށްފައިވަނީ 717 މިލިއަން ރުފިޔާއެވެ.