ފަނޑިޔާރުން ވަކިކުރަން އުޅޭ މައްސަލައިގައި ޝާހިދުގެ ކަންބޮޑުވުން ކޮމަންވެލްތާ ހިއްސާކުރައްވައިފި

ޑިމޮކްރަސީގައި ރާއްޖެ ފަހަތަށް ޖެހެމުންދާކަމުގެ ކަންބޮޑުވުންތައް ކޮމަންވެލްތުގެ އެސްޖީއާ ހިއްސާކުރައްވައިފި -- ފޮޓޯ

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި، މަހާޒު އަލީ ޒާހިރު މަގާމުން ވަކިކުރަން، ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފައިވާތީ އެ މައްސަލައާ ގުޅުންހުރި ކަންބޮޑުވުންތައް، އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކޮމަންވެލްތާ ހިއްސާކުރައްވައިފިއެވެ.

ޝާހިދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައިވަނީ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޝާލީ އަޔޯކޯ ބޮޗްވޭއާ ބައްދަލުކުރައްވާފައިވާ ކަމަށެވެ.

އެ ބައްދަލުކުރެއްވުމުގައި ޝާހިދާއެކު ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމާއި، ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވެސް ބައިވެރިވެ ވަޑައިގަތެވެ.

ޝާހިދު ވިދާޅުވީ، ރާއްޖޭގައި ޑިމޮކްރަސީގެ ނިޒާމު ފަހަތަށް ޖެހެމުންދާތީ އެކަމުގެ ކަންބޮޑުވުންތައް ސެކްރެޓަރީ ޖެނެރަލާ ހިއްސާ ކުރެއްވި ކަމަށެވެ. މީގެ ތެރޭގައި ޝަރުއީ ދާއިރާއަށް އަމާޒުކުރާ ހަމަލާތަކާއި، ރައްޔިތުންގެ މަޖިލިސް ޒިންމާދާރުކުރުވޭނެ ގޮތްތައް ހުއްޓުވުމާއި، މުސްތަގިއްލު ކޮމިޝަންތަކާއި މީޑިއާއަށް ނުފޫޒު ފޯރުވުމާއި ސަރުކާރުން ގާނޫނުއަސާސީއާ ޚިލާފަށް ކުރަމުންދާ އަމަލުތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަދި މި ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް ތެދުވާ ޒުވާނުންގެ ކިބައިގައި ހުރި ހިތްވަރުގެ ވާހަކަ ވެސް އަޅުގަނޑު ހިއްސާކުރިން،" ޝާހިދު ވިދާޅުވެފައިވެއެވެ.

މި ސަރުކާރަށް އެންމެ ބޮޑު ފާޑުކިޔުމެއް އަންނަމުންދާ އެއް ކަމަކީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ޖަވާބުދާރީވުމުގެ ފުރުސަތަކަށް އެދިއެދި ތިއްބަވަނިކޮށް، އެ ބޭފުޅުން މަގާމުން ވަކިކުރަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައި، ތަޅުމަށް ފޮނުވުމެވެ.

ސުޕްރީމް ކޯތުގެ ފަނޑިޔާރުންތަކެއްގެ ސުލޫކީ މައްސަލަ ބަލަން ފެށީ މަޖިލީހުގެ މެންބަރުން އިންތިޚާބުވި ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން އެދި އެ ކޯޓަށް ހުށަހަޅާފައި އޮތް މައްސަލަ ބަލަމުން އަންނަނިކޮށެވެ. އެ މައްސަލައިގެ އަޑުއެހުމެއް ފައްޓަން ކުޑަތަންވެފައި އޮއްވައި މިދިޔަ ފެބްރުވަރީ މަހުގެ 26ގައި ސަސްޕެންޑުކުރީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި އަޒްމިރަލްދާގެ އިތުރުން، ހުސްނުއްސުއޫދެވެ.

https://sun.mv/205842

އޭގެ ތެރެއިން ސުއޫދު މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު، އޭނާއާއި އަޒްމިރަލްދާ ވަނީ މި ސަރުކާރުން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަން އުޅޭ ކަމަށް ތުހުމަތު ކުރައްވައިފައެވެ. އަދި ސަރުކާރުގެ ބޭނުމަކީ އެ މައްސަލަ ކޯޓުގައި ކުރިއަށްގެންދިޔުން ހުއްޓުވުން ކަމަށް އެ ދެ ބޭފުޅުން ތުހުމަތު ކުރައްވާފައިވެއެވެ.

ފަނޑިޔާރުން ވަކިކުރާ މައްސަލައިގައި ގިނަ ބަޔަކު އަންނަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. އޭގެ ތެރޭގައި ސަރަހައްދީ އަދި ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތައް ވެސް ހިމެނެއެވެ.

އެމްޑީޕީގެ ވެރިކަމުގައި އެ ޕާޓީއަށް މަޖިލީހުގެ ސުޕަމެޖޯރިޓީ އޮތްއިރު، 2019 ވަނަ އަހަރު ހަތަރު ފަނޑިޔާރުން މަގާމުން ވަކިކޮށްފައިވެއެވެ. އޭގެ ތެރޭގައި އެއިރުގެ އުއްތަމަ ފަނޑިޔާރުން ވެސް ހިމެނުނެވެ.

އެހެންވެ، ފަނޑިޔާރުން ވަކިކުރުމުގެ މައްސަލައިގައި އެމްޑީޕީން ފާޑުކިޔުމާ ދެކޮޅަށް ޕީއެންސީން ވަނީ ވާހަކަދައްކައިފައެވެ. ނަމަވެސް އެމްޑީޕީން ވަނީ އެ ޕާޓީން ފަނޑިޔާރުން ވަކިކުރި ހާލަތާ މިހާރު ފަނޑިޔާރުން ވަކިކުރަން އުޅޭ ހާލަތު ތަފާތު ކަމަށް ބުނެފައެވެ.

comment ކޮމެންޓް