އެމްއެންޔޫގެ ޕްރޮފެސަރު ޑރ. މުރުސަލީން ބައިނަލްއަގުވާމީ ގުރުއާނިކް ކޮންފަރެންސެއްގައި އެމްއެންޔޫ ތަމްސީލުކޮށްދެއްވައިފި

އެމްއެންޔޫގެ ޕްރޮފެސަރު ޑރ. މުރުސަލީން ބައިނަލްއަގުވާމީ ގުރުއާނިކް ކޮންފަރެންސެއްގައި އެމްއެންޔޫ ތަމްސީލުކޮށްދެއްވުން --- ފޮޓޯ/ އެމްއެންޔޫ

ގައުމީ ޔުނިވާސިޓީ، އެމްއެންޔޫގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ޕްރޮފެސަރު ޑރ. މުޙައްމަދު މުރުސަލީން ޕާކިސްތާނުގައި އޮތް ބައިނަލްއަގުވާމީ ގުރުއާނިކް ކޮންފަރެންސަކާއި ސެމިނާއެއްގައި އެޔުނިވާސިޓީ ތަމްސީލުކޮށްދެއްވައިފިއެވެ.

އެމްއެންޔޫއިން ބުނީ، މިދިޔަ މަހުގެ 29އިން 30ގެ ނިޔަލަށް ކުރިއަށް ދިޔަ ފުރަތަމަ ބައިނަލްއަގުވާމީ ގުރުއާން ކޮންފަރެންސްގައި ކީނޯޓު ސްޕީކަރެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް ޑރ. މުރުސަލީނަށް ދައުވަތުދެއްވީ، ބަހާވަލްޕޫރްގައި ހުންނަ އިސްލާމިކް ޔުނިވާސިޓީގެ ގުރުއާނިކް ސްޓަޑީސް ޑިޕާޓްމަންޓުގެ ޗެއާމަން ޑރ. ޒިއާއުއްރަޙްމާން ކަމަށެވެ.

އެ ކޮންފަރެންސްގައި ޑރ. މުރުސަލީން ވަނީ 'މި ޒަމާނުގައި ޤުރުއާނުގެ ފިކުރީ ގޮތުން ވިސްނުން' އެ މައުޟޫގެ މައްޗަށް ކީނޯޓު ޚިތާބެއް ދެއްވާފައެވެ.

އެމްއެންޔޫގެ ޕްރޮފެސަރު ޑރ. މުރުސަލީން ބައިނަލްއަގުވާމީ ގުރުއާނިކް ކޮންފަރެންސެއްގައި އެމްއެންޔޫ ތަމްސީލުކޮށްދެއްވުން --- ފޮޓޯ/ އެމްއެންޔޫ

ޗީފް ގެސްޓެއްގެ ގޮތުގައި ދެވަނަ ހަރަކާތަށް ޑރ. މުރުސަލީން ބައިވެރިވެވަޑައިގަތީ ބަހާއުއްދީން ޒަކަރިއްޔާ ޔުނިވާސިޓީގެ އިންސްޓިޓިއުޓް އޮފް އިސްލާމިކް ސްޓަޑިސްއިން އިންތިޒާމު ކުރި ބައިނަލްއަގުވާމީ ސެމިނާއެއްގައެވެ.

އެ ސެމިނާގައި، "އިސްލާމީ ފިކުރަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އޭގެ ހައްލު" މި މައުޟޫލުގެ މައްޗަށް ވާހަކަދެއްކެވި ކަމަށް އެމްއެންޔޫއިން ބުނެފައެވެ.

އެމްއެންޔޫއިން ބުނީ، މި ހަރަކާތްތަކުގެ ސަބަބުން ބައިނަލްއަގުވާމީ ގޮތުން ޔުނިވާސިޓީ ތަމްސީލުކުރުމުގެ މުހިންމު ފުރުސަތު ލިބުނު ކަމަށާއި އެ ސަރަޙައްދުގެ ޢިލްމުވެރިންނާއި މުއައްސަސާތަކާއެކު ޘަޤާފީ ގޮތުން ގުޅުން ބަދަހިކުރުމަށް މަގުފަހިވި ކަމަށެވެ.

comment ކޮމެންޓް