ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ޖަލްސާއެއްގައި ސަންގު ޓީވީގެ ވީޑިއޯ ޖާނަލިސްޓް، ފާތިމަތު މަދަދާއަށް ފުރައްސާރަކުރުމުން، އެ ޓީވީން އެކަން ކުށްވެރިކޮށް ފިޔަވަޅު އެޅުމަށް ގޮވާލައިފިއެވެ.
މިދިޔަ އަންގާރަ ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ޔާމީން ހިމެނިވަޑައިގަންނަވާ ގޮތަށް ވަނީ، މަދަދާއަށް ފުރައްސާރަ އަމާޒުވާ ގޮތަށް ވާހަކަ ދައްކަވައިފައެވެ.
މި ކަން ކުށްވެރިކޮށް ސަންގު ޓީވީން ނެރުނު ބަޔާނެއްގައިވަނީ، ޕީއެންއެފުގެ ޖަލްސާގައި އެ ދެއްކި ވާހަކަތަކާ ގުޅިގެން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ބަޔާނުގައި ވަނީ، މަދަދާއަށް އަމާޒުކޮށް ޕީއެންއެފުން ދެއްކި ވާހަކަތަކަކީ ބަލައިގަނެވޭނެ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ދިވެހި މީޑިއާގެ މުސްތަގުބަލަށް ނުރައްކާވެ، އިތުބާރު ގެއްލެން މަގުފަހިވާނޭ ކަމެއްކަން ފާހަގަކޮށްފައެވެ.
ސަންގުން ބުނެފައިވަނީ ކުރިއަށް އޮތް ޖީލުގެ ނޫސްވެރިން، ޚާއްސަކޮށް އަންހެނުންނަށް އެ މީހުންގެ އިއްޒަތާއި، އަގު ވަޒަންކުރެވި، ބާރުވެރިކުރެވޭ މާހައުލެއްގައި މަސައްކަތްކުރެވޭނެ ރައްކާތެރި ޖާގައެއް ލިބެންޖެހޭނެ ކަމަށެވެ. އެ ގޮތުން ހުނަރުވެރިކަން ހުއްޓުވައި، ކުރިއެރުމަށް ހުރަސް އަޅަން ކުރާ މަސައްކަތްތަކާ ދެކޮޅަށް ސާބިތުކަމާއެކު ތިބޭނެ ކަމަށް އެ ޓީވީން ބުނެއެވެ.
މަދަދާގެ އަބުރަށް އުނިކަން ލިބޭގޮތަށް ޕީއެންއެފުން ވާހަކަ ދައްކާފައިވާތީ، ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ން އެ ފަދަ ކަންކަން ތަކުރާރު ނުވާނެހެން ފިޔަވަޅު އެޅުމަށް ސަންގުން ވަނީ ގޮވާލައިފައެވެ.
މި ކަމާ ގުޅިގެން ބްރޯޑްކޮމްއިން ބުނީ މި ފަހަކަށް އައިސް ބައެއް ފަރާތްތަކުން އެކިއެކި ފޯރމަތްތަކާއި އެއްވުންތަކުގައި ވަކިވަކި ނޫސްވެރިންނަށް ފުރައްސާރަ ކުރަމުންދާކަން ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.
ވަކިވަކި ނޫސްވެރިންނާއި ގުޅިގެން މުޚާތަބު ކުރެވޭއިރު، ޒާތީ ތައްސުބުން އެއްކިބާވެ، އިހުތިރާމާއެކު ކޮންޓެންޓު ގެނެސްދޭން އެ ކޮމިޝަނުންވަނީ އިލްތިމާސްކޮށްފައެވެ. އަދި މި ފަދަ ގޮތްގޮތަށް ނޫސްވެރިންނަށް އަމާޒުކޮށް ދެކެވޭ ވާހަކަތައް ބްރޯޑްކާސްޓު ކުރުމުގައި ސަމާލުކަން ދިނުމަށް ވެސް ވަނީ އެދިފައެވެ.
މީގެ އިތުރުން އެމްއެމްސީން ނެރުނު ބަޔާނެއްގައި ވަނީ ވަކިވަކި ނޫސްވެރިންނާއި މީޑިއާތަކަށް އަމާޒުކޮށް ސިޔާސީ ޕްލެޓްފޯމްތަކާއި މީސްމީޑިއާގެ މަންސަތަކުގައި އެކި ބާވަތްތަކުގެ އިންޒާރު ދިނުމާއި ފުރައްސާރަކުރުމާ ގުޅޭ ކަންބޮޑުވުންތައް އެ ކައުންސިލްގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
ޚާއްޞަކޮށް ވަކި ޖިންސަކަށް އަމާޒުކޮށް ދޭ އެފަދަ ފިނޑި ހަމަލާތައް މި ކައުންސިލުން ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށާއި ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ޑިމޮކްރަސީގެ ހަތަރު ވަނަ ބާރަށް ގަނާ ކުރުމަކީ ޕްރެސް ފްރީޑަމް އިންޑެކްސްގައި ދިވެހިރާއްޖެ ދަށަށް ހިނގައިދާނެ ފަދަ އަމަލެއް ކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ.
އެހެން ކަމުން ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަން ބޭނުން ކުރާއިރު އެންމެހާ ފަރާތްތަކުން ޒާތީ ތައައްސުބުން އެއްކިބާވެ ޒިންމާދާރު ކަމާއެކު އެ މިނިވަންކަމުގެ ބޭނުން ކުރުމަށް ކައުންސިލުން އިލްތިމާސްކޮށްފައިވެއެވެ.